މަރިޔަމް ލަމްޙާ ރަޝީދު   23 މާރިޗު 2023 - 14:28
އޯޓްމީލް ބާރ
އޯޓްމީލް ބާރ
އޯޓްމީލް ބާރއަކީ ޞިއްހަތަށް ސަމާލުކަން ދޭ މީހުންނާއި ޑައިބެޓިކް މީހުންނަށް ރަނގަޅު ފޮނި ކާއެއްޗެކެވެ. މިއީ ރޯދަ ވިއްލާވަގުތުގައި ފޮނި ބާވަތަކަށް ތައްޔާރުކޮށްލެވިދާނެ ބާވަތެކެވެ. އޯޓް މީލްބަރ ތައްޔާރު ކުރުމަށްޓަކައި ހަކުރާއި ބިހާއި ބަޓަރު ބޭނުން ކުރާކަށް ނުޖެހޭނެއެވެ. އަދި އެންމެ 3 އިންގްރިޑިއަންޓު ބޭނުންކޮށްގެން ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭނެއެވެ.

* ބޭނުންވާ ތަކެތި

1- އޯޓްސް

2- ދޮންކެޔޮ

3- ޕީނަޓް ބަޓަރ



1- އޯޓްސް

ތުނިކޮށް ކޮށާފައި ހުންނަ އޯޓްސް ބާޒާރުގައި ލިބެން ހުންނާނެއެވެ. އޯޓްސް ބާރ ތައްޔާރުކުރުމަށް ބޮޑަށް ރަނގަޅުވާނީ މިބުނިކަހަލަ 'ކުއިކް' އޯޓްސްއެވެ. ނަމަވެސް ކޮންމެ ކަހަލަ އޯޓްސްއެއްވެސް ބޭނުން ކުރެވިދާނެއެވެ.

2- ދޮންކެޔޮ

މިރެސިޕީއަށް ބޭނުންވަނީ ރަނގަޅަށް ދޮންވެފައި ހުންނަ ދޮންކޭލެވެ. މިއީ އޯޓްސް ގަނޑު ފޮނުކޮށްލުމަށް އަޅާ އެއްޗެކެވެ. ނަގާފައިވާ އޯޓްސް މިކްސް މާބޮޑަށް ދިޔަނުވާނެ މިންވަރަކަށް ދޮންކެޔޮ ނަގައި ޗަސް ކޮށްލާށެވެ.

3- ޕީނަޓް ބަޓަރ

ގަންނަ ޕީނަޓު ބަޓަރު ފުޅީގައި ލޮނާއި ޕީނަޓް ފިޔަވައި އެހެން ރަހަތައް އަޅާފައިވާ ފުޅިއެއް ނުގަތުމަށް ބަލަންވާނެއެވެ. ބޭނުންފުޅުނަމަ، އަލްމަންޑް ބަޓަރު ނުވަތަ ސަންފްލާވަރ ސީޑް ބަޓަރު ބޭނުންކުރެވިދާނެއެވެ.

* ތައްޔާކުރާނެގޮތް:

ޗަސްކޮށްފައިވާ ދޮންކެޔޮކޮޅާއި ޕީނަޓް ބަޓަރ އެއްކޮށް މިކްސްކޮށްލާށެވެ. އެއަށްފަހު އޯޓްސްކޮޅު އެޅުމަށްފަހު މިކްސްކޮށްލާށެވެ. މިމިކްސްގައި ނިމޭއިރު ތަތްކަމެއް ހުންނަންވާނެއެވެ. އެއީ އެހައި ހަރުނޫން އަދި އެހައި ދިޔައި ނޫންވަރަކަށެވެ. އެއަށްފަހު، ބޭނުންވާނަމަ ކޮންމެވެސް ވަރަކަށް ޗޮކޮލެޓް ޗިޕްސް، ހިކި މޭބިސްކަދުރު ނުވަތަ ކޮންމެވެސް ކަހަލަ ބަދަނެއް އިތުރުކޮށްލެވިދާނެއެވެ. ދެން މެޓާ ގަނޑު ޓްރޭގައި ނުހިފާނެހެން ބޭކިން ޕޭޕަރ އަޅައި ތައްޔާރުކޮށްފައިވާ މިކްސް ފަތުރާލާށެވެ. އަދި 15 މިނެޓުވަންދެން އަވަނުގައި ބޭކްކޮށްލާށެވެ. އަދި މެޓާގަނޑު ފިނިވުމުން ކެވޭނެގޮތަށް ރީތިކޮށް ކޮށާލާށެވެ.

* ޓިޕްސް:

އިތުރަށް ފޮނިކޮށްލަން ބޭނުންނަމަ، މިކްސް ތައްޔާރުކުރާއިރު 2 ސައިސަމްސާ މާމުއި ނުވަތަ މޭޕަލް ސިރަޕް އެއްކޮށްލެވިދާނެއެވެ. އަދި ބޭނުންނަމަ ހިކި މޭބިސްކަދުރާއި ކަނަމަދު ކަހަލަ އެއްޗެއް އެޅިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން