ފައްސިވިސްނުމަކީ ދަރިން ބޮޑުވެ އަމިއްލަ ފައިމަށްޗަށް ތެދުވާދުވަހު އެކުދިންނަށް ދިމާވާ ކަންކަމުގައި މާޔޫސްނުވެ ކުރިއަށްދިއުމަށް މަގުފަހިވާކަމެއް
ފައްސިވިސްނުމަކީ ދަރިން ބޮޑުވެ އަމިއްލަ ފައިމަށްޗަށް ތެދުވާދުވަހު އެކުދިންނަށް ދިމާވާ ކަންކަމުގައި މާޔޫސްނުވެ ކުރިއަށްދިއުމަށް މަގުފަހިވާކަމެއް
ކޮންމެ ދިރިއުޅުމެއްގައިވެސް އަޑިގަނޑުތަކާއި އުސްގަނޑުތައް އަންނާނެއެވެ. އެހެންކަމުން ކޮންމެ ހާލަތެއްގައިވެސް ފައްސި ވިސްނުން އިސްކުރުމަށް ދަރިންނަށް ދަސްކޮށްދިނުމަކީ އެކުދިންގެ މުސްތަޤުބަލަށްޓަކައި މައިންބަފައިންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ. އަދި އެއީ އެދަރިން ބޮޑުވެ އަމިއްލަ ފައިމަށްޗަށް ތެދުވާދުވަހު އެކުދިންނަށް ދިމާވާ ކަންކަމުގައި މާޔޫސްނުވެ ކުރިއަށް ދެވޭނެ މަގުފަހިކޮށްދޭނެ ހުނަރެއްވެސްމެއެވެ.

ދަރިންގެ ކިބައިގައި ފައްސި ވިސްނުން އަށަގެންނެވުމަށްޓަކައި އެކުދިންނަށް ދިމާވާ ކަންކަމުގައި ހިތާމައެއް ކުރަންޖެހިއްޖެނަމަ ނުވަތަ ރުޅީ އިސްކޮށްފިނަމަ އެއިހުސާސްކުރުމަށް އެކުދިންނަށް ފުރުސަތުދޭށެވެ. އޭރުން އެކުދިންނަށް އެކަމަކާއިމެދު ވިސްނުމަށް ފުރުސަތު ލިބި އަމިއްލަ އިހުސާސްތައް ދެނެގަނެވޭނެއެވެ.

މިހާލަތުގައި ދަރިފުޅުގާތުގައި ތިވަރު ކުޑަ ކަންކަމާއި ރޯއެއްޗެއް ނޫނޭ ނުވަތަ ތިރުޅި އަންނަނީ ހަމައެވަރުކަމަކާހެއްޔޭ ފަދަ އިބާރާތްތައް ބޭނުންކުރުމުން ދަރިފުޅުގެ ޅަ ސިކުނޑިއަށް އެބުނެދެވެނީ އެކުއްޖާގެ އިހުސާސްތަކަކީ މުހިންމު އެއްޗެއް ނޫންކަމެވެ. އަދި މަންމަ ނުވަތަ ބައްޕަ މިހާލަތުގައި އަބަދުމެ އެކަމެއް އޮއްބާލަން މަސައްކަތްކޮށް ދަރިފުޅުގެ ސަމާލުކަން އެހެންކަމަކަށް ގެނުވާނަމަ އެކުދިންނަށް އިހުސާސްތައް 'ރިޕްރެސް' ނުވަތަ ހިންދާލެވޭނެއެވެ. އޭރުން އަބަދުހެން ރުޅިގަދަވެފައި ހުންނަގޮތް މެދުވެރިވެދާނެއެވެ.

މީގެ ބަދަލުގައި މިސާލަކަށް ކުޅޭ އެއްޗެއް ގެއްލުމުން ދަރިފުޅު ރޯނަމަ، "ދަރިފުޅާ ޓެޑީ ގެއްލުނީތަ؟ ހާދަ ދެރައޭ. އަދި ދަރިފުޅުގައިގައި ބައްދާލަން ބޭނުންނަމަ ދަރިފުޅު ރޯލުމަށް ފުރުސަތު ދިނުމަށްފަހު ދަރިފުޅު ހިތްހަމަ ޖައްސާލުމަށް އެހެންކަމެއް ކޮށްލުމަށް ދަރިފުޅު ބޭނުންވާ އެއްޗެއްގެ ވާހަކަ ދައްކާލާށެވެ. މިގޮތަށް ހެދުމުން ދިރިއުޅުމުގައި ބޭނުންނުވާ ކަމެއް ދިމާވުމުން އެކަމާއި ކުރިމަތިލައި އަދި އަމިއްލަ މީހާގެ ދިރިއުޅުން އެކަމާއި ހުރެ އެއްކޮށް މާޔޫސްކޮށް ނުލުމަށް ދަރިފުޅަށް ދަސްވާނެއެވެ.

ދަރިފުޅު އަބަދުހެން މޫޑު ގޯސްވެ ހިތްހަމަނުޖެހިފައި ހުންނަނަމަ އުފާހޯދަން ދަސްކޮށްދޭށެވެ. ދިރިއުޅުމުގައި އުފަލަކީ ވަކި މީހަކަށް ނުވަތަ ވަކި ކަމަކަށް ބަރޯސާވާ އެއްޗެއް ނޫންކަން ދަރިފުޅަށް ދަސްކޮށް ދިނުމަކީވެސް ފައްސި ވިސްނުން އަށަގެންނެވުމަށް މުހިންމު ކަމެކެވެ. އެހެންކަމން ދަރިފުޅަކީ އަމިއްލައަށް އުފާހޯދަން ދަންނަ ކުއްޖަކަށް ހެދުމަށްޓަކައި، ދަރިފުޅު އުފާވާ އެކިކަހަލަ ކަންކަން، ދަރިފުޅު ހަމަޖެހިގެން ހުންނަ ވަގުތެއްގައި ލިސްޓުކޮށްލާށެވެ. އަދި މޫޑު ގޯސްވުމުން އެކުދިންނަށް ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާ ކޮށްލާށެވެ. މިސާލަކަށް ދެރަވެފައި ނުވަތަ ކަމަކާއި ހިތްހަމަނުހިފައި ހުންނަވަގުތު، މަންމި ނުވަތަ ބައްޕަ ގައިގައި ބައްދާލުން، ކުލަ ޖެއްސުން ނުވަތަ ކުރެހުން ކަހަލަ ކަންކަމަކީ ދަރިފުޅު ކުރާހިތްވާ އަދި ހިތްހަމަޖައްސާލަދޭ ކަންކަމެވެ.

ދަރިފުޅާއިމެދު ފައްސި ބަސްތައް ބޭނުންކޮށް ދަރިފުޅުގެ ހުރިހާ ކަމަކާއިމެދު މަންމަމެން ހތްހަމަޖެހޭކަން އެންގުމަކީވެސް ދިރިއުޅުމާއިމެދު ފައްސި ވިސްނުން ދަރިންގެ ކިބައިގައި އަށަގެންނެވުމަށް މުހިންމުކަމެކެވެ. ސަބަބަކީ ތަކުރާރުކުރެވޭ މިފަދަ ބަސްތަކުގެ ސަބަބުން ދަރިންގެ ސިކުނޑީގައި އެކުދިންނަކީ ޤާބިލުބައެއްކަމާއި މައިންބަފައިން އެކުދިންދެކެ ލޯބިވާކަން އެކުދިންނަށް ޤަބޫލުކުރެވޭނެއެވެ. އަދި ސިކުނޑީގައި ވަރުގަދަޔަށް އެބަސްތައް ހަރުލާފައި ހުރުމުން އެކަންކަމާއިމެދު ޝައްކެތް ނުއުފެދޭނެއެވެ. އޭރުން އެކުދިންނަކީ ކަންކަމާއި ކެރިގެން ކުރިމަތިލާ އަމިއްލަ ނަފްސަށް އިތުބާރު އޮންނަ ޤާބިލުބަޔަކަށް ވެގެންދެއެވެ.

"ނުކުރާށޭ" "ނޫނޭ" ފަދަ ނައްސި އިބާރާތްތައް އަބަދު ބޭނުންކުރުމުގެ ބަދަލުގައި ދަރިންނާއި ވާހަކ ދެއްކުމުގައި ގެންގުޅޭ އިބާރާތް ބަދަލުކޮށްލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ތިހާ ގިނަ ސުވާލު ނުކުރާށޭ ބުނުމުގެ ބަދަލުގައި މަންމިއަށްވެސް ތިސުވާލުގެ ޖަވާބެއް ނޭނގެޔޭ ، ހިނގާށޭ ދެމީހުންވެގެން ހޯދާލަން، މިގޮތަށް ބުނުމުން ދަރިފުޅަށް އެވިސްނައިދެވެނީ ކަންކަމާއިމެދު ފައްސިކޮށް އަމަލުކުރުމަށެވެ. އަދި ތިމާއަށް ނޭނގޭކަމެއް ނޭނގެޔޭ ބުނުމަކީ ހަޑިކަމެއްކަމަށްވެސް އޭރުން އެކުއްޖާ ނުދެކޭނެއެވެ. އަދި ހިތްތިރިކަމުގެ ސިފަވެސް ދަސްވެގެންދާނެއެވެ. އެހެންކަމުން ފައްސި ވިސްނުން ދަރިންގެ ކިބައިގައި އަށަގެންނެވުމަށް ވާހަކަ ދެއްކުމުގައި "ނޫން ނުވާނެ ނުކުރެވޭނެ " ފަދަ ނައްސި އިބާރާތްތަކުގެ ބަދަލުގައި، ބުނަން ބޭނުންވާ ވާހަކަ ފައްސިގޮތަކަށް އިބާރާތް ކޮށްލުމަކީ މުހިންމުކަމެކެވެ.

ފައްސިވިސްނުން ދަރިންގެ ކިބައިގައި އަށަގަނުވޭނީ ތިބާވެސް ދަރިންނަށް އެގޮތަށް އަމަލުން އެކަން ދައްކައިގެންނެވެ. މީހަކު ބުނެލާ ބަހަކުން މާއަވަހަށް މާޔޫސްވެ ނުވަތަ ރުޅި އިސްކޮށް އުޅޭ މަންޒަރު ދަރިންނަށސް ފެންނަނަމަ، ކަންކަމާއި ކުރިމަތިލުމުގައި ފައްސިވިސްނުން އިސްކުރަން ދަރިންނަށްވެސް ނޭނގޭނެއެވެ. އަދި ކައިރީގައި އުޅޭމީހުންގެ މޫޑު ހުންނަ ގޮތުން އެހެން މީހުންނަށްވެސް އަސަރު ކުރާނެއެވެ. އެހެންކަމުން އުފަލުގައި ހުންނަނަމަ ދަރިންނަށްވެސް އެމަންޒަރުފެނި އެކުދިންވެސް އުފާވެރިވާނެއެވެ. އަދި އެހެން އިހުސާސްތަކުންވެސް މިގޮތަށް ދަރިންނަށް އަސަރުކުރާނެއެވެ.

ކުދިންގެ ދިރިއުޅުމުގައި ކްލާހުގައި ނުވަތަ އިތުރު ހަރަކާތްތަކުގައި އުޅޭއިރު ދިމާވެފައިވާ ކަންކަމާއިމެދު ވާހަކަ ދައްކައި އެކުދިންނަށް އެދުވަހެއްގައި އެންމެ އުފާވެރިކަމަކަށް ދިމާވީ ކޮންކަމެއްތޯ ސުވާލުކުރެވިދާނެއެވެ. މިގޮތަށް ކާމޭޒަށް އާއިލާ ޖަމާވުމުން އެކަކު އަނެކެއްގެ ދުވަހުގެ ކަންކަން ހިއްސާކޮށްލުމުން އުފާވެރި މާހައުލެއް އުފެދިގެންދެއެވެ. އަދި މިއީ ދިރިއުޅުމުގައި ލިބޭ އުފާތައް އެހެން މީހުންނާއި ހިއްސާކުރަންވެސް ދަސްވެގެންދާނެ އަދި އެކިކަހަލަ ކަންކަން ދިމާވަމުންދާ ހަޔާތެއްގައި އުފާތަކަށް ދަރިފުޅުގެ ސަމާލުކަން ބޮޑަށް ގެނުވައިދޭނެކަމެކެވެ. ދިމާވާ ދެރަ ކަންކަމަށް ސަމާލުކަން އެއްކޮށް ހުސްކޮށްލުމަކީ އުދާސްވެ ހިތްނުތަނަވަސްވާނެކަމެކެވެ. މިއާއި ޚިލާފަށް ލިބޭ ކުދިކުދި އުފާތައް ހިއްސާކޮށް އެއަށް ސަމާލުކަންދިނުމުން ދިރިއުޅުން ފައްސިވެފެންދާނެއެވެ.

ދަރިފުޅު ފައްސި ވިސްނުން އިސްކުރުމުން އެކަން ފާހަނގަކުރުމަކީވެސް އެކުދިންގެ ކިބައިގައި ފައްސިވިސްނުން އަށަގެންނެވުމަށް ވަރަށް މުހިންމު ކަމެކެވެ. މިހާލަކަށް "މިއަދު އައިޝާ ބޭނުންވި އައިސްކްރީމް ފްލޭވަރ ނެތުމުން، ދެންފަހަރަކުން އެފްލޭވަރ ގަންނާނީއޭ ބުނެލައި އެހެން ފްލޭވަރއެއް ޚިޔާރުކުރުމުން މަންމަ ވަރަށް އުފާވިއެވެ. އަބަދުވެސް ތިގޮތަށް ޝުކުރުވެރިވުމަކީ މަންމަ އުފާވާކަމެކެވެ. އޭރުން ދެންވެސް އެގޮތަށް އަމަލުކުރުމަށް ދަރިފުޅަށް ހިއްވަތު ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން