ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ އެކްސްޕެޓް ސިސްޓަމްއިން އާދިއްތަދުވަހުން ފެށިގެން އަލުން ހިދުމަތް ލިބެމުންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމަކީ އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމާއި އަދި ބިދޭސީން ގެނައުމާއި ގުޅޭ ކޯޓާ އާއި އެންޕްލޯއިމަންޓް އެޕްރޫވަލްއަށް އެޕްލައިކުރުމަށް ހަދާފައިވާ ސިސްޓަމެކެވެ.

އެކްސްޕެޓް ސިސްޓަމުން ދެމުންދިޔަ ބައެއް ޚިދުމަތްތައް މެދުކަނޑާލާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 26އިން މިމަހުގެ 11 ވަނަ ދުވަސް (މާދަމާ)ގެ ނިޔަލަށެވެ.



އެކްސްޕެޓް ސިސްޓަމުން ދެމުންދިޔަ ބައެއް ޚިދުމަތްތައް މެދުކަނޑާލާފައިވަނީ ބިދޭސީންނަށް ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދޫކުރެވޭ ކޯޓާ ބޭނުންކުރުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެކްސްޕެޓް ސިސްޓަމާއި ގުޅޭގޮތުން ކުރިއަށްދިޔަ މަސައްކަތްތައް ނިންމައި، އަންނަ އާދީއްތަދުވަހު މި ސިސްޓަމް އަލުން ހުޅުވާލައި ޚިދުމަތް ދޭން ފަށާނެކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އާދީއްތަދުވަހު ސިސްޓަމް ބޭނުންކުރަން ފަށާއިރު ރާއްޖެއަށް ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަށް ދައްކަންޖެހޭކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކޯޓާ ފީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެއްކޭނެކަމަށެވެ.

ކޯޓާ ފީގެ ގޮތުގައި ވަޒީފާ ދޭ ފަރާތުން ބޭނުންކުރާ ކޮންމެ ކޯޓާއަކަށް އަހަރަކަށް 2،000 ރުފިޔާ ދައްކަންޖެހޭއިރު، ކޯޓާ ފީ 12 މަސްދުވަހަށް ބަހާލައިގެން ޝެޑިއުލްކޮށްގެން ދެއްކުމުގެ އިހުތިޔާރު މި ސިސްޓަމްގެ ތެރެއިން ހަމަޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު