އެކަނިވެރިމައިންނާ ކައިވެނިކުރުމުން ދިރިއުޅުން ބާއްޖަވެރިވޭ
އެކަނިވެރިމައިންނާ ކައިވެނިކުރުމުން ދިރިއުޅުން ބާއްޖަވެރިވޭ
ކޮންމެ މީހަކަށްވެސް އެމީހަކު ކައިވެނި ކުރުމަށް ބޭނުންވާ މީހަކު އިޚްތިޔާރުކުރެވިދާނެއެވެ. މުއްސަނދި، ފަޤީރު، ރީތި، ރަނގަޅު މިހެންގޮސް އެތައްކަމެއް ހުރިތޯ ކައިވެނި ކުރުމުގެ ކުރިން އެންމެންވެސް ބަލައެވެ. ނަމަވެސް ބައެއް މީހުން ކައިވެނި ކުރުމުގައި ހަމައެކަނި ހުއްސަރިބައި ދުވަހަކުވެސް ކައިވެނި ނުކުރާ ކުދިން ބޭނުންވެއެވެ. އެހެންނަމަވެސް، ކުރިން ކައިވެންޏެއްކޮށް ދަރިއަކު ލިބިފައި ހުރި އެކަނިވެރި މައިންނަކީ ކައިވެނިކުރަން ހަމަ އެންމެ ރަނގަޅު އަންހެނުންނެވެ. އަދި މިފަދަ އަންހެނުންނާ ކައިވެނިކުރުމުން އެމީހަކަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބުމަކީ މިހާރަކަށް އައިސް ރާއްޖޭގައި ކުރެވޭ މިފަދަ ކައިވެނިތަކުން ހެކިދޭކަމެކެވެ. އެފަދަ އަންހެނުންނާއެކު އުފާވެރި ދިރިއުޅުން ވޭތުކުރަމުންދާ ފިރިހެނުން ރާއްޖޭގައިވެސް މަދެއްނޫނެވެ.

އެކަނިވެރި މައިންނޭ އަޅުގަނޑުމެން މާނަކުރަނީ ދަރިން ލިބުމަށްފަހު، ކޮންމެވެސް ސަބަބަކާހުރެ ފިރިމީހާވަރިވެ ގިނަ ދުވަސްތަކެއް ވަންދެން ދަރީންގެ ޙައްޤުގައި، އިތުރު ކައިވެންޏަކާދޭތެރޭ ނުވިސްނައި، އެދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް ދަރީންނާއެކު އެކަނިވެރި ދިރިއުޅުމެއް ވޭތުކުރަމުންދާ މަންމައިނެވެ. މިފަދަ މައިން، ހުރިހާ ވަގުތެއްވެސް ހޭދަކުރާނީ ދަރީންގެ ކަންކަމުގައެވެ. ގިނަފަހަރު މިފަދަ މައިން ބައްޕަގެ ދައުރުވެސް އަދާކުރަންޖެހެއެވެ. ހުރިހާ ޒިއްމާ އުފުލައެވެ. އެމީހުންގެ ހުރިހާވެސް އުއްމީދަކީ ދަރިފުޅުގެ އެންމެހައި ކަންތައް ވީއެންމެ ފުރިހަމައަށް ގެންދެވޭތޯއެވެ. އެމީހުން އެކަން ބަރާބަރަށް އަދާވެސް ކުރެއެވެ. މިއީ އެކަނިވެރިމައިންނާއެކު ދިރިއުޅުމެއް ފެށުމަކީ ހަގީގަތުގައި ކައިވެނި ކުރެވޭ ފިރިހެންމީހާ ހިތްހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް ބިނާކުރެވޭނެ މައިގަނޑު ސަބަބެވެ. މިހާރަކަށްއައިސް ރާއްޖޭގައިވެސް، އެކަނިވެރި މައެއްގެ ގޮތުގައި 10 ނޫނީ 20 އަހަރަށްވުރެވެސް ގިނަދުވަސް ހޭދަކުކޮށްފައިވާ އެކަނިވެރި މައިންނާ ކާވެނިކޮށް ދެމަފިރިން ެުެއުފާވެރި ދިރިއުޅުމެއް ލިބިފައިވާތަން އަަޅުގަނޑުމެންނަށް އެބަފެނެއެވެ. އެހެންކަމުން ެއުފާވެރި ދިރިއުޅުމެއް ބޭނުންނަމަ، ކޮންމެ ފިރިހެނަކުވެސް ބަލަންވީ މިފަދަ އެކަނިވެރިމަޔަކު ހޯދޭތޯއެވެ.

އަޅުގަނޑުމެން ފިރިހެންނުން ސަމާލުކަންދޭންޖެހޭ އެއްކަމެއް ފާހަގަކޮށްލަމެވެ. އެކަނިވެރިމަޔަކު ތިމަންގެ ދިރިއުޅުމަށް އަންނަ ހިނދު، ކުރީގެ ކައިވެނި ރޫޅުނީ ކީއްވެތޯ ބެލުމަކީ މުހިންމުކަމެކެވެ. ނަމަވެސް، ކުރީގައި ކުށެއް ކުރެވިފައިވާ މީހެއްނަމަ އެކަމުގައި ހިފައި އެއަންހެންކުއްޖާ ދުނިޔެއުމުރަށްވެސް، އެގޮތަށްވެދާނެ ކަމަށް ހީނުކުރާށެވެ. އަބަދުވެސް ހެެޔޮ ހިތަކާއެކު އެފަދަ އެކަނިވެރި މައިންނާވާހަކަ ދައްކާށެވެ. ކޮންމެ މީހަކަށްވެސް ކުށްކުރެވިދާނެކަމަށް ގަބޫލުކޮށް، އެއަންހެން މީހާއެކު ދިރިއުޅުމެއް ބިނާކުރެވިދާނެކަމަށް ފެންނަނަމަ ކައިވެނި ކުރުމަށް އަވަސްވެގަންނާށެވެ. އަދި ހަމައެހެންމެ ބައެއް ހާލަތްތަކުގައި އަންހެންމީހާގެ ކުށެއްނެތިވެސް ކައިވެނި ރޫޅިފައި ހުރެއެވެ. ހާއްސަކޮށް ރާއްޖޭގައި ވަރީކުރުމުގެ އަދަދަކީ އެހާމެ ބޮޑު އަދަދަކަށްވާއިރު، މީގެތެރެއިން ގިނައީ ފިރިން މަސްތުވާތަކެތީގެ ވަބައިގައިޖެހި ވަކިވާން މަޖުބޫރުވެގެން ވަކިވާ ވަކިމުވެމެވެ. އެހެންކަމުން ހަމައެކަނި ކުރީގައި ކައިވެންޏެއްކޮށްފައި ދަރިއަކު ހުރުމަކީ މައްސަލައެއްކަމުގައި ދެކިގެންނުވާނެއެވެ. ތިރީގައި މިވަނީ އެކަނިވެރި މައިންނާއި ކައިވެނި ކުރުމުން ލިބިދާނެ ފައިދާތަކެވެ.

އެކަނިވެރި މައިންނާއި ކައިވެނި ކުރުމުން ލިބޭ ފައިދާތައް:

1. ކައިވެންޏެއްކޮށް މީހަކާއިއެކު ދިރިއުޅުމުގެ ތަޖުރިބާހުރުން:

ކުރިން ޒަވާޖީހަޔާތެއް ބިނާކުރެވޭތޯ ހޭދަކުރެވުނު ދުވަސްތަކުގައި ތަފާތުއެކިއެކި ކަންކަމާއި ކުރިމަތިލާފައިވާނެއެވެ. އެހެންކަމުން ބޮޑުކަމެއް ދިމާވުމުން ގޮތްހުސްވެ ހާސްވުމުގެ ބަދަލުގައި އެކަންކަމާއި ކެރިގެން ކުރިމަތިލާނެއެވެ. އަދި ވަކިން ޚާއްސަކޮށް ފިރިމީހާގެ އިހުސާސްތައް ދަނެ ރަނގަޅު ބައިވެރިޔަކަށް މިފަދަ އަންހެނުން ވެގެންދެއެވެ.

2. ލޯބީގެ މަޅީގައި މާފަސޭހައިން ޖެހިގެން ނުދިއުން:

ކުރިން ކައިވެންޏެއްކޮށްފައި ނުވާ އަންހެނުން މީހުންނާއި ރަށްޓެހިވާނީ 'ރޮމޭންޓިކް' ވަގުތުތަކެއް އެކުގައި ހޭދަކުރުމަށާއި ހުވަފެނީ ކަންތައްތަކެއް ހާސިލް ކުރުމަށެވެ. މިއާއި ޚިލާފަށް އެކަނިވެރި މައިންގެ ދިރިއުޅުމުގައި އެއީ އެހާ މުހިންމު ކަމެއް ކަމުގައި އެމީހުން ނުދެކެއެވެ. އަދި ކައިވެނި ކުރާނެ މީހަކު އިޚްތިޔާރު ކުރާނީ އެމީހާގެ ހުރި ރީތިކަމަކުން އެކަންޏެއް ނޫނެވެ. އެމީހަކާއިއެކު ދިރިއުޅެވޭނެ ފަދަ ސިފަތަކެއް އިންނަން އުޅޭމީހާގެ ކިބައިގައި ހުރިކަން ޔަގީންކޮށްފައެވެ. އެހެންކަމުން އެކަނިވެރިމައިން، މީހާގެ ހަޤީގަތް ނުބަލައި ހަށިގަނޑުގެ ބާރުނެތިގެންދާވަރަށް ލޯބީގެ މަޅީގައި ޖެހިގެން ނުދާނެއެވެ. އަދި އެމީހުންނާއި އިންނަ މީހުންނަށް އެމީހުން ކައިވެނި ކުރަނީ ރަނގަޅު ސީރިއަސް ދިރިއުޅުމެއް ހޯދަންކަން ޔަގީންވެގެންދާނެއެވެ.

3. ބައިވެރިޔާއަށް ހުސްވަގުތު ދިނުން:

ފިރިހެނުންނަކީ އެމީހުންގެ އަމިއްލަ ވަގުތު ބޭނުންވާ ބައެއްކަން، ކުރީގެ ދިރިއުޅުމުން ލިބިފައިވާ އެއްފިލާވަޅަކަށް ވާނެއެވެ. އެހެންކަމުން، އަބަދު ކައިރީގައި ބަހައްޓަން ބޭނުންވެގެން އިރުއިރުކޮޅާ ފިރިމީހާއަށް ގުޅައި އުނދަގޫކޮށް ނަހަދާނެއެވެ. އަދި އެވަގުތު ތަކުގައި އަމިއްލަ ކޮންމެވެސް ކަމެއް ކުރުމުގައި އެމީހުން ވަގުތުގެ ބޭނުން ހިފާނެއެވެ.

4. ދަރިން ތަރުބިއްޔަތު ކުރުމުގެ ތަޖުރިބާ ހުރުން:

އަލަށް ދަރިއަކު ލިބިގެން އުޅޭއިރު ކަންކަން ކުރާނެ ގޮތް ނޭނގުމަކީ ދިމާވާކަމެކެވެ. އެކަނިވެރިމައިންނަކީ ކުރިން ކައިވެންޔެއްކޮށް ދަރިއަކު ބަލަމުން އަންނަ ބަޔަކަށްވުމުން، ދަރިން ބެލުމަކީ އައު ކަމަކަށް ނުވާނެއެވެ. އެހެންކަމުން އެކަނިވެރި މަޔަކާއި ކައިވެނިކޮށް، ދަރިއަކު ލިބުމުން ދަރިފުޅަށް އަޅާލައި ދަރިފުޅުގެ ކަންކަން އެންމެ ފުރިހަމައަށް ކުރާނެކަމުގެ ޔަގީންކަން އޮންނާނެއެވެ.

5. އެހެން މީހުންނަށް ބަރޯސާނުވެ އެކަނި ދިރިއުޅެން ދަތުން:

ކައިވެނި ރޫޅުމުން، އާމްދަނީ ހޯދައި ދަރިފުޅުގެ ހުރިހާ ޒިންމާއެއް ނަގަމުން އެކަނި އުޅެން މިފަދަ އަންހެންނުން ދަސްކުރެއެވެ. އެހެންކަމުން، މިފަދަ އަންހެނަކާއި ކައިވެނި ކުރުމަށްފަހުވެސް، ކަމެއް ދިމާވެގެން ތިމާއަށް ކައިރީގައި ނުހުރެވޭ ވަގުތެއްގައި އަންހެންމީހާ ދަރިންގެ ކަންކަމާއި ގޭތެރޭގެ ކަންކަން އެންމެ ފުރިހަމައަށް ކުރާނެ ކަމުގެ ޔަޤީންކަން އޮންނާނެއެވެ.

6. ފިރިމީހާއަށް އަދާކުރަންޖެހޭ އިޙްތިރާމް ފުރިހަމައަށް އަދާކުރުން:

ކައިވެނީގައި އެކަކުއަނެކަކަށް އިޙްތިރާމް އަދާކުރުމަކީ އުފާވެރި ދިރިއުޅުމަކަށް ވަރަށްވެސް މުޙިއްމު ކަމެކެވެ. ފިރިމީހާއައި ފިރިމީހާގެ މައިންބަފައިނަށް އިޙްތިރާމްކުރުމުގެ މުހިއްމުކަން ކުރީން ކައިވެންޏެއް ކޮށްފައި ހުރުމުން އެ އެކަނިވެރިމައިންނަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވޭނެއެވެ. އަދި

ކުރީގެ ކައިވެނީގައި ހިނގައިފައިވާ ކަންކަން އަލުން ވިޔަ ނުދިނުމަށްޓަކައި އެމީހާ އަލުން ކުރާ ކައިވެނީގައި މަސައްކަތް ކުރާނެއެވެ. އަދި ވަކިން ޚާއްސަކޮށް ދަރިއަކު ހުރެ އޭނާ ޚިޔާރު ކުރުމުންވެސް ފަހުގެ ފިރިމީހާއަށް ކުރާ އިޙްތިރާމާއި ޤަދަރު ބޮޑުވާނެއެވެ. އެހެންކަމުން، އުފާވެރި ދިރިއުޅުމަކަށް އެކަކުއަނެކަކަށް ދެފަރާތުގެ އާއިލާގެ މައިންބަފައިނާއި އެެއްބަޑުއެއްބަފާ، އަދި ގާތްތިމާގެ މީހުންނަށް އިޙްތިރާމް ލިބުމަކީ ދިރިއުޅުން އުފާ ފާގަތިވާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

ފަތުޙުﷲ

18-Mar-2023

މިކަމުގެ ދީނީގޮތުން ލިބޭފައިދާތައް ބުނެލަދިނުން ވަރަށް މުހިންމު.


7

ބެންޖޯ

16-Mar-2023

ތިޔައުޅެނީ މަލައްވާ އަނގަގޮއްވަންތަ???


2

ފިޔަވަޅު

15-Mar-2023

ބައެއްފަހަރު އެހެން އަންހެނެއްގެ ދިރިއުޅުން ބަރުބާދު ކޮއްލާ އަންހެނަކައްވެސް އެމީހުން ވެދެ . މީހުންގެ ދިރިއުޅުން ތެރެއައް ވަދެ ވ ހަޑިކޮއްވެސް އުޅެ . ދަންނަ ވ ގިނަ މީހުން މިހާރުވެސް އެބަތިބި . ތިހެން އެއްޗެއް ލިޔާ އިރު މި މުޖތަމައުން ފެންނަ ކަންކަން ދިރާސާ ކުރުން ވ މުހިންމު . ކޮންމެ ކަމެއްގާވެސް ދެކޮޅު ލިޔަންވާނެ . ޢެއީ ގުރިހަމަ ލިޔުންތެރިކަމަކީ



ޓްރެންޑިން