އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތަކަށް އާއްމުން މިހާރަށްވުރެ ބޮޑަށް އަހުލުވެރިކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުޙައްމަދު އަސްލަމް މިހެން ވިދާޅުވީ، އެމެރިކާގެ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރސް، އައި.އީ.އީ.އީން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ "ގްލޯބަލް ކޮންފަރެންސް އޮން ރެނިއުބަލް އެނަރޖީ އެންޑް ހައިޑްރޮޖަން ޓެކްނޮލޮޖީސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމް.އެން.ޔޫގައި ކުރިއަށްދާ މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ފުޅާކޮށް ކުރިއަރުވަންޖެހޭ ދާއިރާއެއްކަކަށެވެ. އަދި މި ދާއިރާއާގުޅޭ ޓެކްނޮލޮޖީތައް ބޭނުންކުރާތާ އެތައް އަހަރެއްވީއިރުވެސް އެކި ގައުމުތަކުގައި މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރާ މިންވަރާއި ލިބެންހުރި މިންވަރުގެ ފަރަގު ބޮޑުކަނަް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



އަސްލަމް ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރެވޭނީ އިއާދަކުރަނިވި ހަކަތައާއި ގުޅޭ އުފެއްދުންތަކާއި ޓެކްނޮލޮޖީތަކަށް އާއްމުން މިހާރަށްވުރެ އަހުލުވެރިކޮށް، ދާއިރާއިން ރަނގަޅު މާކެޓެއް އުފައްދައިގެންކަމަށެވެ.

އައި.އީ.އީ.އީއިން އެމް.އެންޔޫއާ ގުޅިގެން ބާއްވާ މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފައުންޑަރ އަދި ޗެއަރމަން ޑރ. އިބްރާހީމް ނާޝިދެވެ.

މި ކޮންފަރެންސްގެ ތެރެއިން ދުނިޔޭގެ 38 ޤައުމަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ހައިޑްރޮޖަން ޓެކްނޮލޮޖީގެ ދާއިރާއާ ގުޅުންހުރި 200 އަށްވުރެ ގިނަ ޕްރެޒެންޓޭޝަން ހުށަހެޅިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު