ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރައީސްގެ އެންގެވުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމްރު އެ މަގާމުން ވަކިކުރަށްވާފައިވަނިކޮށެވެ. އަމްރު އެ މަގާމުން ވަކިކޮށް ވަގުތީ ގޮތުން އެ ކުންފުނި ހިންގުމާ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.

އަމްރު މަގާމުން ވަކިކުރަށްވާފައިވަނީ ސަރުކާރާއި ދެކޮޅަށް ފާޅުގައި ނިކުންނަވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އޭނާ މަސައްކަތް ކުރަށްވަން ފައްޓަވާފައިވަނިކޮށެވެ. އަމްރު މަގާމުން ވަކިކުރުމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ ކޮންމެހެން އަޅުއްވަންޖެހޭ ފިޔަވަޅެއް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު އަޅުއްވާނެކަން އެމަނިކުފާނު ދަންނަ ބޭފުޅުންނަށް އެނގޭނެ ކަމަށެވެ. އަދި ފިޔަވަޅު އެޅުމަކީ ހިތިކަމާއި ފޮނިކަން އޭގައި އެކުލެވޭ އެއްޗެއްކަން ރައީސަށް އެނގިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.



"ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަަވަޅެއް އަޅުއްވާނެ ކަން ރައީސް ދަންނަ މީހުންނަށް އެނގޭނެ. ކޮންމެ ކަމެއްގައި ވެސް، ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރުން މުހިންމު." ރައީސް ސާލިޙަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ކެމްޕޭން ކުރަށްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކުއެވެ. ރިޔާސީ ޕްރައިމަރީ ރައީސް ސާލިޙު ކާމިޔާބު ކުރަށްވައި ރިޔާސީ ޓިކެޓް އެމަނިކުފާނާއި ހަވާލުކުރިފަހުން އަމްރު ވަނީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދާ ގުޅިވަޑައިގެން ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގައި ވަކި ފެކްޝަނެއް ހަދައިގެން މަސަައްކަތް ފައްޓަވާފައެވެ.

އަމްރު ދާދިފަހުން ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ޖުމުހޫރީ ޕާޓީ އާއި ބައްދަލުކުރަށްވައި ފިކުރެއްގެ ދިރުމާއި ގުޅިގެން މެނިފެސްޓޯ އެއް އެކުލަވާލުމަށް މަޝްވަރާ ވެސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު