ތައުލީމީ ހަޔާތް ނިމޭއިރު ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަން ދަސްވެފައި ތިބި ބަޔަކަށް ދަރިވަރުން ވާންޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ ރޭ ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސުކޫލުގެ އަހަރީ އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގަައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ތައުލީމަކީ ތިމާ ސިކުނޑި ހުޅުވައިދޭ މުހިންމު ތަޅުދަނޑިއެއް ކަމަށެވެ. އެގޮތުން ތައުލީމީ ހަޔާތް ނިމޭއިރު ޑިމޮކްރަޓިކް ވެއްޓެއްގައި ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ދަސްވެފައި ތިބި ބަޔަކަށް ދަރިވަރުން ވާންޖެހޭ ކަމަށް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެެވެ.

މިނިސްޓަރު ވިދާޅުވީ އެ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދެވޭނީ ދިރިއުޅޭ މާހާއުލުންނާއި ގިނަ ވަގުތު ދަރިވަރުން ހޭދަކުރާ ތައުލީމީ ވެށިން ކަމަށެވެ. އެކަމުގައި ޓީޗަރުންނާއި ބެލެނިވެރިންނަށް މުހިންމު ދަައުރެއް އަދާކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުދިން މުޖުތަމައަށް ނިކުމެ ދުނިޔެއަށް ލޯ ހުޅުވި ކުރިމަގު ބައްޓަން ކުރެވޭނީ ވަށާޖެހޭގޮތަކަށް މިފަދަ ފުރުސަތުތައް ކުދިންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކޮށްގެން. ދިރިއުޅުމެއް ބައްޓަން ކުރުމަށް ކޮންމެ ކުއްޖަކީ ވެސް ޒިންމާދާރު ކުއްޖަކަށް ވާންޖެހޭ. ދިހަ ބާރަ އަހަރު ސުކޫލެއްގައި ވޭތުކޮށްފައި ނިކުންނައިރު ޒިންމާދާރު ކުއްޖަކަށް ކުއްޖާ ނުވާ ކަމަށް ވައްޏާ އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ، މިކަމުގެގައި ޒިންމާވާން އެންމެން ސުވާލުކޮށްލަންޖެހޭ." މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެެވެ.

މީގެ އިތުރުން ޖެންޑަރު މިނިސްޓަރ ވިދާޅުވީ ތައުލީމީ ހަޔާތް ނިންމާލާއިރު ކުރިއަށް ޕްލޭންތަކެއް ތައްޔާރުކޮށް ދާން ބޭނުންވާ ދާއިިރާ އެއް ޚިޔާރުކޮށް ދިރިއުޅުން ކުރިއަށް ގެންދާނެގޮތުގެ އަހުލާގީ މިންގަނޑުތަކެއް ދަސްކޮށް ހެދުމަކީ މިއަދުގެ ކޮންމެ ދަރިވަރަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ސުކޫލުން ވެސް އެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށެވެ. އަދި އެކަމަކީ ދިރިއުޅުމާއި އުގެނުމުގެ މަރުހަލާއިން ކުދިންނަށް ދަސްވާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ރާއްޖޭގެ އެންމެ ދުވަސްވީ ސުކޫލު، މަޖީދިއްޔާ ސުކޫލާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެ ދިޔަ 95 އަަހަރުގެ ތެރޭގައި އެ ސުކޫލަކީ ގިނަ ލީޑަރުންތަކެއް އުފައްދާފައިވާ ނަމޫނާ ސުކޫލެއް ކަމަށެވެ. އެ ލީޑަރުންނަކީ ގައުމު ބިނާކޮށް އާރާސްތު ކުރުމުގައި މުހިންމު ދައުރުތަކެއް އަދާކުރި އަދި މިހާރު އަދާކުރަމުންދާ ލީޑަރުންތަކެއް ކަމަށް އާއިޝާ ވިދާޅުވިއެވެ. އަދި ކުރިމަގުގައި ވެސް ގައުމަށް ހިދުމަތްކުރާ ލީޑަރުންތަކެއް މަޖީދިއްޔާ ސުކޫލުން އުފެދިގެންދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް އާއިޝާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު