ޞާދިރު ޢަލީދީދީ   24 މާރިޗު 2023 - 19:3
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
އާދަމުގެފާނުންފެށިގެން ޢީސާގެފާނާ ހަމަޔަށް

,

މާތް ﷲ ގެ ޙަޟްރަތުން ވަޑައިގެންނެވި ހުރިހާ ރަސޫލުން ވަޑައިގަތީ އިންސާނާއަށް ދިރިއުޅުމުގެ ޙަޤީޤަތް އޮޅުންފިލުވައި ދެއްވުމަށްޓަކައެވެ. އެޙަޤީޤަތަކީ، މިދުނިޔޭގެ ޙަޔާތަކީ، އިންސާނާގެ ދާއިމީ ޙަޔާތުގެ ހަމައެކަނި އިމްތިޙާނުގެ ވަގުތުކޮޅެއްކަމެވެ. އެންމެ ގިނަވެގެންވެސް ސަތޭކަވަރަކަށް އަހަރު މިތާނގައި ހޭދަކުރުމަށްފަހު އަޅުގަނޑުމެން ވަންނަނީ އަޅުގަނޑުމެންގެ މުސްތަޤިއްލު ދުނިޔެއަށެވެ. ﷲ އަށް ވަފާތެރި އަޅުންނަށްޓަކައި އެތާނގައި ތައްޔާރުވެފައިވަނީ ސުވަރުގެއެވެ. އެކަލާނގެއަށް އުރެދުނު މީހުންނަށްޓަކައިވަނީ ނަރަކައެވެ.

އާދަމުގެފާނަކީ އެންމެ ފުރަތަމަ އިންސާނާއެވެ. ހަމައެފަދައިން އެންމެ ފުރަތަމަ ރަސޫލާވެސް މެއެވެ. އެކަލޭގެފާނަށްފަހު، ސަލާމްލެއްވި ޢީސާގެފާނާހަމަޔަށް މެދުކެނޑުމެއްނެތި ރަސޫލުން ވަޑައިގަންނަވަމުން ގެންދެވިއެވެ.

މާތް ﷲ ފޮނުއްވި ނަބީންނާއި ރަސޫލުން ތަފާތު ޤައުމުތަކާއި ޤަބީލާތަކަށް، މަތީގައި ދެންނެވި ޙަޤީޤަތް ބަޔާންކޮށްދެއްވިއެވެ. ކަލާނގެ ރަސްކަންފުޅަށް ބިރުވެތިވުމާއެކު ދިރިއުޅުން ވޭތުކުރުމަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. ނަމަވެސް އިންސާނުންގެ ތެރެއިން ތިމާމެންގެ ޢަމަލުތަކުގެ މިނިވަންކަން ކަލާނގެ ރަސްކަންފުޅާ ޙަވާލުކުރުމަށް ތައްޔާރުވީ ދާދި މަދުބަޔެކެވެ. އެހެންކަމުން ނަބީބޭކަލުންނާމެދު ޢަމަލުކުރެވެމުން ދިޔައީ ވަރަށްވެސް އިހާނެތި ގޮތަކަށެވެ. އާދެ، ޔަޙްޔާގެފާނަށް ތަބާވީ ވަރަށް މަދު މީހެކެވެ. އެކަލޭގެފާނުގެ ޤައުމުގެ ނުލަފާމީހުން އެކަލޭގެފާނު ޤަތުލުކުރީއެވެ. ލޫޠުގެފާނު އެކަލޭގެފާނުގެ ޤައުމު ދޫކޮށްލެއްވިއިރު އަރިހުގައި ތިއްބެވީ އެކަލޭގެފާނަށް ތަބާވެގެން ތިބި ވަރަށް މަދުބަޔަކާއި އެކަލޭގެފާނުގެ ދެދަރިކަނބަލުންނެވެ. ނޫޙުގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ނާކޮޅުން ދަތުރުކުރިޤާފިލާގައި ތިބީ ވަރަށް މަދުބަޔެކެވެ. ސަލާމްލެއްވި އިބްރާހީމްގެފާނު އެކަލޭގެފާނުގެ ވަޠަން، ޢިރާޤުން ނުކުމެވަޑައިގެންނެވިއިރު އަރިހުގައި ނުކުމެވަޑައިގަތީ އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއާއި ބޮޑުބޭބެ ވިދާޅުވާ ބޭކަލެއްކަމުގައިވާ ލޫޠުގެފާނުގެ އިތުރުން ވަރަށް މަދު ބައެކެވެ. ސަލާމްލެއްވި ޢީސާގެފާނަށް އެކަލޭގެފާނު ކުރެއްވިހާ މަސައްކަތްޕުޅުން އީމާންވީ ވަރަށް މަދު މީސްކޮޅެކެވެ.

ނަބީބޭކަލުންކުރެ ގިނަބޭކަލުންގެ ޙާލުކޮޅަކީ މިދެންނެވީއެވެ. ބައެއްބޭކަލުން ގިނިކަންޏާކަހަލަ ގޮތަކަށްވީއެވެ. ބައެއްބޭކަލުންނަށް މަދުބަޔަކު އީމާންވިއެވެ. އެމަދު މީސްކޮޅުގެ ތެރޭގައިވެސް ގިނައިން ތިބީ އެބޭބޭކަލުންގެ ގާތްތިމާގެފުޅު މީހުންނެވެ. ތިމާގެކަމުގެ ގުޅުން ނަބީބޭކަލުންނާ ތަބަޢަވުމަށް އިތުރު ސަބަބަކަށްވީއެވެ.

ކީރިތި ޤުރްއާނުގައި މިކަމަށް އިޝާރާތް ކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. "އަޅުތަކުންގެ މައްޗަަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެބޭކަލަކަށް އެބައިމީހުން ފުރައްސާރަކުރާ ގޮތުގައި މެނުވީ އެބައިމީހުންގެ ގާތަށް އެއްވެސް ރަސޫލަކު ވަޑައެއް ނުގަންނަވައެވެ" (ޔާސީން: 30)

އިންސާނީ ނަޞްލުގެ ތެރެއިން މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މުޙިއްމު ޖަމާޢަތަކީ ނަބީބޭކަލުންނޭ މިކިޔޭ ޖަމާޢަތެވެ. ރަސްރަސްކަލުންނާއި ސިފައިންގެވެރީންގެ ވާހަކަތައް ތާރީޚު ފުރިހަމަޔަށް ރައްކާތެރިކޮށްފައިވެއެވެ. ނަމަވެސް އާދަމުގެފާނުން ފެށިގެން ޢީސާގެފާނާދެމެދު ފޮނުއްވި އެއްވެސް ނަބީބޭކަލަކަށް ދުނިޔޭގައި ލިޔެވިފައިވާ ތާރީޚުން ޖާގަ ލިބިވަޑައިގެންފައެއް ނުވެއެވެ. އަރަޠޫ (322-384 ޤމ) ދުނިޔެއަށް އައީ މޫސާގެފާނުގެ އެއްހާސް އަހަރުފަހުންނެވެ. ނަމަވެސް އޭނާ މޫސާގެފާނުގެ ނަންފުޅުވެސް ނުދަނެއެވެ. ސަބަބަކީ ގިނަ ނަބީބޭކަލުންގެ ޤައުމުތަކުގެ މީހުން އެބޭކަލުން ޤަބޫލުނުކޮށް ދޫކޮށްލި ކަމެވެ. އެބޭކަލުންގެ ގެކޮޅުތައް ސުންނާފަތި ކޮށްލެވުނު ކަމެވެ. މުޖުތަމަޢުގައި އެބޭކަލުންގެ އަގު ވައްޓައިލެވުނުކަމެވެ. އެބޭކަލުންނަކީ އެބޭކަލުންގެ ނަންފުޅުގަތުވެސް ބޭނުންނުވާފަދަ ބަޔަކަށް ހަދައިލެވުނުކަމެވެ.

ނަބީބޭކަލުންނާމެދު މިފަދަ ގޮތަކަށް ކަންތައްކުރެވުނީ ކީއްވެގެންތޯއެވެ؟ އާދެ، އެންމެ ސަބަބަކަށްޓައެވެ. އެބޭކަލުން ފޮނުއްވުނު ޤައުމުތަކުގެ މީހުން އުޅެމުން އައިގޮތާމެދު ފާޑުވިދާޅުވުމެވެ. އިންސާނާ އެންމެ ލޯބިވާ ކަމަކީ ތިމާޔަށް ތަޢުރީފު ކުރެވުމެވެ. އޭނާ އެންމެ ރުޅިއަންނަ ކަމަކީ ތިމާޔާދެކޮޅަށް ފާޑުކިޔުމެވެ. ނަބީބޭކަލުން ވަޑައިގަތީ ހެވާއި ނުބައި ވަކިކޮށް ދެއްވުމަށްޓަކައެވެ. އެބޭކަލުން އެބޭކަލުންގެ ގައުމުތަކާއި އެއްބަސްވެވަޑައެއް ނުގެންނެވުނެވެ. އެބޭކަލުން އެބައިމީހުންގެ ޢަޤީދާއާއި ޢަމަލުތަކުގައި ހުރި ކުށްތައް ދައްކަވަމުން ގެންދެވިއެވެ. އެހެންކަމުން އެބޭކަލުންގެ ޤައުމު އެބޭކަލުންގެ ދެކޮޅުވެރީންކަމުގައި އަދި ކީއްތޯއެވެ؟ ދުޝްމަނުން ކަމުގައިވީއެވެ. ނަބީބޭކަލުން އެބޭކަލުންގެ ޤައުމުގެ މީހުންގެ ހިތްރުހޭ ގޮތަށް ކަންތައް ކުރެއްވި ނަމަކަ، ފަހަރެއްގައިވެސް އެބޭކަލުންނަކަށް ދެކޮޅުވެރިކަމާ ކުރިމަތި ލައްވާކަށް ޖެހިވަޑައެއް ނުގެންނެވީހެވެ.

މިދެންނެވި ޢާއްމު ނަތީޖާއިން އިސްތިސްނާވެފައިވަނީ ނަބީބޭކަލުންގެ ތެރެއިން ދާދި މަދުބޭކަލެކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ދާވޫދުގެފާނާއި ސުލައިމާނުގެފާނާއި ޔޫސުފުގެފާނުފަދަ ބޭކަލުންނެވެ. ނަމަވެސް އެބޭކަލުންނަށް ލިބިވަޑައިގެނެވި ޢިއްޒަތާއި ވެރިކަމަކީ އެބޭކަލުން ގެންނެވި މަތިވެރި އުޞޫލުގެ ނަތީޖާއެއްނޫނެވެ. އޭގެ ސަބަބަކަށް ހިމެނުނީ މުޅިން އެހެން ކަންތައްތަކެވެ.

ދާވޫދުގެފާނަކީ އިސްރާއީލުގެ ރަސްގެފާނުގެ ސާއޫލު (ޠާލޫތު)ގެ ލަޝްކަރުގައި ހިމެނިވަޑައިގަންނަވާ ޒުވާން ސިފައިންގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ބަނޫ އިސްރާއީލުބާގައިގެ މީހުންނާއި ފަލަސްޠީނު މީހުންނާދެމެދު ހަނގުރާމަ ހިނގިއެވެ. ފަލަސްޠީނުގެ ލަޝްކަރުގައި ޖާލޫތު ކިޔުނު ވަރަށް ބިޔަ ގަދަފަދަ ފަހުލަވާނަކު ހުއްޓެވެ. އޭނާއާއި މުޤާބަލާ ކުރުމަށް ހުރިހާ އެންމެވެސް ބިރުވެތިވިއެވެ. އެހެންކަމުން ރަސްގެފާނު އިޢުލާން ކުރެެއްވިއެވެ. "ޖާލޫތު ޤަތުލުކުރި މީހަކާ އަހަރެންގެ ދަރިފުޅާ ކައިވެނި ކޮށްދޭނަމަވެ" ރަސްގެފާނު މިކަން އިޢުލާން ކުރެެއްވުމާއެކު ދާވޫދުގެފާނު ޖާލޫތާ ހަނގުރާމަކުރައްވައި އޭނާ ޤަތުލު ކުރެއްވިއެވެ. މިގޮތުން އެކަލޭގެފާނު އިސްރާއީލްގެ ރަސްގެފާނުގެ ދަނބިދަރިކަލަކަށް ވެވަޑައިގަތެވެ. އޭގެފަހުން ހިނގި ހަނހުރާމައެއްގައި ރަސްގެފާނާއި ވަލީޢަހްދާ ދެބަފައިކަލުން ޤަތުލުވުމުން ދާވޫދުގެފާނަށް ރަސްކަން ލިބިވަޑައިގަތީއެވެ. ސުލައިމާނުގެފާނަކީ ދާވޫދުގެފާނު ދަރިކަލުންނެވެ. އެކަލޭގެފާނަށް ލިބިވަޑައިގަތީ ބައްޕާފުޅުގެ ފަރާތްޕުޅުން ވާރުތައިންނެވެ. ޔޫސުފްގެފާނަށް ހުވަފެން ތަޢުބީރުގެ ޢިލްމު ދެއްވިއެވެ. އެ ޢިލްމުގެ ސަބަބުން މިޞްރުގެ މުޝްރިކު ރަސްގެފާނުގެ ހިތްޕުޅަށް އަސަރުކުރާގޮތްވިއެވެ. އޭނާ އޭނާގެ ރަސްކަމުގެ ހިންގުމާބެހޭ ހުރިހާ ކަމެއް ޔޫސުފްގެފާނާ ހަވުކުރެއްވިއެވެ. ނަމަވެސް ރަސްގެފާނާއި މިޞްރުގެ ޢާއްމު ރައްޔިތުން ތިބީ ކުރީންވެސް ތިބިފަދައިން އެބައިމީހުންގެ ޝިރްކުގެ މަތީގައެވެ.

މިގޮތަށް ދިމާވުމުން ލިބުނު ގެއްލުމަކީ ހަމައރކަނި ކޮންމެ ދައުރެެއްގައިވެސް އާބާދީގެ ބޮޑުބައި މާތް ﷲ ގެ ހިދާޔަތުގެ ނިޢުމަތުން މަޙްރޫމު ވުމެއްނޫނެވެ. އަދި ކީއްތޯއެވެ. މިއަށްވުރެވެސް ބޮޑު ގެއްލުމެއް ކަމުގައި ހިމެނުނީ އެއްވެސް ނަބީބޭކަލަކު މާތް ﷲ ގެ ޙަޟްރަތުން ގެންނެވި ފޮތާއި އެކަލާނގެ އެންގެވުންތައް އެބޭކަލަކަށްފަހު ރައްކާތެރި ކުރެވޭނެގޮތް މެދުވެރިނުވުމެވެ. އެހެނީ ނަބީބޭކަލަކު އަވަހާރަވުމުން އެތަކެތި ރައްކާތެރި ކުރެވޭނީ އެބޭކަލަކަށް ތަބަޢަވާ މީހުންނަށެވެ. ނަމަވެސް ނަބީބޭކަލުން އެފަދަ ބަޔަކު ލިބި ވަޑައެއް ނުގެންނެވިއެވެ. ނުވަތަ އެބޭކަލުންނަށް ތަބާވި މީހުންގެ އަދަދު މަދުކަމުން އެބައިމީހުންނަކަށެއް މުޖުތަމަޢާ ދެކޮޅަށް އިލާ ކަލާމްފުޅު ރައްކާތެރި ކުރެވޭނެގޮތެއް ނުވިއެވެ.

މާތް ﷲ ގެ ދެނެވޮޑިގަތުން އަޒަލުއްސުރެ އަބަދަށްވަނީ ފެތުރިގެންނެވެ. ވޭތުވެދިޔަ މާޒީއެކޭ އެއްގޮތަށް އަންނާންއޮތް މުސްތަޤްބަލުވެސް އެކަލާނގެ ދެކެ ދެނެވޮޑިގެންވެއެވެ. އެކަލާނގެ އިންސާނިއްޔަތުގެ މިދެންނެވި ނިމުން ެދެނެވޮޑަގެންވެއެވެ. އެހެންކަމުން އެކަލާނގެ ކުރިއްސުރެ މިންވަރު ކުރައްވާފައިވަނީ ނަބީބޭކަލުންގެ ދައުރު އެންމެ ފަހުގެ މަރުޙަލާގައި އެކަލާނގެ ޚާއްޞަ ރަސޫލަކު ފޮނުއްވުމަށެވެ. އެބޭކަލަކު ދީންފާޅުވުމުގެވެސް ސަބަބެއްކަމުގައި ލެއްވުމަށެވެ. ކޮންމެ ގޮތަކުން ނަމަވެސް އެބޭކަލެއްގެ ދަޢުވަތު ރައްދުވާ ފަރާތްތަކުގެ މައްޗަށް ގަދަވެވަޑައިގެން އެބަމީހުން ޙައްޤުގެ ކުރިމަތީގައި ބޯލެންބެވުމުގެ ޚާއްޞަ ނަޞްރު އެބޭކަލަކަށް ދެއްވުމަށްވަނީ ކަނޑައަޅުއްވައިފައެވެ. އިލާހީ ފައުޖު އެބޭކަލަކަށް ވާގިވެރިވެ އެބޭކަލެއްގެ ދެކޮޅުވެރީން ބަލިކުރާނެއެވެ. މަތް ﷲ ގެ ދީން ވަރުގަދަ ބިންގަލެއްގެ މަތީގައި އަބަދަށްޓަކައި ޤާއިމުވުމަށްޓަކައެވެ. ﷲ ގެ ފޮތް ރައްކާތެރި ކުރެވުމުގެ ފުރިހަމަ އިންތިޒާމް ހަމަޖެހުމަށްޓަކައެވެ. ބައިބަލްގެ ޢިބާރާތުން ދަންނަވާނަމަ "ކަނޑު ލޮނުގަނޑުން ފުރިފައިވާ ފަދައިން، ﷲ ގެ ގަދަ ކީރިތިވަންތަކަމުގެ މަޢުރިފާއިން ބިން ފުރިގެން ވުމަށްޓަކައެވެ.



ބައިބަލްގައި ވާގޮތުގައި އެތަކެއްހާސް އަހަރުކުރިއްސުރެ އެކިއެކި ނަބީބޭކަލުން މެދުވެރިކުރައްވައި މާތް ﷲ އެކަލާނގެ މިނިޔާފުޅު ދުނިޔެއަށް ފާޅުކުރައްވަމުން ގެންދެވިއެވެ. އެނަބިއްޔާ ފާޅުކުރައްވާނީ، އަރަބިކަރައިގެ ސަހަރާގެ ތެރެއިންނެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވާނީ ބަނޫ އިސްރާއީލްގެ ދެންއޮތް ދަރިކޮޅު (އެބައިމީހުންގެ އަޚުންކަމުގައިވާ ބަނޫ އިސްމާޢީލް)ގެ ތެރެއިންކަމެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ ޢީސާގެފާނަށް ފަހުގައިކަމެވެ. އެކަލޭގެފާނުގެ އެކުވެރީންނާމެދު ބުނެވޭނީ އެއުރެންނަކީ ﷲ ރުހިވޮޑިގެންފައިވާ ބައެއްކަމުގައި ކަމެވެ. އެއުރެންނާ ހަނގުރާމަކުރާ ޤައުމެއް ފުނޑުފުނޑުވެގެންދާނެ ކަމެވެ. ޒަމާނުއްސުރެ ދުނިޔޭގައި އޮތް ބާރުތައް (އީރާނާއި، ރޯމް) އެބައިމީހުންގެ ކުރިމަތީގައި ބޯލަނބާނެކަމެވެ. އެބައިމީހުންގެ ރަސްކަން އެއްގަމާއި ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކަށް ފެތުރިފައި ވާނެކަމެވެ. އަދި މިނޫންވެސް ބަޝާރަތްތަކެވެ.

މިޒަމާނުގައި މިފެންނަ ބައިބަލް ތަރުޖަމާކުރުމާއި، ބަދަލުކޮށް އުނިއިތުރު ކުރުމުގެ ސަބަބުންވަނީ އޭގެ އަޞްލާ ވަރަށް ބޮޑަށް ތަފާތުވެފައެވެ. ނަމަވެސް މިއަދުވެސް ވަކިފަރާތަކަށް ނުޖެހޭ މީހަކު ވިސްނާލައިފިނަމަ ފަހުޒަމާނުގެ ނަބިއްޔާ ފިޔަވައި އެހެން އެއްވެސް އިންސާނެއްގެ ޒާތަށް ނުފެތޭ ބަޝާރަތުތައް އެފޮތުގައި ވަރަށް ގިނައިން ފެންނަން އެބަހުއްޓެވެ. ޚާއްޞަކޮށް ޢީސާގެފާނު ފޮނުއްވީ ފަހުޒަމާނުގައި ޢާއްނުކޮށް މުޅިދުނިޔެއަށް ވަޑައިގަންނަވާނެ ނަބީބޭކަލާމެދު އެންމެފަހުގެ އެންގެވުންތައް އަންގަވައި ދެއްވުމަށްކަމެވެ. ޢީސާގެފާނު އުފާވެރިކަމުގެ ޚަބަރުދެއްވި "އައު ޢަހްދުނާމާ" އަކީ ޙަޤީޤަތުގައި އިސްލާމްދީނެވެ. އެއީ އިލާހީދީން ފެތުރުމުގެ މަސްއޫލިއްޔަތު ޔަހޫދީންގެ ކިބައިން ވަކިކުރެއްވުމަށްފަހު ބަނޫ އިސްމާޢީލާ ޙަވާލުކުރެއްވި ކަމުގެ ޢަހްދެވެ. އިންޖީލަކީ އައު ޢަހްދުނާމާއެއްގެ އުފާވެރި ޚަބަރެވެ. އާޢަހްދުނާމާއެއް ނޫނެވެ.

ޢީސާގެފާނު ވަޑައިގަތީ ފަހުޒަމާނުގެ ނަބީއްޔާއަށްވުރެ ހަސަތޭކަ އަހަރުކުރިންނެވެ. ކީރިތި ޤުރްއާނުގެ 61 ވަނަ ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. "މަސީޙް ޔަހޫދީންގާތު ވިދާޅުވިއެވެ. މާތް ﷲ ތިމަންކަލޭގެފާނު ފޮނުއްވީ، ތިމަންކަލޭގެފާނަށްފަހު ވަޑައިގަންނަވާނެ ނަބީބޭކަލެއްގެ ކުރިން އެކަލޭގެފާނު ވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރުދޭ މީހެއްގެ ގޮތުންނެވެ. އެކަލޭގެފާނުގެ ނަންފުޅެއްކަމުގައި ވަނީ އަޙުމަދެވެ." އައްޞަފު:6)

އަޙުމަދާއި މުޙަންމަދަކީ އެއްމާނައެއްގެ ދެ ލަފްޒެވެ. އެދެލަފްޒުގެ މާނައަކީ "ތަޢުރީފް ލިބިގެންވާ" މިއެވެ. ބަރުނާބާސްގެ އިންޖީލުގައި ސާފު ލަފުޒުން "މުޙަންމަދު" އައިސްފައިވެއެވެ. ނަމަވެސް ކްރިސްޓިއަނުން ބަލަނީ ބަރުނާބާސްގެ އިންޖީލަކީ "ހަދައިފައިވާ އިންޖީލެއް" ކަމުގައެވެ. އެހެންކަމުން އެއަށް ހަވާލާދިނުމަކީ ރަނގަޚުކަމެއް ކަނޔގައެއް އަޅުގަނޑު ނުދެކެމެވެ. މީގެ އިތުރަށް މަސީޙް އެކަލޭގެފާނު ދެއްވި އުފާވެރިކަމުގެ ޚަބަރުގައި އަޙުމަދު ނުވަތަ މުޙަންމަދު ބޭނުން ކުރައްވާފައިވުމާމެދުވެސް ޝައްކު އުފެދެއެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި އެކަލޭގެފާނު ބޭނުންފުޅު ކުރައްވާފައިވާނީ އަޙުމަދު ނުވަތަ މުޙަންމަދާ އެއްމާނައެއްގެ ކޮންމެވެސް އެހެން ލަފުޒެކެވެ.

މުޙަންމަދު ބިން އިސްޙާޤް (އަވަހާރަވީ 152ހ ގައި) ގެ ރިވާޔަތެއް އިބްނު ހިޝާމް ނަޤްލުކުރައްވާފައިވެއެވެ. އޭގައިވާގޮތުން ލަފާކުރެވޭ ގޮތުގައި އެލަފުޒަކީ މުންޙަމަންނާއެވެ. ސީރަތުގެ މައުޟޫޢުގެ އެންމެ މުހިއްމު އެއް ރިފަރެންސެއް ކަމުގައި ބެލެވެނީ އިބްނު އިސްޙާޤެވެ. އޭނާގެ ރިވާޔަތެއްގައި ވެއެވެ. އަހުރެންގާތު ވާހަކަ ކިޔައިދިން މީހުން ބުނެފައިވެއެވެ. ޔަޙްނަސް (ޔޫޙަންނާ)ގެ އިންޖީލުގައި ފަހުޒަމާނުގައި ވަޑައިގަންނަވާނެ ރަސޫލު ބޭކަލަކާ ބެހޭގޮތުން ދެއްވައިފައިވާ ޚަބަރުގައި އެބޭކަލެއްގެ ނަންފުޅެއްކަމުގައި ބަޔާން ކުރެވިފައިވަނީ މުންޙަމަންނާއެވެ. (ތަހްޒީބް ސީރަތު އިބްނުހިޝާމް: ޖިލްދު: 1 ޞަފްޙާ: 50)

ލަފާކުރެވޭގޮތުގައި މިރިވާޔަތު އޭނާގެ އަރިހަށް އައިސްފައިވަނީ، އެދުވަސްވަރުގެ މުސްލިމުންގެ ވެރިކަމުގެ ދަށުގައިތިބި ފަލަސްޠީނުގެ ޢީސާއިންގެ ފަރާތުންނެވެ. މުންޙަމަންނާއަކީ ސްރިޔާނީ ބަހުގެ ލަފުޒެކެވެ. އެލަފުޒުގެ މާނައަކީ "ތަޢުރީފް ލިބިގެންވާ" އެވެ. މާޟީގެ ދައުރުން ފެށިގެން އެހައިތަނާ ޖެހޭންދެން ފަކަސްޠީނުގެ އަހުލުވެރީންގެ ބަހަކީ ސްރިޔާނީ ބަހެވެ. އެހެންކަމުން ބޮޑަށް ލަފާކުރެވެނީ މަސީޙް އެކަލޭގެފާނުގެ މާދަރީބަހުން ވިދާޅުވެފައިވާ އަޞްލު ލަފުޒު މުންޙަމަންނާ އެބައިމީހުން ރިވާކުރަމުން އައީކަމަށެވެ. ފަހުގެ ޔުނާނީ ތަރުޖަމާތަކުގައި އެލަފުޒު "ފާރުޤަލީޠް" އަށް ބަދަލުވެފައިވަނީއެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން