ތިމާގެ ޕޯސްޓަކަށް މީހަކު ކުރާ ކޮމެންޓަކުންވެސް މީހާގެ މޫޑު ސަކަރާކޮށްލާ
ތިމާގެ ޕޯސްޓަކަށް މީހަކު ކުރާ ކޮމެންޓަކުންވެސް މީހާގެ މޫޑު ސަކަރާކޮށްލާ
ސޯޝަލް މީޑިއާއާއި ނުލައި ދިރިއުޅުމަކީ މިހާރު ނުކުރެވޭނެކަމެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އާއްމު ދިރިއުޅުމުގެ އިތުރުން ވަޒީފާގެ މާހައުލުގައިވެސް އެތައް ކަމެއް އޮންނަނީ ސޯޝަލް މީޑިއާއާއި ގުޅިފައެވެ. ނަތީޖާއަކީ، އަބަދުހެން ކޮންމެވެސް ޑިވައިސްއެއްގައި ވަގުތު ހޭދަކުރަންޖެހުމެވެ. ސޯޝަލް މީޑިއާއަށް އެޑިކްޓްވެ އެއާއި ނުލައި އުޅެން އުނދަގޫވާ ހިސާބަށް ބައެއް މީހުންގެ ހާލަތު ގޮސްފައިވުމުން މިގޮތަށް ސޯޝަލް މީޑިއާއަށް ދެވިހިފައިފައިވޭތޯ އަމިއްލައަށް ދެނެގަނެ ތިމާގެ ސިކުނޑިއާއި ނަފުސު ރައްކާކުރަން ފިޔަވަޅު އަޅަން މިހާރު މިވަނީ ޖެހިފައެވެ.

ސޯޝަލް މީޑިޔާއަށް ދެވިހިފާފައި ހުންނަ މިފަދަ މީހުންގެ ކިބައިން ފެނިދާނެ އަލާމާތްތައް ތިރީގައި ހިމަނާފައިވާނެއެވެ.

1. އެނދުން ތެދުވެ އެންމެ ފުރަތަމަވެސް ފޯނު ބެލުން:

ދުވާލުގެ އިރު އެރުމާއެކު ނުވަތަ ލޯ ހުޅުވުމާއެކު ފުރަތަމަވެސް މިފަދަ މީހުންގެ ހާލަކީ ފޯނު ހޯދުމެވެ. އަދި ނިދާފައި އޮތް ވަގުތުގައި ހިނގައިދިޔަ ހުރިހާކަމެއްގެ 'އަޕްޑޭޓް' ވަގުތުން ބަލާލައެވެ. އެނދުން ދެތުވެ ފާޚާނާއަށް ދާނީވެސް ސްކްރޯލްކުރަން ހުރި ހުރިހާ 'ސްޓޯރީއެއް' ބަލައި ކޮމެންޓު ކުރަން ހުރި ހުރިހައި އެއްޗަކަށް ކޮމެންޓު ކުރުމަށްފަހުއެވެ. މިމީހުންނަށް މިއީ ހެނދުނުގެ 'ރޫޓިން'ގެ ބައެކެވެ. އަދި ފޯނު ނިވިގެން ނުވަތަ ކޮންމެވެސް އެހެންކަމެއް ދިމާވެގެން އެގޮތަށް ކަންތައް ނުކުރެވިއްޖެ ނަމަ މިމީހުންގެ މުޅި ދުވަހުގެ މޫޑު ގޯސްވެއެވެ.

2. މަސައްކަތުގައި ހުންނަ ވަގުތުގައި ފޯނުގެންގުޅުން:

އުނގަދޫ މަސައްކަތެއް ހަވާލުވެއްޖެނަމަ އެމަސައްކަތެއް ކުރުން ލަސްކޮށްލައި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ނަގާލުމަކީ ސޯޝަލް މީޑިއާއަށް ދެވިހިފައިފައިވާ މީހުންގެ ފަރާތުން ފެނިދާނެ ނުރަނގަޅު އާދައެކެވެ. އެމީހުން އެގޮތަށް ކަންތައް ކުރަނީ ކުރިމަތީގައި އޮތް އުނދަގޫ މަސައްކަތުން ވަގުތީ ލުޔެއް ހޯދުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، މިގޮތަށް ވަގުތު ހޭދަކުރުމުން، މަސައްކަތް ނުނިންމި ގިނަ ވަގުތުތަކެއް ބޭކާރުވެގެން ދެއެވެ. އެހެންކަމުން، އޮފީސް މާހައުލުގައި މަސައްކަތުގައި އުޅޭ ވަގުތުވެސް ވީވަރަކުން ފޯނާއި ދުރުވެ އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަދެއްކުން އިތުރު ކުރާންޖެހެއެވެ. އޭރުން ސޯޝަލް މީޑިއާއަށް ދެވިހިފުން ކުޑަވާނެއެވެ.

3. ފޯނު ބޭނުން ނުކުރެވި ގިނަވަގުތު ހޭދަކުރަން ޖެހިއްޖެނަމަ ހާސްވުން:

ސޯޝަލް މީޑިއާއަށް ދެވިހިފައިފައި ތިބޭ މީހުން ވައިފައި ނުލިބޭ ސަރަހައްދެއްގައި ގިނައިރު ހުންނަން ޖެހުމުން ނުވަތަ އެނޫނުވެސް ސަބަބަކާއިހުރެ، އެމީހުންގެ ޕޯސްޓުތަކުގެ އަޕްޑޭޓް ނުލިބި ގިނަ ވަގުތު ވާނަމަ ނުވަތަ، ރައްޓެހިންނަށް ސްނެޕް ނުކުރެވި ގިނަވަގުތު ވާނަމަ، ވަރަށް ބޮޑަށް ހާސްވާގޮތް މެދުވެރިވެއެވެ.

4. އަބަދުހެން ތިމާގެ ޕޯސްޓްތަކުގެ އަޕްޑޭޓް ބެލުން:

އިރުއިރުކޮޅާ ފޯނުނަގައި ސޯޝަލް މީޑިއާ އަޕްޑޭޓްތައް ބެލުމަކީވެސް މިފަދަ މީހުންގެ ކިބައިގައި ހުންނަ އާދައެކެވެ. 30 މިނެޓު ކުރިން ފޯނު ބެލިޔަސް އަނެއްކާވެސް ފޯނު ބަލާލާހިތްވެ އަބަދުހެން ފޯނަށް ބަލަން އިންނަތަން މިމީހުންގެ ކިބައިން ފެނިގެންދެއެވެ. އަދި މީހުންގެ ކޮމެންޓްތައް އަބަދުހެން ކިޔައި އެއަށް މުޅިދުވަސް ދުއްވާލުމާއި އެކަންކަމަށް މާބޮޑަށް ސަމާލުކަންދެވުމަކީވެސް ސޯޝަލް މީޑިއާއަށް އެޑިކްޓްވެފައި ތިބޭ މީހުންގެ ކިބައިން ފެންނަ އާދައެކެވެ.

5. ދެން ކުރާނެ ޕޯސްޓަކާއިމެދު މުޅިދުވަހު ވިސްނުން:

ފޯނާއި ދުރުގައި ހުންނަ ވަގުތުތަކުގައިވެސް، ދެން ކުރާނެ ޕޯސްޓަކާއިމެދު ވިސްނައި މުޅި ދުވަހު ސިކުނޑިއަށް ސޯޝަލް މީޑިއާގެ ކަންކަމުން ހުސްވަގުތެއް ނުލިބޭ ވަރަށް އެކަމުގައި އުޅުމަކީވެސް މިފަދަ މީހުންގެ އާދައެކެވެ. މިކަން މިގޮތަށް ވާނަމަ ސިކުނޑިއަށް އަރާމު ކުރާނެ ވަގުތެއް ނުލިބޭނެއެވެ.

6. އަބަދުހެން ނޮޓިފިކޭޝަންގެ އަޑު އިވޭހެން ހީވުމާއި އަމިއްލަ ކަންކަން ކުރުން ހުއްޓާލުން:

މާބޮޑަށް ފޯނު ބަލައި ފޯނަށް ސަމާލުވެގެން ތިބޭ މީހުންނަށް ހީވާނީ އަބަދުވެސް ނޮޓިފިކޭޝަން ލިބެނީކަމަށެވެ. އަދި މިމީހުންނަށް އަސްލު އަޑެއް ނީވުނަސް ފޯނުބަލައި ޗެކުކޮށްލެވެއެވެ. އަދި މިއާއެކު އެމީހުން އެހެން ކަންކަމާއި މުޅިންހެން ދުރުވެއެވެ. ފުޓުބޯޅަ ކުޅުމާއި ފޮތްކިޔުމާއި އަދި މިނޫންވެސް އެކިއެކި މުނިފޫހި ފިލުވުމަށް ކުރާ ކަންކަން ކުރާހިތް ކެނޑި ހަމައެކަނި ސޯޝަލް މީޑިއާއަށް ސަމާލުކަން ދެއެވެ.

ސޯޝަލް މީޑިއާއަކީ ވަރަށް ގިނަ ފައިދާތަކެއް ގެނެސްދިން ޓެކްނޮލޮޖީގެ ވަސީލަތެކެވެ. އެހެންނަމަވެސް، އޭގެބޭނުން ނަހަމަގޮތުގައި ބޭނުން ކުރާމީހުންވެސް މަދެއްނޫނެވެ. އެއިން ބޭކާރުގޮތުގައި ބައެއް ހޭދަކުރަނީ އެއްވެސް ފައިދާއެއްނެތް ކަންކަމުގައެވެ. ގޮތްނޭގޭމީހުންނާ ވާހަކަ ދެއްކުމާއި ނެދެވޭ އެތައްކަމެއް އޭގެތެރެއިން އެބަކުރެވެއެވެ. އެހެންކަމުން އެއާއިމެދު ރައްކާތެރިވެ މާބޮޑަށް ސޯޝަލް މީޑިއާއަށް ބަރޯސާވުން ދޫކޮށްލަން ޖެހެއެވެ. އޭގެ ބަދަލުގައި ފިރިން އަނބިންނާއި ދަރިންނަށް ގޭގައި ވަގުތު ހުސްކުރަން ޖެހެއެވެ. އަނބިންވެސް ހަމައެފަދައިން ފިރިންނާއި ދަރީންނަށް ވަގުތު ހުސްކުރަންޖެހެއެވެ. އެހެންކަމުން ފޯނުގައި ގިނަވަހުތު ހޭދަނުކުރުމަށް ސޯޝަލްމީޑިޔާ އަށް ދެވި ހިފުމުގެ އާދަ ދޫކޮށްލަންޖެހެއެވެ. ސަބަބަކީ މީގެ ސަބަބުން ދެމަފިރިންގެދޭތެރޭ މައްސަލަތައް ބޮޑުވެ، އުފާވެރި ދިރިއުޅުން ނެތި، ދެމީހުން ވަކިވާ ހިސާބަށް ކަންތައްތައް ދިޔުމެވެ.

ހަނދާނުގައި ބަހައްޓަންވީ ސޯޝަލް މީޑިޔާ ކީކަމުގައިވީނަމަވެސް ސައުވީސް ގަޑިއިރު ހޭދަކުރުމަކުންވެސް މީހާ ސޯޝަލައިޒް ނުވާނެ ކަމެވެ. ސަބަބަކީ އެތަންތާގައި މީހުންދައްކާ ބޭކާރު ވާހަކަތަކާއި ނޭދެވޭ ކަންތަކަށް ތަރުހީބުދީ، ޣީބަބުނުމާއި ހަގީގަތާޙިލާފު ވާހަކަތައް ފެތުރުމާއި އަދި މިނޫންވެސް ނޭދެވޭ އެތައްކަމެއްގެ ތެރެއަށް އަހަރެމެންވެއްޓޭތީއެވެ. ތެދެކެވެ. ސޯޝަލް މީޑިޔާ އިން އުނގެނެން ބޭނުންވާ މީހަކަށް އެއީ މަޢުލޫމާތުވެސް ލިއްބައިދޭ ޕްލެޓްފޯތަކެވެ. ތިމާ ދިރުއުޅުމުގައި ކޮންމެހެން ބޭނުން މަޢުލާތެއް އެއީ ކޮންމެ ދާއިރާކުން ބެލިނަމަވެސް އެފަދަ މައުލޫމާތުވެސް ލިބެން އެބަހުއްޓެވެ. އެހެންކަމުން، ކިތަންމެ ކުޑަވަގުތުކޮޅެއް ސޯޝަލްމީޑިޔާގައި ހޭދަކުރިޔަސް އެމީހާގެ ދިރިއުޅުން އުފާވެރިވާނެއެވެ. ދެމަފިރިން ވަކިވާ ހިސާބަކަށް ނުދާނެއެވެ. ރަނގަޅު ގާތް ރައްޓެހިންވެސް ތިބޭނެވެ. އޮފީސް މަސައްކަތް ފުރިހަމައަށް އަދާކުރެވޭނެއެވެ. އާއިލާއަށް ވަގުތުދެވޭނެއެވެ. އާޢިލީގުޅުން ދެމެހެއްޓި ވަށައިގެންވާ އަވަށްޓެރިންގެ ގުޅުންވެސް ދެމެހެއްޓޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން