މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ނިންމާފައިވާ ބަގީގެ ޚިދުމަތަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފިއެވެ.

ވިލިމާލެއަށް ބަގީތައް ގެންގޮސްފައިވަނީ މިއަދު ހަވީރުއެވެ. މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ފަށާތީ ވިލިމާލޭގެ ރައްޔިތުންގެ ފަރާތުންވަނީ ފަރިވަޅެއް ތައްޔާރުކޮށް އަރުވާފައެވެ.

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން ދޭން ފަށާ ބަގީގެ ޚިދުމަތް މިހިނގާ މާރޗް މަހުގެ 16 ވަނަ ދުވަހު ފެށިގެންދާނެއެވެ.

ޕްރައިވެޓް ހަޔަރ ފިޔަވާ ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން ކުރަމުންދާނީ އެއްވެސް އަގެއްނުނަގާ ހިލޭ ކަމުގައި މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

ފިތުރު ޢީދަށްފަހު ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ.

އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ؛

6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ؛

12 ސީޓްގެ ބަގީއަކަށް 15 ރުފިޔާއެވެ.

މީގެ އިތުރުން ހަފްތާގެ ރަސްމީ ދުވަސްތަކާއި ހަފްތާ ބަންދުގައި އަދި އެއް މަސް ދުވަހަށް ބަގީ ފާސް ހެއްދޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ގެނައި ބަގީތަކުގެ ތެރޭގައި، މުދާ އުފުލާ ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނެއެވެ. އަދި 4 ސީޓުގެ ބަގީ އާއި، 6 ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ހިމެނެއެވެ.

މި ބަގީތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހަދާފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު