ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް ދައުލަތުގެ މުދާ ބޭނުންކުރާ މައްސަލައަށް ހައްލެއް ނުލިބޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަންބޮޑުވުން ފާޅުކުރަށްވާފައިވަނީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅުއްވި އިސްލާހާއި ގުޅިގެން މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގައެވެ.

މި އިސްލާހަކީ އިންތިޚާބުތަކާ ދިމާކޮށް ކެންޑިޑޭޓުން ދޭ ރިޝްވަތާއި، ހުށައަޅާ ވައުދުތައް ވަކިވާނެ ގޮތްތައް ބަޔާންކުރާ އިސްލާހެކެވެ.

މަޖިލީހުގެ މިއަދު ކުރިއަށްދިޔަ ބަހުސްގެ ތެރެއިން މެމްބަރުން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ އިންތިހާބުތަކާއިބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އިންތިހާބަށް ދައުލަތުގެ މުދާ ބޭނުންކުރުމުގެ މައްސަލަ ހައްލުނުވާކަމަށެވެ.

ނަޝީދު ވިދާޅުވީ އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން ޓީމެއެ މަޖިލީހަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވައި، އެ ބޭފުޅުންނަށް ފާހަގަވެފައިވާ ކަންކަން ހިއްސާކޮށްފައިވާކަމަށެވެ. އެގޮތުން ދައުލަތުގެ މުދާ އިންތިހާބަށް ބޭނުން ކުރުމާއި ދައުލަތުގެ މީޑިއާ ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުން ކުރަމުން ގެންދިޔުމަކީ އީޔޫގެ ބޭފުޅުން ފާހަގަކުރެއްވި ކަންބޮޑުވުމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނުތަކުގެ ތެރެއިން މިކަންކަމަށް ހައްލު ހޯދުމަކީ މުހިއްމުކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވިއެވެ.

"ހާއްސަކޮށް ދައުލަތުގެ މުދާ އިންތިހާބަށް ބޭނުން ކުރުމާއި ދައުލަތުގެ މީޑިއާ ހަމައެކަނި ވެރިކަމުގެ ފަރާތުން ބޭނުން ކުރަމުން ގެންދިޔުން މި ދެ ކަންތަކުގެ ކަންބޮޑުވުންގެ ގޮތުގައި ފާހަގަ ކުރެއްވި.ާ" ނަޝީދު ވިދާޅުވިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކުރުމަކީ ވައުދު ކަމަށެވެ. އަދި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި، ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށް ބެލެވޭނެ ކަމަށް މި އިސްލާހުގައިވެއެވެ.

އިސްލާހުގައިވާ ގޮތުން ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެއެވެ.

ސަރުކާރުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ހުށައެޅި އިސްލާޙުތަކަށް އެމްޑީޕީގެ ބައެއް މެންބަރުންނާއި އިދިކޮޅު މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މަކަރާއި ހީލަތުން ކާމިޔާބު ކުރުމަށްކަމަށް އިދިކޮޅު މެންބަރުން ވަނީ ތުހުމަތު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު