މިދިޔަމަހު މީރާއަށް 1.72 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށާއި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 18.6 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި އެއަރޕޯޓް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި ޖަނަވަރީ 2022 އާއި އަޅައިބަލާއިރު، ޖަނަވަރީ 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 30.9 އިންސައްތަ އިތުރުވެފައިވުމާއި، 1 ޖަނަވަރީ 2023 އިން ފެށިގެން ޖީ.އެސް.ޓީ ރޭޓް ބޮޑުވުމަކީ ފެބްރުވަރީ މަހު ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ލިބުނު އާމްދަނީއާ އަޅާކިޔާއިރު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމުގައިވެސް މީރާއިން މައުލޫމާތުދެއެވެ.

ފެބުރުވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުވަރީ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ ދަށްވުންކަމުގައި މީރާއިން މައުލޫމާތުދެއެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ، 1 ޖަނަވަރީ 2023 އިން ފެށިގެން ޖީ.އެސް.ޓީގެ ރޭޓަށް އައި ބަދަލާއެކު، ޖަނަވަރީ މަހު އައިސްފައިވާ ޓޫރިސްޓުންނާ ގުޅޭ ޖީ.އެސް.ޓީގެ ތެރެއިން ކޮންމެވެސް މިންވަރެއް، ޓައިމް އޮފް ސަޕްލައިގެ އުސޫލުގެ ތެރެއިން، ޖަނަވަރީ މަހުގައި ލިބިފައިވާތީ، ފެބްރުވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ ލިބުނު ޖީ.އެސް.ޓީ މަދުވުން ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

ޖީ.އެސް.ޓީގެ ގޮތުގައި ޖަނަވަރީ 2023 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ވަރަށްވުރެން 73 އިންސައްތަ އިތުރަށް ވަނީ ލިބިފައެވެ. މި އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ޖީ.އެސް.ޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެން ފެބުރުވަރީގެ ނިޔަލަށް ލިބިފައިވާ ޖީ.އެސް.ޓީގެ އަދަދު އިތުރުކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.



ފެބުރުވަރީ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 68.9% ނުވަތަ 1.18 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.6 އިންސައްތަ ނުވަތަ 182.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.87 މިލިއަން ރުފިޔާ (%5.4)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 81.87 މިލިއަން ރުފިޔާ (4.8%)، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 78.84 މިލިއަން ރުފިޔާ (4.6%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 98.55 މިލިއަން ރުފިޔާ (%5.7) ލިބިފައިވެއެވެ.

ފެބުރުވަރީ 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު