ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ތަރުޖަމާނަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހަމަޖައްސައިފިއެވެ.

ޖޭޕީގެ މައި ހަރުގެ މާފަންނު ކުނޫޒުގައި އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޕާޓީގެ ބައެއް މަގާމުތަކަށް ބޭފުޅުން ހަމަޖައްސާފައެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ތަރުޖަމާނަކަށް ހަމަޖެއްސީ ވޭތުވެދިޔަ ފަސް އަހަރު ޕާޓީގެ ޑެޕިއުޓީ ލީޑަރަަކަށް ހުންނެވި އަބްދުﷲ އަމީންއެވެ. އަދި ޕާޓީގެ އިސް ތަރުޖަމާނަކަށް ހަމަޖައްސާފައިވަނީ މިދިޔަ 10 ވަރަކަށް އަހަރު އެ މަގާމު އަދާކުރަމުންދާ އަލީ ސާލިހުއެވެ.

ޕާޓީގެ އިދާރީ އެހެނިހެން އިސް މަގާމުތަކަށް ވަނީ ބޭފުޅުން ހަމަޖައްސައިފައެވެ. އެ ގޮތުން ސެކްރެޓަރީ ޖެނެރަލަކަށް ހަމަޖެއްސީ މިހާރުވެސް އެ މަގާމުގައި ހުންނެވި ޢަލީ އާރިފެވެ. ޓްރެޝަރާއަކަށް ހަމަޖެއްސީ މަޙްމޫދު ރަމީޒެވެ. އަދި ރަޖިސްޓްރާގެ މަގާމަށް ހަމަޖެއްސީ މުޙައްމަދު ޒަހީނެވެ.

ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީއަކަށް ބޭފުޅަކު ހަމަޖެއްސެވުމުގެ ބާރު ކައުންސިލުން ވަނީ އެމަނިކުފާނަށް ދެއްވައިފައެވެ. ނަމަވެސް އެ މަގާމަށް މިހާތަނަށް ބޭފުޅަކު އައްޔަންކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު