މަރިޔަމް ލަމްޙާ ރަޝީދު   19 މާރިޗު 2023 - 12:57
ބައިވެރިޔާދެކެވަނީ ހަޤީޤީ ލޯބިނަމަ އެކަން އަބަދުވެސް  އަންގައިދޭށެވެ
ބައިވެރިޔާދެކެވަނީ ހަޤީޤީ ލޯބިނަމަ އެކަން އަބަދުވެސް އަންގައިދޭށެވެ
ލޯބިން އުޅޭ ދެމަފިރިން އަބަދުވެސް ބަލަންވާނީ ތިމާމެންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށެވެ. ދިރިއުޅުން އުފާފާގަތިކަމާއެކު ކުރިއަށް ގެންދިޔުމެވެ. މިފަދަ ދިރިއުޅުމަކަށް އެދޭ ކޮންމެ ދެމަފިރިޔަކުވެސް އެންމެ ބޭނުންވާނެކަމަކީ އެކަކު އަނެކަކު އުފާކޮށްދިނުމެވެ. އަދި ތިމާގެ ދިރުއުޅުމުގައި ތިމާގެ ބައިވެރިޔާ އަކީ ވަރަށް މުހިންމު މީހެއްކަން އަންގައި ދިނުމެވެ. މިކަމަށްޓަކައި ކޮންމެ ފަހަރަކު އެކައުންޓު ހުސްވާވަރަށް ޚަރަދު ކުރާކަށް ނުޖެހޭނެއެވެ.

މިލިޔުމުގައި ހިއްސާ މިކޮށްލަނީ ބައިވެރިޔާ އުފާކޮށްލުމަށްޓަކައި ކުރެވިދާނެ 09 ކަމެވެ.

1. ކުޑަ ނޯޓުކޮޅު ބެހެއްޓުން:

ކައިވެނިކޮށްގެން އުޅޭނަމަ، ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ފެންނާނެހެން ކުދި ނޯޓުކޮޅުތައް ބެހެއްޓުމުން، އެނޯޓުގައި ވާ ލޯބިވާކަމުގެ ނުވަތަ ކޮންމެވެސް ކަމަކަށް ޝުކުރުވެރިވާކަމަށް ލިޔެފައިވާ ލިޔުންކޮޅު ފެނުމުން އޭނާ އުފާވާނެއެވެ. އަދި އޭނާގެ މުޅި ދުވަހަށް އެކަމުން އުފާވެރިކަން ގެނެސްދޭނެއެވެ.

2. ސަޕްރައިޒް ހަދިޔާ ދިނުން:

ނޭނގި ހުއްޓާ ލިބޭ ހަދިޔާއަކީ އެންމެ އުފާވެރިކަން ގެނުވައިދޭ ހަދިޔާއެވެ. ވަކި ދުވަހަކަށް ނުވަތަ އޮކޭޝަންއެއް އަންނަދެން ކޮންމެހެން މަޑު ކުރާކަށް ނުޖެހެއެވެ. އެހާ އަގުބޮޑު ނޫނަސް ބައިވެރިޔާއަށް ކަމުދާނެ އެއްޗެއް ދޭތެރެއަކުން ދިނުމުން އޭނާ އުފާވާނެއެވެ.

3. ޚާއްސަ ކެއުން ތައްޔާރުކޮށްދިނުން

ބައިވެރިޔާއަށް އެންމެ ކަމުދާ އެއްޗެއް ތައްޔާރުކޮށް ކެއުމެއް ދިނުމަކީ ވެސް ކުރެވިދާނެކަމެކެވެ. އޭރުން އޭނާ އުފާކޮށްދިނުމަކީ ތިމާއަށް މުހިންމުކަމެއްކަމުގައި އޭނާއަށް އެނގޭނެއެވެ. އަދި އެކަން 'އެޕްރިޝިއޭޓް'ކޮށް ތިމާ ލިބުނީތީ އޭނާއަކީ ނަސީބުވެރިއެއްކަމުގައި ދެކޭނެއެވެ.

4. ބައިވެރިޔާއަށް އެންމެ ކަމުދާ ކުޅިވަރެއް ނުވަތަ ކުރާހިތްވާކަމެއް އެކުގައި ކުރުން:

ބައިވެރިޔާއަކީ ވީޑިއޯ ގޭމް ކުޅޭ ހިތްވާ މީހެއްނަމަ އޭނާއާއިއެކު ވީޑިއޯ ގޭމް ކުޅެވިދާނެއެވެ. ނުވަތަ ކޮންމެވެސް އެހެން ކުޅިވަރެއް ކުޅޭ ހިތްވާ މީހަކުނަމަ އެކަމެއް ދަސްކުރެވިދާނެއެވެ. އޭރުން ބައިވެރިޔާއާއި އެކު އޭނާ ކުރާ ހިތްވާކަންކަމުގައި ހިއްސާވެ ދެމީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނެއެވެ.

5. ކުރީގެ ހަނދާންތައް އާކުރުން:

ދެމީހުންގެ ހަޔާތައް ގިނަ ދުވަސް ވެފައިވާނަމަ ކުރީގައި ހިނގައިދިޔަ އުފާވެރިވަގުތުތަކުގެ ހަނދާންތައް އާކުރެވިދާނެއެވެ. އެވާހަކަތައް ދެއްކުމުން ކުޑައިރުގެ ހަނދާންތައް އާވެ ދެމީހުން އެކުގައި ހޭދަވި ވަގުތުތައް އަލުން ސިފަވެގެންދާނެއެވެ.

6. ބައިވެރިޔާދެކެ ލޯބިވެވުނު ސަބަބުތަކުގެ ލިސްޓެއް ތައްޔާރުކުރުން:

މިކަމަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަކޮށް ބޮޑު ލިސްޓެއް ހެދުން މުހިންމެއް ނޫނެވެ. ބައިވެރިޔާ ދެކެ ލޯބިވެވުނު 5 ވަރަކަށް ސަބަބު ރީތިކޮށް ލިޔެލައި ނޯޓުކޮޅެއް ތައްޔާރުކޮށް ކޮންމެވެސް ޚާއްސަ ދުވަހެއްގައި ދެވިދާނެއެވެ. އޭރުން ތިމާ ހަމައެކަނި ލޯބިވާކަން އެނގުމުގެ ބަދަލުގައި ބައިވެރިޔާދެކެ ލޯބިވަނީ ކިއްވެކަންވެސް ބައިވެރިޔާއަށް އެނގި އޭނާއަށް ހިތްހަމަޖެހުން ލިބިގެންދާނެއެވެ.

7. ފޮޓޯއިން ކޮލާޖެއް ހެދުން:

އެކިއެކި ދުވަސްތަކާއި ޚާއްސަ އިވެންޓުތަކުގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ޕްރިންޓުކޮށް ކޮލާޖެއް ތައްޔާރުކުރެވިދާނެއެވެ. އޭރުން އެފޮޓޯތަކުގައިވާ ދުވަސްތައް މަތިން ހަނދާންއާވާނެއެވެ. އަދި އެދުވަސްތައް ހަނދާންވުމުން އުފާވާނެއެވެ.

8. ތިމާގެ ފޮޓޯ އޭނާގެ ވޮލެޓަށް ލުން:

ދުވަހެއްގައި ދޭތެރެއަކުން ވަގުތު ލިބުމުން ވޮލެޓު ހުޅުވާލުމުން ބައިވެރިޔާގެ ފޮޓޯ ފެނުމުން އުފާވެރިކަން އިހުސާސްކުރެވޭނެއެވެ. އަދި ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ގެއަށްދާއިރު އެންމެ ލޯބިވާ މީހާ ހުންނާނެކަމުގެ އިހުސާސް ކުރެވޭނެއެވެ. އަދި ހަނދާންވާ ކޮންމެ ވަގުތެއްގައި އެފޮޓޯއަށް ބަލާލުމުން ހިތްހަމަޖެހުން ލިބޭނެއެވެ.

9. ލޯބިވެޔޭ ބުނުން:

ބައެއްފަހަރު އެކުގައި އުޅޭތަން ގިނަދުވަސްވުމުން ނުވަތަ ބިޒީވެގެން އެކަކު އަނެކަކަށް ވަގުތު ނުދެވި އުޅެންޖެހުމުން ލޯބިވާވަހަކައާއި ދިރިއުޅުން އެކުގައި ހިއްސާކުރުމަށް ބައިވެރިޔާ ލިބުމަކީ ތިމާއަށް ކިހައި އުފާވެރިކަމެއް ލިބުނުކަމެއްކަން އިހުސާސްކޮށްދިނުމަށް ވާހަކަ ނުދެކެވި ދެއެވެ. އެހެންކަމުން މެސެޖަކުން ނަމަވެސް ލޯބިވެޔޭ ބުނެލުމުން ބައިވެރިޔާ އުފާވާނެއެވެ. އަދި ތިމާގެ އަގުވަޒަން ކުރާކަމުގެ އިހުސާސްކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން