ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވާ މަސައްކަތަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ތައުރީފްކުރައްވައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

ނަހުލާ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކާއެކު ދަތުރުފަތުރު ކުރުމުގައި ދިވެހިން އުފުލަމުންދިޔަ ބުރަ ތަކުލީފު ނިމުމަކަށް އަންނަމުންދާކަމަށެވެ.

ނަހުލާގެ ވާހަކަފުޅުގައި ދަތުރުފަތުރުކުރުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް އައުމުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުން ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ވައިގެ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައްވެސް ހޯދައިދެވިއްޖެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސްވެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކަމާއިއެކު ކުރިޔަށްގޮސް ތަރައްގީގައި އުތުރާއި ދެކުނުގެ ރައްޔިތުންނަށް އެއްހަމައެއްގައި މަންފާ އާއި ނަފާ ލިބޭނެގޮތަށް އަތޮޅުތައް ބައްޓަން ކުރެވިއްޖެ." ނަހުލާ ވިދާޅުވިއެވެ.

ނަހުލާގެ ވާހަކަފުޅުގައި ތަރައްޤީގެ މި މަސައްކަތްތަކާއެކު ހާމަވެގެންދަނީ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައިދެއްވަން ރައީސް ކުރައްވާ މަސައްކަތްކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައިދެއްވާ ގައުމު ބިނާކުރުމުގައި ތިޔަ ދައްކަވާ ސާބިތުކަމަށާއި އަޅުގަނޑުމެންނަށް މަނިކުފާނު ދެއްވާ ހިތްވަރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން،." ނަހުލާ ވިދާޅުވިއެވެ.

ރައީސް ސާލިހަށް ތައުރީފްކުރައްވާ ނަހުލާ ވާހަކަފުޅުދައްކަވާފައިވާއިރު، އެކަމަނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފައެވެ. އަނެއްކޮޅުން ރައީސް ސާލިހުވެސް އިންތިހާބުގައި ވާދަކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު