މި ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ 400 ފްލެޓް ޑިޒައިންކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއްކަމަށެވެ.

400 ހައުސިންގ ޔުނިޓްގެ ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލްޓަންޓްސް" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޮންސަލްޓެންސީ ޚިދުމަތުގެ ތެރޭގައި، ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި އީ.އައި.އޭ ރިޕޯޓް ތައްޔާރުކުރުމާއި ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުމާއި ކޮންޓްރެކްޓަރގެ މަސައްކަތް ސުޕަރވައިޒް ކުރުން ހިމެނޭކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިއަލަށް ހުށަހަޅަންޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޖޮއިންޓް ވެންޗަރއެއްނަމަ، މިމަސައްކަތަށް އެފަރާތެއް ހޮވިއްޖެނަމަ، އެ ޖޮއިންޓް ވެންޗަރގައި ހިމެނޭ ހުރިހާ ފަރާތްތަކުން ކޮންޓްރެކްޓުގައި ބަޔާންކުރާ އެންމެހާ ޒިންމާތައް އަދާކުރަންވާނެކަމަށެވެ.

މިހާރުވެސް މާލެ ސަރަޙައްދުގައި 6000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ގިރާވަރު ފަޅު ހިއްކައިގެންނާއި ގުޅީ ފަޅުންވެސް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު