ރަމަޟާންމަހު ކީރިތި ގުރުއާން ޚަތިމްކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި ދީނީ އިލްމްވެރިޔާ މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ ރަމަޟާންމަހު ގުރުއާން ޚަތިމްކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި އެއީ ސުންނަތެއް ވެސް ނޫން ކަަމަށެވެ. އަދި ރަމަޟާންމަހުގެ ރޭތަކުގައި ގުރުއާން އެއްކޮޅުން އަނެއްކޮޅަށް ކިޔަވައި ޚަތިމްކުރަންޖެހޭނެ ކަމަށް ބުނާ އެއްވެސް ދަލީލެއް ކީރިތި ގުރުއާނުން ނުވަތަ ރަސޫލާގެ ސުންނަތުން އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން އެއީ ކޮންމެހެން ރަމަޟާންމަހު ކުރަންޖެހޭ ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ރަމަޟާންމަހު ގިނަގިނައިން ގުރުއާން ކިޔެވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެއީ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ގުރުއާން ޚަތިމްކުރުމަށް ކަމަށް ބުނެ އަވަސް އަރުވާލައިިގެން ރަމަޟާންމަހު ގުރުއާން ކިޔެވުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫން ކަމަށް މައުމޫން ވިދާޅުވިއެވެ.

"ބައެއް މީހުން ހަދާގޮތަކީ ކޮންމެ ރެއަކު ގުރުއާނުގެ ފޮތެއް އެކީގައި ކިޔަވައިގެން ރަމަޟާންމަހު ތިރީސް ރޭ މަތިން އެކީގައި މުޅި ގުރުއާން ކިޔަވަނީ، އެކަމަކު އެހެން ހަދަންޖެހޭނެ ކަމަށް އޮތް ދަލީލެއް އަޅުގަނޑަށް ފެނިފައެއް ނެތް، އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ދެންނެވޭކަން ނެތް،" މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީން ދީނީ ތައުލީމް ހާސިލްކުރައްވާފައިވާ މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވީ ކަމެއް އިސްލާމްދީނުގައި އޮތްކަމަށް ސާބިތުވާނީ ކީރިތި ގުރުއާނުން ނުވަތަ ސުންނަތުގެ އަލީގައި ކަމަށެވެ. ކީރިތި ގުރުއާނުގައި ނުވަތަ ސުންނަތުގައި ނެތް ކަމެއް މީހަކު ކުރި ނަމަވެސް އެއީ ދީނުގައި އޮތްކަމަކަށް ނުވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ކީރިތި ގުރުއާން ކިޔަވަންޖެހޭނީ އޭގެ މާނަ އާއި މެދު ވިސްނައި ފިކުރުކޮށް އޭގެން ހިދާޔަތް ލިބޭގޮތަށް ކަމަށެވެ. އަދި ކީރިތި ގުރުއާނުގައި އޮންނަނީ ގުރުއާނުން ފަސޭހަތަނެއް ކިޔެވުމަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެހެންވީމަ ކީރިތި ގުރުއާން ފެށުނީސްސުރެ ނިމެންދެން ކިޔަވާށެކޭ އެއްެވެސް ތަނަކު އަންގަވާފައެއް ނުވޭ، އަޅުގަނޑުމެން އެކަން ކުރަނީ ގިނައިން ކިޔެވީމަ ބަރަކާތް ހާސިލްވާނެ ކަމަށް ބަލާފައި. އެއީ ހަމަ ރަނގަޅުކަމެއް. ދެން، އެކަމަކު އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން، ގުރުއާން އެއްކޮޅުން އަނެއްކޮޅަށް ނިންމުމަކީ ވަކި މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއް ނޫން. ގިނައިން ކިޔެވި ވަރަކަަށް ސަވާބު ލިބޭނެ. ކިޔެވުމުގެ މާނައަކީ ވެސް ކޮބައިތޯ؟ ކިޔެވުމުގެ މާނައަކީ އެކިޔަވާ އެއްޗަކާއި މެދު ވިސްނައި އެ ތަދައްބަރުކޮށް އެއިން ހިދާޔަތް ލިބިގަތުން. އެއިން ތިމާއަށް ފައިދާއެއް ކުރާނެ ގޮތަށް ކިޔެވުން، އެގޮތަށް ކިޔެވުމަކީ އަސްލު ކިޔަވަންޖެހޭ ގޮތަކީ. ކޮންމެހެން އެއްކޮޅުން އަނެއްކޮޅަށް ކިޔެވުމެއް ނޫން." މައުމޫން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު