މަރިޔަމް ލަމްޙާ ރަޝީދު   24 މާރިޗު 2023 - 18:20
އޮށްކީމިޔާއަކީ ދިވެހިންގެ ތެރޭގައި ކައިއުޅޭ ހެދިކާގެ ބާވަތެކެވެ. މިއީ ހަވީރު ސަޔަށާއި ރޯދަ ވީއްލުމަށްވެސް ހަދައި އުޅޭ ހެދިކާގެ ކުޅި ބާވަތެކެވެ. ތިރީގައި މިވަނީ 4 މީހުންގެ ސާވިންއަކަށް ވާވަރަށް އޮށް ކީމިޔާ ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

2 ލޮނުމެދު ޗިސްކޮށްފައި ނުވަތަ ގާނާފައި

½ ގިތެޔޮމިރުސް ކުދިކޮށްކޮށާފައި

2 ޖޯޑު ވަޅޯމަސް ތުނިކޮށް ކޮށާފައި ނުވަތަ 2 ދަޅު މަސް

¼ ޖޯޑު ހިކަނދިފަތް ކުދިކޮށް ކޮށާފައި

2 ޖޯޑު ގްރީން ޕީސް (ރޯފިލުވާފަ)

1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)

¼ ޖޯޑު ލުނބޯގެ ހުތް

2 މޭޒުމަތީ ސަމުސާ ތެޔޮ

1 ދަޅު ޓޮމާޓޯ (ކުޑަ)

ލޮނު ރަހަލާވަރަށް

ފުށްގަނޑު ތައްޔާރު ކުރާނެ ގޮތް:

3 ޖޯޑު ފުށަށް 3/1 ޖޯޑު ތެލާއި 1 ސައިސަމްސާ ލޮނާއި އެކު ފުއްގަނޑު މާދިޔައި ނުކޮށް މޮޑެވޭވަރަށް ހޫނު ފެން އަޅާށެވެ. އެއަށްފަހު ފުންގަނޑު މޮޑެލާށެވެ. އަދި ފުއްގަނޑު މޮޑެވުމުން ކުދި ފުއްގުޅަ ކަނޑާފައި ވަށްކޮށްފައި ބަހައްޓާށެވެ.

މަސްގަނޑު ތައްޔާރު ކުރާނެ ގޮތް:

ލޮނުމެދު، އިނގުރު، ފިޔާގެ ދެބައިކޮށްފައި އެއްބައި، ހިކަނދުފަތް، މިރުސް ލުނބޯހުތް އަދި ރަހަލާވަރަށް ލޮނުކޮޅެއް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު މަސްކޮޅު އެއްކޮށްލާށެވެ. ދެން ތަވަލެއް ނުވަތަ ތެއްޔަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ބާކީ ހުރި ފިޔާކޮޅު އަޅައި ފިޔައިކޮޅު ރަތްކޮށްލާށެވެ. ދެން ގްރީން ޕީސް ކޮޅު އަޅާފައި ކުޑަކޮށް ރޯފިލުވާލުމަށްފަހު މޮޑެފައިހުރި މަސްގަނޑު އަޅާލުމަށްފަހު ޓޮމާޓޯ ޕޭސްޓާއި އެކު އެއްކޮށްލައި މަޑުގިނީގައި ރޯފިލަންދެން ކައްކާލާށެވެ.

ކީމިޔާ ތައްޔާރުކުރާނެގޮތް:

ގުޅަޖަހާފައިވާ ފުށްގަނޑު ނަގާށެވެ. އަދި 3 އިންޗި ދިގުމިން ހުންނަ ވަރަށް ވަށްކޮށް ރޮށި ދަމާލާށެވެ. އެއަށްފަހު ކޮންމެ ރޮށްޓަކަށް 2 ސަމުސާ މަސްކޮޅެއް ރޮށީގެ ކޮންމެވެސް އެއްކޮޅަކަށް ދެފަރާތުން ކުޑަ ހުސްތަންކޮޅެއް ހުންނާނެހެން އަޅާށެވެ. އަދި މަސްކޮޅުގެ ދެފަރާތަށް ވާބައި ނަގައި އެއްވަރަކަށް ދިގަށް ވާނެހެން ދެފަރާތުން ފަށްކޮށްލާށެވެ. ދެން މަސްކޮޅު އަޅާފައިވާ ބައިން ފެށިގެން ތިރިއަށް އޮޅާލާށެވެ. އަދި އޮޅާލާއިރު ކީމިޔާ ބެއްދުމަށް ފެންފޮދެއް ސަމުސަލުގައި ހާކާލައި ފަހަށް އޮންނަ ބައި ގައި ހާކާލާށެވެ.

އެއަށްފަހު ތެލުލަން ބޭނުންކުރާ ތެއްޔަށް މަދުނުވާވަރަށް ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދާލާށެވެ. އަދި ތެޔޮ ހޫނުވުމުން ކީމިޔާތައް ތެލުލާން އަޅާށެވެ. އަދި މަޑު މުށިކުލައެއް އެރުމުން އެއީ ރަނގަޅަށް ތެލުލެވުނީއެވެ. އެއަށްފަހު އެ ކީމިޔާތައް ނަގައި ޓިޝޫ ނުވަތަ ތެޔޮތައް އެއިން ހިއްކޭނެ ގޮތަށް އެއްޗަކަށް އަޅާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން