ސަރުކާރުން ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކާ އެކު އިތުރު އެއާޕޯޓެއް ރާއްޖޭގައި ދެން ހަދަން ނުޖެހޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުން ފަށަން ނިންމާފައިވާ ޕްރޮޖެކްޓްތަކާއެކު އިތުރު އެއާޕޯޓެއް ރާއްޖޭގައި ހަދަން ނުޖެހޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެއާޕޯޓް އެޅުމުގެ މަސައްކަތްތައް ކުރަމުންދާއިރު އެ އެއާޕޯޓްތަކުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުން ކަމަށް އަސްލަމް ވިދާޅުވިއެވެ.



މީގެ އިތުރުން އަސްލަމް ވިދާޅުވީ އިތުރު އެއާޕޯޓްތައް ހަދަން ނުޖެހުނު ނަމަވެސް އެންމެ ކުރިން ރާއްޖޭގައި ހަދާފައިވާ އެއާޕޯޓްތައް މަރާމާތު ކުރަންޖެހޭ ކަމަށެވެ. ރާއްޖެ ތަރައްގީ ކުރުމުގައި ސާފު ޕްލޭނެއް ސަރުކާރުގައި އެބައޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރުޓީއެލް ފެރީގެ ނިޒާމުން މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި ދެލައްކަ އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އާރުޓީއެލް ފެރީގެ ނިޒާމް ގއ. ގދ. ގައި އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު