އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތުގެ މަސައްކަތް ނިމެންދެން އެ ސްކޫލްގެ ކިޔެވުން ދަރުމަވަންތަ ސްކޫލް މިހާރު ހިންގަމުންދާ ވަގުތީ އިމާރާތަށް ބަދަލުކުރުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

އަރަބިއްޔާ ސްކޫލްގެ ކުދިންނަށް އައު އިމާރާތެއް ހަމަޖެހެންދެން އެ ސްކޫލްގެ ކިޔެވުން ކުރިއަށްދަނީ ފޮރިން މިނިސްޓްރީން ބޭނުންކުރި ވަގުތީ އިމާރާތެއްގައެވެ. އަރަބިއްޔާގެ ދާއިމީ އިމާރާތް ބިނާކުރަމުންދަނީ ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައެވެ. ނަމަވެސް މިހާރު ބޭނުންކުރާ ވަގުތީ އިމާރާތުގެ ދަތިކަން އަރަބިއްޔާގެ ބެލެނިވެރިން ދަނީ ފާހަގަކުރަމުންނެވެ.

އެޑިއުކޭޝަން މިިނިސްްޓްރީން މީޑިއާތަކާއި ވާހަކަދައްކަމުން ބުނީ ހެންވޭރު ސޯމިލް ހުރި ތަނުގައި ހިންގަމުންދާ އަރަބިއްޔާ ސްކޫލްގެ ކިޔެވުން ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތަށް ބަދަލުކުރުމަށް މަޝްވަރާކުރަމުންދާކަމަށެވެ. ނަމަވެސް އެކަމާމެދު ގޮތެއް ނުނިންމާކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އަރަބިއްޔާގެ ކިޔެވުން ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތަށް ބަދަލުކުރުމަށް މަޝްވަރާ ފަށާފައި މިވަނީ ދަރުމަވަންތަ ސްކޫލްގެ ދާއިމީ އިމާރާތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރުމަވަންތަ ސްކޫލް ވަގުތީގޮތުން ހިންގަމުންދާ އިމާރާތުން ދާއިމީ އިމާރާތަށް ބަދަލުވުމުގެ މަސައްކަތް ފަށަން ބެލެނިވެރިންނާއެކު ދަނީ މަޝްވަރާކުރަމުންނެވެ. އެހެންނަމަވެސް އެކަން ކުރާނެ ތާރީހެއް އަދި ނޭނގެއެވެ.

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގައި 40 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް މިސްކޫލްގައި ފުރިހަމަވެފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި އިމާރުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. މިއިމާރާތް ނިމުމުން އަރަބިއްޔާ ސްކޫލް ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު