ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރު.ޕީ) އަށް ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން "ރިހި އައްސޭރި 2023" ބާއްވައިފިއެވެ.

ޓޭބަލްޓޮޕް އެކްސަސައިޒް "ރިހި އައްސޭރި 2023" ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އިން 13 އަށް މާލެ ސަރަހައްދުގައެވެ.

މިއީ ޓެރަރިޒަމްގެ ޙާދިސާއަކަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ދޭ އީޖާބަ ޓެސްޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ އެން.ޓީ.އާރު.ޕީ. ގައި އަލިއަޅުވާލާ ކުއްލި ޙާލަތްތަކުގައި އީޖާބަދޭ ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮންނަ މުވާސަލާތީކަންކަމާއި ވިލަރެސްކުރުން ޓެސްޓުކޮށް، މިފަދަ ޙާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޤާބިލުކަން ހަރުދަނާކުރުމެވެ. އަދި މި މަޤްސަދު ހާސިލުކުރުމަށް އިދާރާތަކަށް ބޭނުންވާނެ ތަމްރީނާއި އެކްސަސައިޒްތައް ދެނެގަނެ އިޖާބީ ޙަރަކާތްތައް އިތުރަށް ފުރިހަމަކުރުމެވެ.

އެކްސަސައިޒް "ރިހި އައްސޭރި 2023" އަކީ އެން.ޓީ.އާރު.ޕީ. އަށް ޢަމަލުކުރުމަށް ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ހިންގަމުންދާ ޙަރަކާތްތަކުގެ ތެރެއިން އެންމެފަހުގެ ޙަރަކާތެވެ.

މި އެކްސަސައިޒްގައި ސަރުކާރުގެ 11 އިދާރާއެއްގެ އޮފިޝަލުން އެއްތަންވެ މަސައްކަތްކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު