އަހުމަދު ޔާމިން   18 މާރިޗު 2023 - 12:47
ވެރިކަމުގެ ފަރާތުން ނުވަތަ ދަޢުލަތުގެ ފަރާތުން ރައްޔިތުންގެ މައްޗަށް ކަނޑައަޅާފައިވާ ޤާނޫނަށް ތަބާވުން ނުވަތަ ނުވުން ބިނާވެގެންވާނީ އެތަނެއްގައި ސުލްޙަ މަސްލަހަތު ދެމެހެއްޓޭނެފަދަ ވާނަމައެވެ. އަދި އެއީ އެތަނުގައި ޢުރުފާއި އާދަކާދަތަކަށް ފުށުނާފަދަ އަދި އެތަނެއްގައި މީހުންގެ ޤަބޫލުކުރުންތަކާ އިޢުތިޤާދަށް ގުޑުންނާރާފަދަ ޤާނޫނު ތަކަކަށް ވާނަމައެވެ. މިސާލަކަށް އިސްލާމީ މުޖުތަމަޢުއެއްގައި އިސްލާމްދީންގެ އަޞްލަކާ ޚިލާފްވާފަދަ ޢިބާރާތެއް ނުވަތަ އެފަދަ ގޮތަކަށް އެކަށައެޅިފައިވާ ޤާނޫނަށް ތަބާވާކަށް ބޯލަބާކަށް ނުޖެހޭނެއެވެ.

މީގެ މާނަޔަކީ އަމިއްލަ ފަރުދުން އަމިއްލައަށް ޤާނޫނު އަތަށް ނެގުމެއް ނޫނެވެ. ހަމަޖެހިފައިވާ އިޖުރާޢަތުގެ ތެރެއިން އެކަމަށް ހައްލު ގެނައުމެވެ. ދިވެހިރާއްޖޭގައި ނަމަ ސްޕުރީމް ކޯޓަށް ގޮސް ޤާނޫނުގައި އިސްލާމްދީންގެ އަސްލަކާއި ޚިލާފް މާއްދާތަކެއް ވާނަމަ އެކަމަށް ހައްލު ގެނައުމުގެ ނިޒާމްވަނީ ގާއިމްކޮށްފައެވެ.

ދުނިޔޭގެ ފާހަގަކޮށްލެވޭ މޮޅެތި ފަލްސަފާވެރިންގެ ބަސްތަކުން ޤާނޫނަށް ތަބާވުން ނުވަތަ ނުވުން ބިނާވެގެންވާނީ އެތަނެއްގައި ސުލްޙަ މަސްލަހަތު ދެމެހެއްޓުމާކަމަށް ދެކޭ ނަޒަރިއްޔާތަށް މަންތިޤީ ގޮތުން ބާރުލިބިގެންދެއެވެ. މިގޮތުން މާޓިންލޫދަރ ކިންގ ވިދާޅުވަނީ "މުޖުތަމަޢުގައި ފައިދާހުރި ބޯލަނބަންޖެހޭ ޤާނޫނާ ޤަވައިދުތައް ހުންނަގޮތަށް ބަލައިގަންނަންނުޖެހޭ އަދުލުވެރިނޫން ޤާނުންތައްވެސް ހުންނާނެކަމަށެވެ." މަހާތުމާ ގާންދީ ވިދާޅުވަނީ "ޢަދުލުވެރިނޫން ޤާނޫންތަކަކީ އަނިޔާވެރިކަމުގެ ވައްތަރެކެވެ." ނަމަވެސް ދަޢުލަތާއި އެމީހަކާދެމެދު އުފެދިފައިވާ ސޯޝަލް ކޮންޓްރެކްޓްގެ ސަބަބުން އެތަނުގެ ޤާނޫނުތަކަށް އެމީހަކު ތަބާވާން ޖެހޭނެއެވެ. ސޯޝަލް ކޮންޓްރެކްޓަކީ ލިޔެވިފައިވާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެއީ އަޚްލާޤީ ގޮތުން ފަރުދުން އެމައްޗަށް ޢަމަލުކުރުން ލާޒިމް އިޖްތިމާޢީ ޢަޤްދެކެވެ.

ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނު އަސާސީއަކީ ވަރަށް ފުރިހަމައަށް ރައްޔިތުންނަށް ޙައްޤުތައް ލިބިދީފައިވާ ޤާނޫނު އަސާސީއެކެވެ. މި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރީގައި ޢަމަލު ކުރަމުން އައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި، ޤަރާރުތަކާއި، އިޢުލާނުތަކުގައި ބަޔާން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ، އެހެންނަމަވެސް މިޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ޙައްޤެއް އުނިވާ އެއްވެސް ކަމަކަށް ޢަމަލު ކުރާކަށް އެއްވެސް ރައްޔިތަކަށް ނުޖެހެއެވެ. ބައެއްގެ މައްޗަށް ޤާނޫނުތައް ހަދައި އޭގެ ބާރު ހިންގައި ޤާނޫނު ތަންފީޛު ކުރާނީ އެތަނެއްގައި އޮންނަ ދަޢުލަތުންނެވެ. ނުވަތަ ދަޢުލަތުން އެކަމަށް ކަނޑައަޅާފައިވާ ވުޒާރާތަކާއި، މުޢައްސަސާތަކާއި، އަދި އެނޫންވެސް ކަމާބެހޭ ފަރާތްތަކުންނެވެ. ސަރުކާރު ހިންގުމުގައި ހުރިހާކަމެއް ބައްޓަންކުރަންޖެހޭނީ އަސާސީ ޤާނޫނުގެ ދަށުންނެވެ. އަސާސީ ޤާނޫނަކީ ދަޢުލަތުގެ އެންމެހާ ފަރާތްތައް ބޯލަނބަންޖެހޭ ޤާނޫނެވެ. އެހެނީ، "ޤާނޫނަށްވުރެ އެއްވެސްމީހަކު އިސްނުވާނެކަމަށް" ބުނާ މަފްޙޫމްގެ ތެރެއިންނެވެ.

ޤާނޫނުން ފަރުދުންނަށް އެ މީހެއްގެ މިނިވަންކަމާއި، އޭނާގެ އަސާސީ ޙައްޤުތައް ރައްކާތެރިކުރުމާއެކު، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއެވެ. އަދި ޤާނޫނެއް ފަރުމާކުރެވި ތަންފީޛު ކުރަންވާނީ އެ ޤާނޫނެއްގައި ފަރުދުން އަދާކުރަންޖެހޭ ޒިންމާއާއި، މުޖްތަމަޢުގެ އެންމެހާ އަފްރާދުންގެ ޒިންމާ ހިމެނޭ ގޮތުން މުޖްތަމަޢުގެ އިޖްތިމާޢީ، އަދި އަޚްލާޤީ ފޭރާން ރައްކާތެރިކޮށް، އެންމެހާ އަފުރާދުންނަށް އެކުވެރިކަމާއެކު ބަދަހި ގުޅުމެއްގެ ތެރޭގައި ދިރިއުޅެވޭނެ މާޙައުލަކަށް މަގުފަހިވާނެ ގޮތްތަކަށް ވިސްނައިގެންނެވެ. ހަމައެއާއެކު މުޖްތަމަޢުގެ މަސްލަޙަތާއި، ރައްކާތެރިކަން ޤާއިމުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއިއެކު އެއްވެސް މީހަކަށް މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަން ނަގާލުމުގެ ފުރުސަތު ނުދިނުމާއި، ޖިނާޢީ ކުށްތަކަށް އަރައިގަންނަ މީހުންނަށް އިންސާފުގެމަގުން އަދަބުދެވޭނެމަގު ފަހިކުރުމާއި، މިފަދަ ކުށްތަކުގެ ތެރެއިން ސީދާގޮތުންނާއި، ނުސީދާގޮތުންވެސް ފަރުދުންނަށާއި، ޖަމާޢަތަށް ލިބޭ ގެއްލުމުގެ ޢަދުލުވެރި ބަދަލު ލިބިދިނުމާއެކު، ކުށްކުރިމީހާއަށް އެކުރި ކުށަކާއި އެކަށީގެންވާ އަދަބު ނުވަތަ ޢުޤޫބާތް ކަނޑައެޅި ތަންފީޒު ކުރެވިގެން ދިއުމުގެ މައްޗަށް ޤާނޫނު ފަރުމާ ކުރާ ފަރާތްތަކުން ވިސްނުން ހިންގަންޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ކަންކަން ހިންގަވަން ތިއްބަވާ ވެރިން، ދިވެހި ދަޢުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ވެއެވެ. ހަމައެއާއެކު، ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ޙައްޤެއް ހިފެހެއްޓޭނީ، މިނިވަން ދިމިޤްރާތީ މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށް ރައްޔިތުންގެ މަޖުލީހުން ހަދާ ޤާނޫނަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން