މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލްމިނިއަމާއި ދަގަނޑާއި ލޮއިފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުންފަދަ މަސައްކަތްތައްކުރަންޖެހޭނީ ހުއްދަ ނަގައިގެންކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނެފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއް ބުނީ މާލެ ސިޓީގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލްމިނިއަމާއި ދަގަނޑާއި ލޮއިފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުންފަދަ މަސައްކަތްތައްކުރުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ތަފާތު އެކި އުދަނގޫވަމުންދާކަމާއި ސިއްހީގޮތުން އެ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅިފައިވާކަމުގެ ޝަކުވާތައް ގިނަ އަދަދަކަށް ލިބެމުންދާކަމަށެވެ.

އީޕީއޭއިން ބުނީ ކުނި މެނޭޖްކުރުމާއިބެހޭ ޤާނޫނުގެ ދަށުން ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަރަ ރީސައިކަލްކުރުމުގެ މަސައްކަތްތައް ކުރަންވާނީ ތަންފީޒީ އިދާރާއިން ހުއްދަ ހޯދުމަށްފަހުކަމަށެވެ. އަދި އެގޮތަށް ހުއްދަ ނެތި އެފަދަ މަސައްކަތްތައް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަންވެސް އެޖެންސީން ފާހަގަކުރެެއެވެ. މީގެއިތުރުން އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އެ ސަރަހައްދުގައި ހިނގާބިގާވެ އުޅޭ މީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށްވެސް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ އެފަދަ މަސައްކަތްތަކަކީ ކުނީގެ މިންވަރު މަދުކުރުމަށް ކުރެވޭ ކަމަކަށްވީނަމަވެސް އެ މަސައްކަތްތައްކުރަންވާނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަށްފަހުކަމަށެވެ.

އެހެންކަމުން އެލްމިނިއަމްއާއި ދަގަނޑާއި ލޮއިފަދަ މައުދަންތައް ގުދަންކުރުމާއި ސާުފުކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން 30 ދުވަސްތެރޭ އެފަދަ މަސައްކަތްކުރުމުގެ ހުއްދައަކަށް އެދި އީޕީއޭއަށް ހުށަހަޅަންޖެހޭނެކަމަށާއި އަދި އެ މަސައްކަތްތައް ކުރުމުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އީޕީއޭއިން ދަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު