ތުންފަތް ސްކްރަބް ކުރުމުން ތުންފަތުގެ ހަންގަނޑު އެކްސްފޮލިއޭޓްވެ ސާފުކޮށްދެއެވެ.
ތުންފަތް ސްކްރަބް ކުރުމުން ތުންފަތުގެ ހަންގަނޑު އެކްސްފޮލިއޭޓްވެ ސާފުކޮށްދެއެވެ.
ތުންފަތް ހިކި ފަޅައިގެންދިޔުމަކީ ވަރަށް ގިނަމީހުންނަށް ދިމާވާމައްސަލައެވެ. އަދި ވަކިން ހާއްސަކޮށް ރޯދަމަހު ރޯދައަށް ތިބޭތިބުމުގައި ހިކިފަޅައިގެންދިޔުމަށް ބޮޑަށް މެދުވެރިވެއެވެ. އާއްމުގޮތެއްގައި ތުންފަތަށް މިމައްސަލަ ދިމާވަނީ ހަންގަނޑުގައި ހުންނަ ސްވެޓް ގްލޭންޑުތައް ތުންފަތުގައި އެކުލެވިފައި ނެތުމުގެ ސަބަބުން ތުންފަތް ތެތްކޮށް ބެހެއްޓޭ ގޮތް ނުވުމެވެ. އަދި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގައިވާ ހަމަށްވުރެ ތުންފަތުގައި ހުންނަ ހަން ތުންޏެވެ.

އެހެންކަމުން ތުންފަތް ތެތްކޮށް ބެހެއްޓުމަށް އިތުރަށް ސަމާލުކަންދޭންޖެހެއެވެ. ރަމަޟާންމަހުގައި ތުންފަތް ހިކުމުގެ މައްސަލަ ދިމާވާލެއް އިތުރުވެގެންދާއިރު މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

ތުންފަތް ހިކިފަޅައިގެންދިޔުމުން ހުއްޓުވަން ކުރެދީވާނެ ކަންތައްތައް:

1. ގިނައިން ފެންބުއިން:

ތުންފަތް ހިކޭ މައްސަލައަށް އެންމެ ބޮޑު ހައްލެއް ލިބިގެންދަނީ ފެން ބުއިމުންނެވެ. ރޯދަ ވީއްލާ ވަގުތާއި ހާރުކެއުމާއި ދެމެދު ރަނގަޅަށް ފެންބުއިމަކީ މިކަމަށް ހައްލު ލިބިދޭނެ ކަމެކެމެވެ. މިގޮތުން ކޮންމެ ދުވަހަކަށް ބޭނުންވާ 2 ލީޓަރު ފެން ހަށިގަނޑަށް ލިބިދެވޭތޯ ބަލަންވާނެއެވެ. ފެނާއިއެކު ފަންޏާއި ސައިފަދަ ބުއިންތަކުންވެސް މިމިންވަރު ހަމަކުރެވިދާނެއެވެ.

2. ސްކްރަބްއެއް ބޭނުންކުރުން:

ތުންފަތް ސްކްރަބް ކުރުމުން ތުންފަތުގެ ހަންގަނޑު އެކްސްފޮލިއޭޓްވެ ސާފުކޮށްދެއެވެ. މިގޮތަށް ހެދުމުން ތުންފަތުގައި ހުންނަ ގުދުރަތީ ތެތްކަން ގިނަވަގުތު ހިފަހައްޓައިދެއެވެ. ހަކުރާއި މާމުއި ފަދަ ބަދިގޭގައި ހުންނަ ތަކެތިންވެސް މިފަދަ ސްކްރަބެއް ތައްޔާރުކުރެވިދާނެއެވެ. މިގޮތުން މާމުޔާއި ހަކުރާއި ކާށިތެޔޮ ބޭނުންކޮށްގެން މިފަދަ ސްކްރަބެއް ތައްޔާރު ކުރެވިދާނެއެވެ.

3. ހައިޑްރޭޓްކުރުން:

ސްކްރެބެއް ބޭނުންކޮށްގެން ތުންފަތް ސާފުކުރުމަށްފަހު ތުންފަތް ތެތްކޮށްލުމަށް ނުވަތަ ހައިޑްރޭޓް ކުރުމަށް ލިބް ބާމެއް ނުވަތަ ކްރީމެއް ހާކައިލާށެވެ. މިގޮތަށް ލިޕް ބާމެއް ޚިޔާރުކުރުމުގައި ސެރެމިޑްއާއި ގުދުރަތީ ތެޔޮ ހިމެނޭ ބާމެއް ގަނެވޭތޯ ބެލުން ރަނގަޅުވާނެއެވެ. ރޯދައަށް ހުންނަ ވަގުތުގައި ލިޕް ބާމެއް ފަދައެއްޗެއް ބޭނުންކުރުމަކީ މައްސަލައެއް ނޫންކަމަށް ގިނަ އިލްމުވެރިން ފަތުވާދެއްވައެވެ. އެހެންކަމުން ތުންފަތް މޮއިސްޗަރައިޒް ކޮށްފައި ބެހެއްޓުމަށް ލިޕް ބާމެއް ބޭނުންކުރުން ރަނގަޅުވާނެއެވެ.

4. ލިޕް މާސްކް ބޭނުންކުރުން:

ތުންފަތް ހައިޑްރޭޓްކޮށް މަޑުކޮށްދިނުމަށް އެހިވެދޭ މާސްކުތައްވެސް ބާޒާރުގައި ލިބެން އެބަހުއްޓެވެ. އެހެންކަމުން އޭގެ ބޭނުން ހިފިދާނެއެވެ. ލިޕް މާސްކުގައި ތުންފަތް ތެތްކޮށްދިނުމަށް ނުވަތަ މޮއިސްޗަރައިޒްކޮށްދިނުމަށް ބޭނުންވާ ހައިލަރޯނިކް އެސިޑް، ޝިއާ ބަޓަރ އަދި ވިޓަމިން އީ ހިމެނެއެވެ. މާސްކު ބޭނުންކުރުމަށް ތުންފަތުގެ ޝޭޕަށް ހުންނަ މިޝީޓް ތުންފަތުގައި އަޅައި 10 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ތުންފަތުން ޝީޓް މަޑުމަޑުން ނައްޓާލާށެވެ. މީގެ ސަބަބުން އޭގައި ހުންނަ ސިރަމްތައް ތުންފަތައް އެބްޒޯބް ކޮށް ތުންފަތް އޮމާންކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.

5. ހިއުމިޑިފަޔަރއެއް ގޭގައި ބެހެއްޓުން:

އެސީގައި ގިނައިރު ހުނަންޖެހޭނަމަ ތުންފަތް އަވަހަށް ހިކި ފަޅައިގެންދާން މެދުވެރިވެއެވެ. އެއީ ތަނުގެ ތެރޭގައި ހުންނަ ވައިގައި ތެތްކަން މަދުވުމުންނެވެ. އެހެންކަމުން ހިއުމިޑިފަޔަރއެއް ގޭގައި ބެހެއްޓުމުން ގޭތެރޭގެ ވައިގެ ތެތްކަން އިތުރުކޮށްދޭނެއެވެ.



6. ދުލުން ތުންފަތް ތެތްކުރުން ހުއްޓާލުން:

ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަ ގޮތުންނަމަ ތުންފަތުގައި ކުޅު ހޭކުމުން ތުންފަތް ހިކުމުން ލިބޭގެއްލުން ކުޑަކޮށްދެއެވެ. ނަމަވެސް، މިގޮތަށް ކަންތައް ކުރުމުން ތުންފަތް ބޮޑަށް ހިކޭގޮތް މެދުވެރިވެއެވެ. ސަބަބަކީ ކުޅުގައި ތުންފަތުގެ ހަންގަނޑަށް ގެއްލުންވެދާނެފަދަ އެސިޑްތައް އެކުލެވޭތީއެވެ. އަދި އަބަދު މިގޮތަށް ކުޅުލާނަމަ ތުންފަތުގައި ހުންނަ ގުދުރަތީ ތެތްކަން ހިނގައިދެއެވެ. މީގެ ބަދަލުގައި ލިޕް ބާމެއް ބޭނުންކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން