ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގދ.ފަރެސްމާތޮޑާގައި ތަރައްޤީކޮށްފައިވާ އެއާރޕޯޓަށް ބާއްވާ ފުރަތަމަ ޓެސްޓް ފްލައިޓް މިއަދު ހަވީރު އެ އެއަރޕޯޓަށް ޖައްސާނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓްގެ ގޮތުގައި ފުރަތަމަ ޖައްސާނީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެއްކަމަށެވެ. ބޯޓު މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 3:50 ހާއިރުއެވެ. އަދި އެ މަތިންދާބޯޓް ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00 ގައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހުއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކީ، ރޭގަނޑުވެސް ރަށަށް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. މީގެއިތުރުން އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާ، ފަޔަރަ ބިލްޑިންގެ ހުރިހާ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ.

އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި ވަގުތީގޮތުން ބޭނުންކުރުމަށް މަގެއް ތަރައްޤީކުރާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ވަނީ އެހެން ރަށްތަކާއި ރިސޯޓްތަކުން ޚިދުމަތް ހޯދުމަށް އެއަރޕޯޓަށް ދަތުރުކުރާ މީހުން ބޭނުންކުރުމަށް އެއަރޕޯޓްގައި ބަނދަރެއް ވަނީ ހަދާފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢުއަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.



ކިޔުންތެރިންގެ ހިޔާލު