ދުނިޔެއަށް އަންނަމުންދާ އައު ބަދަލުތަކަށް ކުރިމަތިލާން ތައްޔާރުވާންޖެހޭކަމަށް ޝާހިދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދުގެ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ފޮނުއްވި މެސެޖުގައެވެ.

ޝާހިދުގެ މެސެޖުގައި ވިދާޅުވީ މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރަނީ ކުރިއަށްވުރެ މާވަރުގަދަ މާބަދަހި އާއިލާއެއްގެ ގޮތުގައިކަމަށާއި މިބަދަހިކަމާއެކު އައު ފުރުޞަތުތަކާއި އައު އުއްމީދުތަކެއްގެ އިހުސާސް ގެނުވައިދޭކަމަށެވެ.

"މީގެތެރޭގައި އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ތަފާތު ޤައުމުތައް އެކުގައި މަސައްކަތް ކުރުމުގެ ރޫޙު އިތުރަށް ވަރުގަދަކޮށް އެކަންކަން ބަދަހި ކުރުމުގެ އިހުސާސް ހިމެނޭ. އަދި އަޅުގަނޑުމެން އެންމެން އަހައްމިއްޔަތުކަންދޭ ކަންކަމުން އައު ޚިޔާލުތައް ނެރެވޭނެ އިހުސާސް ހިމެނޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮމަންވެލްތު ޗާޓަރުގައި ސޮއި ކުރިތާ 10 އަހަރު ފުރޭއިރު މިދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ރާނީ އެލިޒަބަތު ދެވަނަ އަޅުގަނޑުމެން އެންމެންގެ ގުޅިފައިވާ ފާގަތިކަމަށްޓަކައި ކުރެއްވި އެހާމެ ބޮޑު އަދި އަގުނުކުރެވޭނެ މަސައްކަތްކަމަށެވެ. އަދި މިއީ ކޮމަންވެލްތު ކުރިއެރުވުމަށްޓަކައި އެކަމަނާގެ ހިތުގައި އޮތް ނުގުޑާފަދަ އަޒުމުގެ ލާމަސީލު ދަލީލެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތާނގައި ކޮމަންވެލްތުގެ ދަންމަރު އުފުލައި އަޅުގަނޑުމެން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ރަސްގެފާނު ޗާލްސް ތިންވަނައަށް އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކޮމަންވެލްތު ވެފައިވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމަށް ޙައްލު ހޯދުމަށް ބޭނުންވާ ފައިސާ ފަސޭހައިން ހޯދުމަށާއި ފަންނީ ޤާބިލިއްޔަތުކަން އިތުރުކުރުމަށާއި ދަރިވަރުންނަށް ސްކޮލާޝިޕް ފުރުޞަތުތައް ހޯދުމަށާއި ކޮމަންވެލްތު ގޭމްސްގައި އެހެން ޤައުމުތަކުގެ އެތުލީޓުންނާއެކު އަލުން ވާދަކުރުމުގެ ފުރުޞަތު އެތުލީޓުންނަށް ފަހިކޮށްދިން ފުރިހަމަ މަންސައަކަށްކަމަށެވެ.

ޝާހިދު ވިދާޅުވީ މިއަދު އަޅުގަނޑުމެން އަހުދުވާންވީ ކުރިއަށް ވުރެ ރަނގަޅަށް ކަންކަން ކުރަންކަމަށެވެ. އަދި އަހުދުވާންވީ ދުނިޔެއަށް އަންނަމުންދާ އައު ބަދަލުތަކަށް ފުރިހަމައަށް ކުރިމަތިލާ، އައު ގޮންޖެހުންތަކަށް ކުރިމަތިލުމުގައި އެކަންކަމަށް އިހުނަށްވުރެ ރަނގަޅަށް ތައްޔާރުވާންކަމަށެވެ. އަދި އަޅުގަނޑުމެން އަހުދުވާންވީ އެއް އާއިލާއެއްގެ ގޮތުގައި އަޅުގަނޑުމެން ކުރުމަށް ވަޢުދުވެފައިވާ ކަންކަން ފުރިހަމަކޮށް ނިންމުމަށްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު