ޞާދިރު ޢަލީދީދީ   25 މާރިޗު 2023 - 19:42
محمد ގެފާނުގެ ނަބީކަން ފާޅުވުމަކީ މާތް ﷲ ގެ ކައުވަންތަކަން ފާޅުވުމެވެ.
محمد ގެފާނުގެ ނަބީކަން ފާޅުވުމަކީ މާތް ﷲ ގެ ކައުވަންތަކަން ފާޅުވުމެވެ.
މުޙަންމަދުގެފާނުގެ ނަބީކަން ފާޅުވުން

.

އެއްފަރާތުން އެފްރިކާ އަނެއްފަރާތުން އޭޝިއާއާއި ޔޫރަޕްގެމެދުގައިވާ ޖަޒީރަތުލް ޢަރަބަކީ ޤަދީމީ ޒަމާނުގައި އާބާދުވެފައިވާ ދުނިޔޭގެ ޖިއޮގްރަފީ ހިތްކަމުގައި ދެންނެވިދާނެއެވެ. ނަމަވެސް އިހުޒަމާނުގައި ވެރިކަމުގެ ދާއިރާ ފުޅާކުރައްވަން މަސައްކަތްކުރެއްވި ސިޔާސީ ޒަޢީމުންގެ ތެރެއިން މިދެންނެވި ސަރަޙައްދު އެބޭފުޅެއްގެ ރަސްކަމުގައި ހިމެނުއްވަން މަސައްކަތް ކުރެއްވި އެއްވެސް ބޭފުޅަކު ފެނިފައެއް ނުވެއެވެ. ހުރިހާ ހަނގުރާމަވެރި ހަމަލަތަކެއްވެސް ޢަރަބިކަރައިގެ ސަރަޙައްދީ ތަންތަން ކަމުގައިވާ ޢިރާޤާއި، ޝާމާއި، ފަލަސްޠީނާއި، ލުބުނާނާއި ޔަމަނާހަމަޔަށް އައުމަށްފަހު ވަނީ ހުއްޓިފައެވެ. ބާކީ އޮތް ޙިޖާޒާއި ނަޖުދުގެ ސަރަޙައްދު އެބޭފުޅެއްގެ އެމްޕަޔަރުގައި ހިމެނުއްވުމުގެ ބޭނުންފުޅެއް އެއްވެސް ބޭފުޅަކު އިޙްސާސެއް ނުކުރައްވައެވެ. އެހެނީ ތިންފަރާތުން ކަނޑު އޮތުމާއެކުވެސް އެތާނގައި ހިކިފަރުބަދަތަކާއި، ވަޔާއުދުހެމުންދާ ހިމުން ވެލިތައް ފިޔަވައި އެހެން އެއްވެސް އެއްޗެއްނެތެވެ.

މުސްލިމުންގެ ނަބިއްޔާ محمد بن عبد الله (صلى الله عليه وسلم) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިދެންނެވި "ގަސްގަހާގެއްސެއް ފެނެއްނެތް" ވާދީގެ މައި ރަށްކަމުގައިވާ މައްކާގައެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން އެކަލޭގެފާނުގެ ބައްޕާފުޅު عبد الله بن عبد المطلب އަވަހާރަ ވެއްޖެއެވެ. އެކަލޭގެފާނުގެ އުމުރުފުޅުން އެންމެ ހައަހަރުފުޅަށް އޮތްވައި މައިކަނބަލުންވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ބެލެހެއްޓެވީ ކާފާފުޅު ޢަބްދުލް މުއްޠަލިބް ބުނު ޙާޝިމް (عبدالمطلب بن هاشم) އެވެ. ނަމަވެސް ދެ އަހަރުފަހުން އެކަލޭގެފާނުވެސް މިދުނިޔެ ދޫކުރައްވަފިއެވެ. އެހާތަނުން އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބް ބުނު ޢަބްދުލް މުއްޠަލިބް (أبو طالب بن عبد المطلب) ގެ އިސްތަށިފުޅުގައި އެކަލޭގެފާނުގެ ބެލެނިވެރިކަން އެޅިއްޖެއެވެ. ނަމަވެސް ހިޖުރައިގެ ތިންއަހަރު ކުރިން އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ އުނދަގޫފުޅު މަރްޙަލާގައި އެ ބޮޑުބޭބޭފުޅުވެސް އަޖަލުގެ ގޮވައިލެއްވުމަށް އިޖާބަދެއްވައިފިއެވެ.

ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާއަށް ފިޠުރަތުން ވަރަށް މަތިވެރި ޝަޙްޞިއްޔަތެއް ދެއްވައިފައިވެއެވެ. ތުއްޕުޅުއިރު އެކަލޭގެފާނު ދެކޭ މީހުންނަށް "މިކުއްޖާގެ މުސްތަޤުބަލް ވަރަށް މަތިވެރިވާނެއެވެ." މިހެން ބުނެވެއެވެ. ބޮޑުފުޅުވުމަށްފަހު އެކަލޭގެފާނު ކީރިތިކަން ހުރިވަރީ، ޢަލީ ރަޟިޔަ ﷲ އަންޙް (علي رضي الله عنه) ވިދާޅުވާގޮތުގައި އެކަލޭގެފާނު އެންމެފުރަތަމަ ދެކޭމީހުން އެކަލޭގެފާނުދެކެ ޖެހިލުންވެއެވެ. މީހަކު އެކަލޭގެފާނާއެކު އުޅެންފަށާއިރަށް އެކަލޭގެފާނު ދެކެ ލޯބިވާން ފަށައެވެ. ނަމަވެސް ސާޅީސް އަހަރުގެ ޢުމުރުފުޅުގައި އެކަލޭގެފާނު ނަބީކަމުގެ ދަޢުވާ ފެއްޓެވުމުން މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ދަޢުވާ ހިމެނުނީ ވަރަށްވެސް އަގެއްނެތް ނިކަމެތި ދަޢުވާއެއް ކަމުގައެވެ. އެބައިމީހުން ބުނެއުޅުނީ "މިހިރަ ބީރައްޓެހި ކުއްޖަކު ދެކެބަލާށެވެ. އޭނާ ހީކުރަނީ އުޑުން އޭނާއަށް ވަޙީ އަންނަކަމަށެވެ." މިފަދައިންނެވެ.

އިތުރު އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު ކުރެއްވީ އެންމެ ތޭވީސް އަހަރުއެވެ. ނަމަވެސް މިދެންނެވި ނުހަނު ކުރުކުރު މުއްދަތުގެ ތެރޭގައި އެކަލޭގެފާނުވަނީ އިންސާނީ ތާރީޚުން އޭގެ ދެވަނަ މިސާލެއް ފެންނާން ނެތްފަދަ އިންޤިލާބެއް ޢަރަބިކަރައިގެ ޤަބީލާތަކަށް ގެންނަވައިފައެވެ. ސަތޭކަ އަހަރަށްވުރެވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ އިންޤިލާބު ދުނިޔޭގެ ބޮޑު ދެ އެމްޕަޔަރ ކަމުގައިވާ ސާސާނީ ރަސްކަމާއި، ބައިޒެންޓައިން ރަސްކަން ފުނޑުފުނޑު ކޮށްލިއެވެ. އެއްފަރާތުން ޢިރާޤާއި އީރާނުން ފެށިގެން ބުޚާރާއާހަމައަށް އަނެއްފަރާތުން ޝާމްކަރައާއި ފަލަސްޠީނުން ފެށިގެން މިޞްރާއި މުޅި އުތުރު އެފްރިކާ ފަތަޙަކުރިއެވެ. ދެން އެސައު ދެމިގަތީ ހުޅަނގުފަރާތަށެވެ. މީލާދީން 711 ގައި ޖަބަލުއްޠާރިޤް (ޖިބްރޯލްޓަރ)ގެތެރެއިން ލައިފައިގޮސް ސްޕޭނާއި ޕޯޗްގީޒަށް ވަނެވެ. ހުޅަނގު ޔޫރަޕުން މުސްލިމުންގެ ޤާފިލާގެ ކުރިއެރުން ހުއްޓުވައިލެއްވީ 732މ. ގައި ތޫރެވެ ކިޔުނު ސަރަޙައްދުގައި ފަރަންސޭސިވިލާތުގެ ރަސްގެފާނު ޗާލްސް ކާޓްލެވެ. ނަމަވެސް ޔޫރަޕްމީހުން ދެ ޤަރުނުވަންދެން ހިންގި ޞަލީބީ ހަނގުރާމަތަކާއި، އޭގެފަހުން ކުރިމަތިވި ތަތާރުންގެ އެތަކެއް ހަމަލާތަކާއެކުވެސް ފަނަރަވަނަ ޤަރުނާ ހަމަޔަށްވެސް މުސްލިމުންނަށް އެއްވެސް ކަހަލަ ޙަޤީޤީ ގެއްލުމެއް ނުލިބެއެވެ. އެބައިމީހުންގެ ދާޚިލީ އަރައިރުމުގެ ސަބަބުން ސްޕެއިންނަގައިލި ނަގައިލުން ފިޔަވައެވެ.

އެހާތަނުން ފެށިގެން މުސްލިމުންގެ ދާޚިލީ ބާރު ނެގެހެއްޓީ ތުރުކީންނާއި މަޣޫލުންނެވެ. މީލާދީން 1453 ވަނަ އަހަރުގައި ތުރުކީން ޤުސްޠަންޠީނިއްޔާ ފަތަޙަކުރިއެވެ. އިރުމަތީ ޔޫރަޕުން ޔޫގޯސްލޭވިޔާއާ ހަމަޔަށް ދަތުރުކުރިއެވެ. ވިއޭނާގެ ސަރަޙައްދުގެ ކައިރިގައި 1683މ. އާ ހަމަޔަށް ތުރުކީ ލަޝްކަރެއް އޮތެވެ. ސޯޅަވަނަ ޤަރުނުގައި މަޣޫލުން އިންޑިޔަން ސަބްކޮންޓިނެންޓާއި އަފްޣާނިސްތާނުގެ ސަރަޙައްދުގައި މުސްލިމުންގެ ވެރިކަން ޤާއިމުކުރިއެވެ. އިސްލާމްދީނުގެ ދާއިރާއަށް އެލިބުނު ތަނަވަސްކަމުގެ ނަތީޖާއެއްގެ ގޮތުން، ތޭރަޤަރުނު ވޭތުވެގެން ދިއުމަށްފަހު މިއަދުވެސް ދުނިޔޭގެ ގާތްގަޑަކަށް ހުރިހާ ކަންކޮޅުތަކެއްގައި މުސްލިމުން އެބަތިއްބެވެ. އޭޝިޔާއާއި އެފްރިކާއިން ފެށިގެން ޔޫރަޕާ ހަމަޔަށް ސާޅީސް އެތައްޤައުމެއްގެ މައްޗަށް އެކުލެވޭ މުސްލިމު ސަރަޙައްދެއްވަނީ އުފެދިފައެވެ. "މުއުތަމަރުލް ޢާލަމުލް އިސްލާމީ" އިން 1975މ ވަނަ އަހަރު ޝާއިޢުކޮށްފައިވާ "ޢާލަމީ މުސްްލިމް ގެޒެޓް" ގައިވާ ގޮތުން އެއިރު ދުނިޔޭގައި ތިބި މުސްލިމުންގެ އަދަދަކީ 90 ކުރޯޑެވެ.

މިހުރިހައި ކަމަކީވެސް އިސްލާމްދީނުގެ ނަބިއްޔާ، محمد صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ވެރިކަމުގެ ދަށުގައި ޢަރަބިކަރައިގައި ކުރެވުނު ތޭވީސް އަހަރުގެ މަސައްކަތުގެ ނަތީޖާއެވެ. ތޭވީސްއަހަރުގެ ތެރޭގައި މިފަދަ އިންޤިލާބެއް ގެނައުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.

އާދެ، މިދެންނެވި އިންޤިލާބަކީ ހަމައެކަނި އިންސާނީ ތާރީޚުގައި ދާއިމީގޮތެއްގައި ބިންވަޅުނެގި ފާހަގަކުރެވުފައިވާ އިންްޤިލާބެއް ނޫނެވެ. އަދި ކީއްތޯއެވެ. ޚުދު އެއިންޤިލާބުގެ އަމިއްލަ ތާރިޚެއް އުފައްދަވާފައިވާ އިންޤިލާބެކެވެ. ޝައްކެއްނެތް ގޮތުގައި މިއީ މާތް ﷲ ފުރިހަމަ ކުރައްވާފައިވާ އިލާހީ މަސައްކަތްޕުޅެކެވެ. ބަދުރު ހަނގުރާމައިގައި ލިބުނު ފަތަޙައަށް ފަހު އިސްލާމީ ލަޝްކަރު އެނބުރި އައި މަގުމަތީގައި ރައުޙާއާ ހަމައިން މުސްލިމުންގެ ބައެއްމީހުންނާ ބައްދަލުވިއެވެ. އެބައިމީހުން އިސްލާމީ މުޖާހިދުންނަށް ފަތަޙައިގެ މުބާރިކްބާދު އަދާކުރިއެވެ. އެވަގުތު މުޖާހިދުންގެ ސަލްމާ ބުނު ސަލަމާ ރަޟިޔަ ﷲ އަންހު (سلمة بن سلامة رضى الله عنة) ޖަވާބު ދެއްވިއެވެ. "ތިޔަބައިމީހުން ތިޔަ މުބާރިކްބާދު އަދާކުރަނީ ކޮންކަމަކަށް ހެއްޔެވެ؟ މާތް ﷲ ގަންދެމެވެ. އަހަރެމެން މިކުރިކަމަކީ، ބަނދެފައިއޮތް ޖަމަލެއް ކަތިލުންފަދަ ކަމެކެވެ." (ތަހްޛީބް ސީރަތު އިބްނު ހިޝާން: 153)

الله سبحانه وتعالى އެކަލާނގެ ޚާއްޞަ އިރާދަފުޅުން ކުރީއްސުރެވަނީ މިކަމުގެ ސަބަބުތައް މެދުވެރިކުރައްވައިފައެވެ. ޢަރަބިކަރައިގެ ހޫނު ޖިއޮގްރަފީގައި ސަހަރާގެ ދިރިއުޅުމުގެ ނަތީޖާއެއްގެގޮތުން ޚަޞީލަތުގެ ހަރުދަނާކަން އާދަޔާޚިލާފަށް ލިބިގެންވާ ޤައުމެއްވަނީ ޖަމާކުރައްވައިފައެވެ. އެބައިމީހުން އިޤްރާރުވުމާއި އިންކާރުކުރުމާދެމެދުގައި އޮންނަ ތިންވަނަ އެއްޗެއް ނުދަނެއެވެ. ވަރުގަދަ ތަޙްރީކެއްގެ މުޖާހިދުން ކަމުގައި ވުމަށް ބޭނުންވާ ހުރިހާ ފިޠުރީ ޚާޞިއްޔަތެއް އެބައިމިބުންގެ ކިބައިގައިވަނީ ލައްވައިފައެވެ. ހަމައެފަދައިން ޖަޒީރަތުލް ޢަރަބުގެ ދެފަރާތުގައި އެވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެރަސްކަން ޤާއިމުކުރެއްވިއެވެ. އެބައިމީބުން އެބައިމީހުންގެ އަވަށްޓެރިކަމުގައި އަލަށް އުފެދޭ ބާރެެއް ޤަބޫލުނުކުރުމާއި، އެބާރަކާއި ދެކޮޅަށް ނުޙައްޤު ޙަމަލާތައް ފަށައިގަތުމަކީ މުޅިން ތަބީޢީ ކަމެކެވެ. މިގޮތުން އެބައިމީހުން އިސްވެދިން ނުހައްޤު ޙަމަލަ މުސްލިމުންނަށް ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ހުރި ޤައުމުތައް ފަތަޙަކުރަމުން ގެންދިއުމުގެ ޙައްޤު ލިބިދިނެވެ. އެހެނީ ގާތްގަނޑަކަށް އޭރުގެ މުޅިދުނިޔެއަކީވެސް އެ ނުޙައްޤު ހަމަލާދޭ ދެޤައުމުގެ ސަރަޙައްދެވެ. އިސްލާމްދީނުގެ ހަނގުރާމަތަކަކީ އެހެން ބައެއްގެ މައްޗަށް އަރައިގަނެ ވެރިވެގަތުމަށްޓަކައި ހިންގި ހަނގުރާމަތަކެއް ނޫންކަމީ ޙަޤީޤަތެކެވެ. އަދި ކީއްތޯއެވެ. އެހަނގުރާމަތަކަކީ، އަބަދުވެސް ދުނިޔޭގައި ހުއްދަކަމުގައި ބެލެވިފައިވާ ފަދައިން އެހެންމީހުންގެ ނުޙައްޤު ޙަމަލަތަކުގެ ޖަވާބެވެ.

އިސްލާމީ އިންޤިލާބާ ވިދިގެން ހިނގައިދިޔަ ޙާދިޘާތަކަށް އަހަންމިއްޔަތު ލިބިފައިވަނީ ހަމައެކަނި ސިޔާސީ ގޮތަކުން ނޫނެވެ. އެއަށްވުރެ މުހިއްމުކަމަކީ އެ އިންޤިލާބުގެ މަޤްޞަދަކީ އިންސާނީ ތާރީޚުގެ ލެއްޕިފައިވާ ދޮރުތައް ހުޅުވައިލުން ކަމުގައިވުމެވެ. ޙައްޤުދީނަކީ ތާރީޚީ ޙަޤީޤަތެއްގެ ގޮތުގައި ވިދުވައިލުމަށް ބޭނުންވާ އިންޤިލާބު އެޙާދިޘާގެ ޒަރީޢާއިން ދުނިޔެއަށް އައިކަމެވެ. އެދީނަކީ އޭގެކުރިން ތާރީޚީ ވާޤިޢާއެއްގެ ޙައިޘިއްޔަތު ލިބުމުން މަޙްރޫމްވެފައިވާ ދީނެކެވެ. އެއިންޤިލާބު ޗާޕްގެ ދައުރު ގެނެސްދިނެވެ. އޭގެ ސަބަބުން ކީރިތި ޤުރްއާން ދާއިމީގޮތެއްގައި ރައްކައުތެރި ކުރުމުގެ އިންތިޒާމް ކުރެވިގެން ދިޔައެވެ. އެއިންޤިލާބު ޖުމްހޫރިއްޔަތާއި މިނިވަންކަމުގެ ދައުރު ގެނެސްދިނެވެ. ޙައްޤުގެ މަގަށް ގޮވައިލާ މީހުންނަށް ޙައްޤު ފާޅުކޮށް ފެތުރުމުގައި ކުރިމަތިވާ ހުރިހާ މަޞްނޫޢީ ހުރަސްތަކެއް ދުރުކޮށްލުމަށްޓަކައެވެ. އެ އިންޤިލާބު ޠަބީޢިއްޔާއްތުގެ ޢިލްމުތަކުގެ ހޯދުންތައް ހާމަކޮށްދިނެވެ. ދީނަކީ ތެދު ޙަޤީޤަތެއްކަން ބުއްދީގެފެންވަރުގައި ވަރުގަދަ ދަލީލުތަކުން ސާބިތުކޮށް ދިނުމަށްޓަކައެވެ.

އެއިންޤިލާބުގެ މިއަށްވުރެވެސް މުހިއްމު ނަތީޖާއަކީ الله سبحانه وتعالى މުސްލިމުންގެ ނަބިއްޔާގެ ޒަރީޢާއިން ޤިޔާމަތުގެ ކުރީގައި ޤިޔާމަތުގެ މަންޒަރެއް ތަމްޘީލު ކޮށްދެއްވިކަމެވެ. އެކަލޭގެފާނުގެ ޒަރީޢާއިން ތެދުވެރީންނަށް ނަޞްރާއި ގަދަކަން ދެއްވިކަމެވެ. އެއީ އާޚިރަތުގައި ދާއިމީ މަތިވެރިކަން ޙާޞިލްކުރާނެ މީހުންނެވެ. އެކަލޭގެފާނު މެދުވެރިކުރައްވައި ނުބައިމީހުން ބަލިކުރެއްވިއެވެ. އެއީ އާޚިރުގައި ދާއިމީ ނިކަމެތިކަމާއި ބަލިވުމުގެ ޝިކާރައަކަށްވާނެ މީހުންނެވެ.

ކަލާނގެ ޙަޟްރަތަށް ތެދުވެރި އަޅުން މިދުނިޔޭގައި އަބަދު ނިކަމެތިވެފައި، ދަށްވެފައި ތިބޭކަމީ ތާރީޚު ދައްކައިދޭ ހިތާމަވެރި މަންޒަރެކެވެ. ވިސްނައިލަންޖެހޭ މަންޒަރެކެވެ. މިދުނިޔޭގައި މަތިވެރި މަޤާމު ލިބިފައިވާތީ ފެންނަނީ، މުދަލާއި ވެރިކަމަށް އަޅުކަން ކުރާ މީހުންނަށެވެ. ހުރިހާ ނަބީބޭކަލުންނާއި ޞާލިޙުންގެ ތާރީޚުން ދައްކަނީ މިގޮތެވެ. ނަމަވެސް މިއީ ޙަޤީޤަތުގައި ކަންތައް އޮންނަންވީ ގޮތުގެ އިދިކޮޅެވެ. އެހެނީ އެންމެފަހުގެ ނަތީޖާއަކަށް ހަމަޖެހިފައިވާ ގޮތުގައި މާތް ﷲ އެކަލާނގެ ކިބަފުޅަށް އަޅުކަންކުރާ މީހުންނަށް ދާއިމީ ޢިއްޒަތާއި މަތިވެރިކަން ދެއްވާނެއެވެ. ތިމާގެ އަމިއްލަ ނަފްސަށާއި ދުނިޔެއަށް އަޅުކަން ކުރުމުގައި ޣާފިލުވެފައިތިބި މީހުން އަބަދަށްޓަކައި ނިކަމެތިކަމާއި ހަލާކުގެ ތެރެއަށް ކޮށްޕަވައިލައްވާނެއެވެ.

މިދުނިޔޭއަކީ އިމްތިޙާނުގެ މަރުޙަލާއެކެވެ. މިދުނިޔޭގައި މީސްތަކުންނަށް ވަނީ އެމީހަކު ބޭނުންކަމެއް ކުރުމުގެ ފުރުޞަތު ލިބިފައެވެ. މިދުނިޔޭގައި ޤުދްރަތުގެ "އަތްޕުޅުން" އެއްވެސް މީހެއްގެ އަތަކު ނުހިފަހައްޓަވައެވެ. ނަމަވެސް އާޚިރަތްދުވަހުން އޭގެ އެންމެ ފުރިހަމަ އަދި ދާއިމީގޮތުގައި ކުރިމަތިވެގެން އަންނާނެ މަންޒަރެއް މުސްލިމުންގެ ނަބިއްޔާގެ ޒަރީޢާއިން އޭގެ ފެށުމުގެ ސިފައިގައި މިބިންމަތީގައި ދެއްކެވިއެވެ. އެކަލޭގެފާނުގެ ޞަޙާބީންނަށް، އާދެ، ގެދޮރު ވީރާނާކޮށްލެވި، ބިންތައް ދަތިކުރެވި، އިޤްތިޞާދީ ވަސީލަތްތަކާއި މުދާތައް ސުންނާފަތިކުރެވި، ކޮންމެ ހިނދެއްގައިވެސް ކާޅުތަކެއް ކުކުޅުފިޔޮއްތަކެއް ޖަހައިގަންނަ މިސާލުގައި ބަޔަކު އައިސް ޖަހައިގަނެފާނެހެން ހީވާވަރަށް ބިރުގަންނުވައިފައި ތިބި އެކަލޭގެފާނުގެ ޞަޙާބީންނަށް ޢިއްޒަތާއި ވެރިކަމުގެ ތަޚްތު ދެއްވިއެވެ. އަނެއްކޮޅުން ވެރިކަމާއި މުއްސަނދިކަމުގެ ބޮޑާކަމުގައި ތިބި ޤުރައިޝުންނާއި، ޔަހޫދީންނާއި، ރޫމީންނާއި، އީރާނީންނާއި، ޔަމަނީންނާއި، ޣައްސާނީން ނިކަމެތި ކުރައްވައި ދަށުދަރަޖައަށް ވައްޓަވައިލެއްވިއެވެ.

ކޮންމެ ނަބީބޭކަލަކުވެސް ވަޑައިގަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ. އެބޭކަލުންނަކީ ބިންމަތީގައިވާ ﷲ ގެ ޢަދާލަތެވެ. އެކަލާނގެ އެބޭކަލުން މެދުވެރިކުރައްވައި، އެކަލާނގެ ނިޔާފުޅު އިންސާނުންނަށް އަންގަވައެވެ. އެއީ ޤިޔާމަތްދުވަހުން ޚުދް އެކަލާނގެ އިއްވަވާނެ ނިޔާފުޅެކެވެ. ނަމަވެސް މުސްލިމުންގެ ނަބިއްޔާގެ ޒަރީޢާއިން އެއިލާހީ ޢަދާލަތު ފާޅުވެގެން ދިޔަގޮތުން އިންސާނީ ތާރީޚުގެ ބައެއްކަމުގައި އެޢަދާލަތު ހަމަޖެހިގެން ހިނގައްޖެއެވެ. ވަރަށް ގިނަ އެހެނިހެން ތަޖްރިބާތައް ތާރީޚީ ޙަޤީޤަތްތަކެއްގެ ދަރަޖަ ހޯދިފަދައިން މާތް ﷲ އެކަލާނގެ ކިބަފުޅަށް ތަޤްވާވެރިވި އަޅުންނަށް ނަޞްރާއި ކާމިޔާބު ދެއްވާނެކަމާއި ނުކިޔަމަންތެރިވާ އަޅުން ނިކަމެތިކަމާއި ހަލާކުގެ ދާއިމީ ޢަޛާބުގެ ތެރެއަށް ކޮށްޕަވައިލައްވާނެކަންވެސް ތާރީޚީ ޙަޤީޤަތެއްގެ ޙައިޘިއްޔަތުން އިންސާނީ މަޢުލޫމާތުގައި ރެކޯޑްކުރެވިއްޖެއެވެ. ސުވަރުގެއާއި ނަރަކައަކީ އަންނާންއޮތް ދުނިޔޭގައި ފެންނާނެ ޙަޤީޤަތްތަކެއް ކަމުގައިވިޔަސް އިންސާނާއަށް ޢިބްރަތާއި ނަޞޭޙަތުގެ ގޮތުން އޭގެ ނަމޫނާ މަންޒަރެއް (އިބްތިދާއީ މަންޒަރެއް) މާތް ﷲ މިދުނިޔޭގައި މީސްތަކުންނަށް ދެއްކެވިއެވެ.

محمد ގެފާނުގެ ނަބީކަން ފާޅުވުމަކީ މާތް ﷲ ގެ ކައުވަންތަކަން ފާޅުވުމެވެ. އެހެންކަމުން އިންޖީލުގައި محمد ގެފާނުގެ ނަބީކަން ސިފަކުރެވިފައިވަނީ "ﷲ ގެ ރަސްކަން" ކަމުގައެވެ. އެކަލޭގެފާނު ގެންނެވި އިންޤިލާބަކީ ޝައްކެއްނެތް ގޮތުގައި ސިޔާސީ ގޮތުންނާއި ޢިމްރާނީ ގޮތުންވެސް އަހައްމިއްޔަތު ލިބިފައިވާ އިންޤިލާބެކެވެ. އަދި އެނޫނަސް ވަރަށް ގިނަ އަހައްމިއްޔަތުތަކެއް ލިބިފައިވާ އިންޤިލާބެކެވެ. ނަމަވެސް އެއިންޤިލާބުގެ އެންމެ މުހިއްމުކަމަކީ އެ އިންޤިލާބު އިންސާނުންނަށް މާތް ﷲ ގެ ގަދަކީރިތިވަންތަކަން ފާޅުކޮށްދޭކަމެވެ. އެއިންޤިލާބު މާތް ﷲ ނިޔާކަނޑައެޅުއްވުމުގެ ދަރުބާރުގެ މަންޒަރު ދައްކައިދޭކަމެވެ. އާޚިރަތް ދުވަހުން އޭގެ އެންމެ ފުރިހަމަ ސިފައިގައި އިންސާނާ ދެކޭނޭ ޙަޤީޤަތްތަކެއް އާޚިރަތް ދުވަހުގެ ކުރީގައި އިންސާނާގެ ކުރިމަތިން ފާޅުކޮށްދިންކަމެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން