ސްޓެލްކޯ ކައިރިން އަމީނީމަގުގައި ގާ އަތުރަނީ ވަގުތީގޮތުންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނެފިއެވެ.

އަމީނީ މަގުގެ ވަކި ހިސާބެއްގައި ގާ އަތުރާތީ ބައެއް ފަރާތްތަކުން އަންނަނީ އެކަމާއި ސުވާލުކުރަމުންނެވެ.

އާރުޑީސީން ބުނީ އަމީނީ މަގާއި ދޮންއަދަރާދާ ހިނގުން ގުޅޭ ކަންމަތިން މިހާރު ވެހިކަލަށް ދަތުރު ނުކުރެވޭތީ، އެ ސަރަހައްދުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ސްޓެލްކޯގެ އިމާރާތާއި ޖެހިގެން ހުޅަނގަށް އޮންނަ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހެދުމަށްޓަކައި، ވަގުތީ ގޮތުން އެ މަގުގައި ގާ އަތުރަން ފަށާފައިވާކަމަށް އާރުޑީސީން ބުނެއެވެ.

އާރުޑީސީން ބުނީ އެ ސަރަޙައްދުގައި ތާރުއަޅަން ތައްޔާރުވުމުން ގައުތައް ނަގާނެކަމަށެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.



ކިޔުންތެރިންގެ ހިޔާލު