ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

މި މަޝްރޫއަކީ ސިނާއީ އެކި މަސައްކަތްތަކަށާއި ވިޔަފާރިތައް ހިނގުމަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއަރހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓްތަކާއި، ހާދިސާތައް ތަކުރާރުވިޔަނުދީ އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި މިކަމަށް ޚާއްސަ ކުރެވިފައިވާ ތިލަފުށީގައި ޒަމާނީ ވަސީލަތްތަކާއި އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްޤީ ކުރުމަަށް ހިންގާ މަޝްރޫއެކެވެ.

އެގޮތުން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްދާ ތިލަފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ސިނާއީ އެކި މަސައްކަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ބަންޑް ވޯލް ހެދުމުގެ މަސަކަތްތައްކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ އެކުންފުނިން ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު