ޖަރުމަންވިލާތުގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރކަމަށްވާ އައިޓީބީ ބާރލިން ފެއާރގައި ހުށަހަޅައިދިން ސަގާފީ ނެށުމެއްކަމަށް ބުނާ ދިވެހިންގެ ހުށަހެޅުމަކަށް ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފިއެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ ބާލިން ފެއާގައި ދިވެހި ސަގާފަތް ދައްކާލުމުގެ އެ ހުށަހެޅުން ހުށަހަޅާފައިވަނީ "ޑައިނިސިއެކް" ކިޔާ ގްރޫޕެއްގެ ނެށުންތެރިންނެވެ.

ޒީރޯ ޑިގްރީގެ މަޝްހޫރު ލަވަޔަކަށް އެ މީހުން ނަށަމުންދިޔައީ ދިގުހެދުމާއި ފޭލި އަނދެގެނެވެ. ނަމަވެސް އެންމެންނަށްވެސް މައްސަލައަކަށް ވެގެން އުޅެނީ އެމީހުން ނެށި ގޮތެވެ.



ދިވެހި ސަގާފީ ނެށުމެއްކަމަށް ބުނެ ހުށަހަޅައިދިން ނެށުމަށް ފާޑު ކީ މީހުން ބުނާގޮތުން އެ ހުށަހެޅުމުން ދިވެހި ސަގާފަތެއް ނުފެނެއެވެ. އަަދި އެއީ ދިވެހިންނަށްވެސް ކުރި މަލާމާތެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރިއެވެ.



ބައެއް މީހުން ބުނިގޮތުގައި ދިވެހި ސަގާފީ ހެދުމުގެ ބަދަލުގައި އެހެން ހެދުމެއް އަޅައިގެން މިގޮތަށް ނެށި ނަމަވެސް މީހުން ފާޑެއް ނުކިޔާނެއެވެ. ގިނަ މީހުން އެންމެ އަޅައިގަތް އެއް މަންޒަރަކީ މި ނެށުމުގެ ތެރޭގައި އަންހެން ނެށުންތެރިން ފުންމައިގެން ފިރިހެން ނެށުންތެރިންގެ ކޮނޑަށް އަރާ މަންޒަރެވެ.



މަދު ބަޔަކު ވަނީ އެ ހުށަހެޅުމަށް ތާއީދުކޮށްވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އެ ހުށަހެޅުމުން ދިވެހި ސަގާފަތް ފެނުނުކަމަށް ބައެއް މީހުން ބުނެއެވެ.

ގިނަ ބައެއްގެ ފާޑު ކިޔުން މި ހުށަހެޅުމަށް އަމާޒުވެފައިވާއިރު އެމްއެމްޕީއާރުސީން އެކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެއީ ދިވެހިންގެ ކޮން ސަގާފަތަކާއި ގުޅުވައިގެން ހުށައެޅި ނެށުމެއް ކަމެއް ވެސް ސާފެއް ނުވެއެވެ.

މީގެ ކުރިން މިފަދަ ސަގާފީ ނެށުންތައް އާންމުކޮށް ހުށައަޅަނީ ދިވެހިންގެ ސަގާފަތާއި ތާރީޚާއި ދިރިއުޅުން ދައްކުވައިދޭ ކޮންމެވެސް މައޫޟޫއަކަށް ބިނާކޮށެވެ.



ކިޔުންތެރިންގެ ހިޔާލު