ރާއްޖޭގައި މިހާތަނަށް އަންހެނުން އެންމެ ބޮޑަށް ބާރުވެރިކުރުވި ސަރުކާރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ އަންހެނުން ބާރުވެރި ކުރަން އެންމެ ބޮޑަށް މަސައްކަތްކުރީ މި ސަރުކާރުން ކަމަށެވެ. އަދި ބަޔަކު ހިތްހަމަޖެހުނަސް ނުޖެހުނަސް ހަގީގަތަކީ އެއީ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އޭޝިއާ އާއި މެދުއިރުމައްޗަށް ބެލިކަމުގައި ވިޔަސް ދެޖިންސްގެ ހަމަހަމަ ކަމަށް ބަލާ އިރު ރާއްޖެ އަކީ އަންހެނުންނަށް އެންމެ ފަހި ގައުމު ކަމަށެވެ.

"ރާއްޖޭގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެނުންނަށް ވުރެ ވެސް އަންހެނުން ގިނަ. އަދި އިގުތިސާދީ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އަންނަނީ އިތުރުވަމުން." ޝަރީފް ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހާ ގުޅުވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު އިއްޔެ ވިދާޅުވީ ގައުމުގެ މުސްތަގުބަލު ކުރިއެރުވެން އޮތީ އަންހެނުންގެ ދައުރާ އެކީގައި ކަމަަށެވެ. އަދި ޑިޖިޓަލް ދުނިޔޭގައި އަންހެނުން ބާރުވެރިކުރުވަން ހާއްސަ އިސްކަމެއް ވެސް ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 8 ވަނަ ދުވަހެވެ. އެދުވަހަކީ އިގްތިސާދީ، ސިޔާސި އަދި އިޖްތިމާއި ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު