ހައްޖަށް މީހުން ގެންދިއުމަށް މިފަހަރު ލިބޭ ކޯޓާގެ ތެރެއިން %5 ޚާއްސަކުރާނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށްކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން ސަރުކާރުން އެ ކުންފުންޏަށްދޭ ހައްޖު ކޯޓާގެ ތެރެއިން %5 ޚާއްސަކުރާނީ އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުންގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން އަންނަ މީހުންނަށްކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށާއި މި ފުރުސަތު ލިބޭނީ މިހާތަނަށް ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންނަށްކަމަށެވެ.



މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ހާއްސަ ކުރާ ކޯޓާއަށް ހުށަހެޅޭނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށްކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 1،000 މީހުންގެ ހައްޖު ކޯޓާއެވެ. އަދި ސަރުކާރުން ގެންދަނީ މިއަދަދު 2500 އަށް އިތުރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޙައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު