އަންނަމަހުގެ 15 ވަނަ ދުވަހުއލ ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑިޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ފަށައިފިއެވެ.

އެމްޑީޕީން ބުނީ ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން މާލެއާއި އެދާއިރާގެ ރަށްރަށުގައި ހެނދުނު 9:00 އިން ފެށިގެން ކުރިއަށްދާކަމަށެވެ.

ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި 4 ބޭފުޅަކު ވާދަކުރައްވައެވެ. އެބޭފުޅުނަކީ މުހައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި، ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި، އިބްރާހިމް ޝާޒް – ހ. ތާޅަފިލިގެ /މާލެ، އަދި އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ އެވެ.



އެމްޑީޕީން ބުނީ ޕްރައިމަރީގެ ވޯޓްލުން މިއަދު ހަވިރު 5:00އާ ހަމައަށް ކުރިއަށްދާނެކަމަށެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އިބްރާހިމް ރިޒާ މިދިޔަމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެނެވެ.

ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ޕީޕިއެމްގެ ޓިކެޓް ލިބިފައިވަނީ އިތުރު ބޭފުޅަކު ވާދަނުކުރުމުން މަރުހޫމް އިބްރާހިމް ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާއަށެވެ.

މީގެ އިތުރުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެކަން އެމްއެންޕީއާއި އެމްޓީޑީންވެސް ވަނީ ބުނެފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު