ޒަމާނުއްސުރެ ރާއްޖޭގެ އާދަކާދައިގައި އޮންނަ ގޮތުންނަމަ ދެމަފިރިންގެ ދިރިއުޅުމުގައި ފިރިހެންމީހާއަކީ އާމްދަނީ ހޯދުމުގެ ޒިއްމާނަގާ ފަރާތެވެ. އަންހެންމީހާއަކީ ގޭތެރޭގެ މަސައްކަތްތަތުގެ އިތުރުން އާއިލާ ބެލެހެއްޓުމުގެޒިންމާ ޒިންމާ އަދާކުރާފަރާތެވެ. އަދި އޭރުގައި ދެފަރާތުންވެސް އެބައެއް ކުރަންޖެހޭ ކަންކަން ރަނގަޅަށް އަދާ ކުރެއެވެ. ދެފަރާތަކީވެސް ބުރަ މަސައްކަތުން އެބައެއްގެ ޒިންމާ ނަގާބައެކެވެ. ވަކިން ޚާއްސަކޮށް އެޒަމާނުގައި މަސައްކަތް ކުރަންޖެހޭގޮތްވެސް ބުރަވެފައި އުނދަގުލެވެ. މަސްވެރިކަމުގެ މަސައްކަތަށް ބެލިޔަސް އަދި ގޭތެރޭގައި މިހާރު މިގެންގުޅޭ އެކި ކަހަލަ މެޝިންތަކެއް ނެތުމުން ގޭގެ މަސައްކަތްތަކަށް ބެލިޔަސް ދެބައި މީހުންނަށްވެސް އެއްވަރަކަށް ބުރައޭ ދެންނެވިދާނެއެވެ.

ދެން މިޒަމާނުގެ ހާލަތަށް ބަލާލަމާތޯއެވެ. ގޭތެރޭގެ މަސައްކަތްތައްކުރަން ވަރަށް ފަސޭހައެވެ. އަދި މަސައްކަތުގެ ދާއިރާގައި މަސައްކަތް ކުރާގޮތްވެސް މާބޮޑަށްވެސް ފަސޭހައެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ބޮޑަށް ވަގުތު ހުސްވެގެން ހިނގައްޖެއެވެ. ނަމަވެސް މިހާރު ދެމަފިރިންގެ ދޭތެރޭގައި ޖޭހޭ މައްސަލަތަކުގެ ތެރޭގައި ގޭތެރޭގެ މަސައްކަތްތަކުގެ މައްސަލަ ވަރަށް ބޮޑެވެ. އަންހެން މީހާވެސް ފިރިހެންމީހާއާއި އެއްގޮތަށް ވަޒީފާ އަދާކުރެއެވެ. އެހެންކަމުން މަސައްކަތަށް ބަލާއިރު އަންހެން މީހާ އުފުލާ ޒިންމާ ބޮޑެވެ. އެހެންކަމުން ގޭތެރޭގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ދެމަފިރިން ދެމެދުގައި ބެހުމަކީ މުހިއްމު ކަމެކެވެ.

އަނބިމީހާއަކީ އެއްވެސް ހާލެއްގައި މެޝިނެއް ނޫނެވެ. އެހެންނަމަވެސް ވަޒީފާ އަދާކުރަމުން ދަރިން ބަލަމުން އަދި ގޭތެރޭގެ ޒިއްމާތައް އަދާކުރަމުން ދިއުމަކީ އޭނާ ވަރުބަލިވާންޖެހޭ ކަމަކަށް ބައެއް މީހުން ނުދެކެއެވެ. އެމީހުން ދެކޭގޮތުގައި އަންހެނެއްނަމަ އެހުރިހާކަމެއް ކުރުމަކީ އޭނާގެ ތަބީޢަތުގައި ހުންނަންޖެހޭ ކަމެކެވެ. މިއީ އެގޮތަށްވެސް ދެކިގެންވާނެ ގޮތެއްނޫނެވެ. އެހެން މީހުން ފަދައިން އޭނާވެސް ވަރުބަލިވާނެއެވެ. އަދި ހުސްވަގުތު ބޭނުންވާނެއެވެ. އަދި އަރާމުކޮށްލަންވެސް ބޭނުންވާނެއެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ގޭތެރޭގެ މަސައްކަތުގައި ފިރިމީހާއަށް ހިއްސާވެވިދާނެއެވެ. އޭރުން އަނބިމީހާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެއެވެ.

ކައިވެނީގައި ދެފަރާތުން ހިއްސާވަނީ އެއްވަރަކަށެވެ. ކައިވެންޏެއް ކުރުމުގެ ބޭނުމަކީ ދިރިއުޅުމުގައި އެކަކު އަނެކަކަށް އެހީތެރިވުމުވެ. ވީއިރު، ގޭތެރޭގެ މަސައްކަތްތަކުގައި ފިރިމީހާ އަނބިމީހާއަށް އެހީތެރިނުވާންވީ ސަބަބެއް ނެތެވެ. ވަކި ކަމަކީ ވަކި ޖިންސެއްގެ މީހުން ކުރުމަށް ފޮތެއްގައި ލިޔެ ކަނޑައެޅިފައިވާ ކަންކަމެއް ނޫނެވެ. އެހެންކަމުން ގޭތެރޭގެ މަސައްކަތުގައި ފިރިހެނަކަށްވީތީ އިސްތިސްނާވާކަށް ނުޖެހޭނެއެވެ. ގޭތެރޭގެ މަސައްކަތަކީ އެކަނި އަންހެނުންނަށް ޚާއްސަ މަސައްކަތެއް ނޫނެވެ.

މުޖުތަމައު ދެކޭގޮތުގައި ގެވެހި މަސައްކަތްތަކަކީ އަންހެނުންނަށް ޚާއްސަ މަސައްކަތްތަކެކެވެ. އަދި އެކަންކަން އަންހެނަކު ނުކޮށްފިނަމަ އެއީ ތާކުންތާކު ނުޖެހޭ ބޭކާރު އަންހެނަކަށް ހަދާލައެވެ. ނަމަވެސް ހަޤީގަތަކީ ގެއަކީ އެންމެންގެ ވެސް ގެއެވެ. އެހެންކަމުން، ގޭތެރެ ހަޑިކޮށް ހުރިތަންނެއް ފެނިއްޖެނަމަ ކޮންމެ މީހަކަށްވެސް އެތަން ސާފުކުރެވިދާނެއެވެ. އަދި މަދުފަހަރަކު މިއިންކަމެއް ފިރިހެނަކު ކޮށްފިނަމަ ތައުރީފު ބަންޑުންކޮށްލައެވެ. ނަމަވެސް، މިއީ ގޭގައި އުޅޭ މީހެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެކެވެ. އަދި ވަކި ބަޔަކު ކުރުމުން ކުށް ހޯދައި އަނެއްބަޔަކު ކުރުމުން ތައުރީފުގެ ތަހުތައް އަރުވަންޖެހޭ ކަމެއް ނޫނެވެ.

ގެވެހި މަސައްކަތަކީ ދިރިއުޅުމުގައި އެންމެނަށްވެސް މުހިއްމު ހުނަރެއް

އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިންބަފައިން ފިރިހެން ދަރިން ތަރުބިއްޔަތު ކުރުމުގައި ގެވެހި އެއްވެސް މަސައްކަތެއް ދަސްކޮށް ދީފައިނުވެޔޭ ބުނެވިދާނެއެވެ. ނަތީޖާއަކީ ބޮޑުވެގެން މީހުންނާއި އިނދެގެންވެސް މަންމަ އުޅުނުހެން އަނބިމީހާ އުޅެން މަޖުބޫރުކުރުމެވެ.

ދެބައިމީހުންގެ ހާލަތު ތަފާތުކަމެއް، މިފަދަ ފިރިން ވިސްނާނުލައެވެ. ގެއަށް ވަނުމަށްފަހު ރަސްކަލެއް ވަޑައިގަތުމެކޭ އެއްގޮތަށް ޚިދުމަތްތައް ބޭނުންވެއެވެ. އެހެންނަމަވެސް، ބައެއް ފަހަރު އަނބިމީހާ ވަރުބަލިވެދާނެކަން އިހުސާސްކޮށް ނުވަތަ އޭނާ ބައްޔެއްވުމުން ތިމަންނައަށް އޭނާއަށް އަޅާލެވޭނީވެސް ކޮންމެވެސް ވަރަކަށް ގޭތެރޭގެ މަސައްކަތްތައް ދަސްކޮށްގެންކަން ދަންނަން އެބަޖެހެއެވެ. ހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ މިގޮތަށް އެކަކު އަނެކެއްގެ އިހުސާސްތައް ދަނެގެންނެވެ.

އެހެންކަމުން، ދެން އަންނަ ޖީލު ތަރުބިއްޔަތު ކުރާ މައިންވެސް އެމީހުންގެ ފިރިހެންދަރިންނާއި އަންހެން ދަރިން ސްކޫލަށް ފޮނުވައިގެން ކިޔައްވައިދޭ އުސޫލުން ދެޖިންސުގެ ކުދިންނަށްވެސް ގޭތެރޭގެ މަސައްކަތްތައް ދަސްކޮށްދީ އެކަންކަމަށް އަހުލުވެރި ކުރުވަންޖެހެއެވެ. އަދި ކުރިއަށް އޮތް ޖީލު މިސާލުނަގާނީ ތިމަންމެންގެ ފަރާތުންކަން ދަނެ، އަދި ތިމަންމެންގެ އަންހެންދަރިން ކައިވެނި ކުރާ ފިރިހެން ކުދިން ޒިންމާދާރު ކުރަން ބޭނުންނަމަ، އަމިއްލަ ފިރިހެން ދަރިންނަށް މިސާލަކަށް ވެވޭނެހެން އަމިއްލަ ދިރިއުޅުން އިސްލާހުކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން