އަންހެނުން ކަމަކަށް ކުރިމަތިލާނަމަ ވަރަށް ދުއްތުރާތަކާ ކުރިމަތިވާ ކަމަށާއި އެކަމަކުވެސް ގޮތްދޫނުކޮށް ކުރިއަށް ދިއުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ)ގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ މިރޭ ގޮވާލައްވައިފިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖުމުހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ނާއިބު ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ބައެއް ކަނބަލުން ކަންކަމާ ކުރިމަތިލާއިރު އެހީވާނެ ފަރާތްތައް މަދު ކަމަށެވެ. އެހެންކަމުން އަންހެނުން އަންހެނުންގެ ފަހަތުުގައި ތިބުން މުހިއްމު ކަމަށާއި އަންހެނުންގެ އަދަދު މާ ގިނަކަމަށް ނަހުލާ ވިދާޅުވިއެވެ. އެކަމަނާ ވަނީ އަންހެނުންނަށް ކުރާ ފުރައްސާރައަކަށް ބެލުމެއްނެތި ކުރިއަށް ދިއުމަށް އިލްތިމާސް ކުރަށްވާފައެވެ.

"އަޅުގަނޑު ތި ލޮބުވެތި ކަނބަލުންނަށް ދަންނަވާލަން އޮތީ ގޮތް ދޫނުކުރަށްވައްޗޭ! ފިސާރި ކެރިގެން ފޯރި އާއި ޖޯޝާއެކު ނިކުމެ މަސައްކަތް ކުރަށްވާށޭ. މާތް ﷲ އިރާދަފުޅުން ކާމިޔާބުވާނެ އޭ." ނަހުލާ ވިދާޅުވިއެވެ.





ނަހުލާ ވިދާޅުވީ މިންތީގެ ހަމަހަމަ ކަމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން ފިރިހެނުން މިހާރު ގަބޫލުކުރާ ވިސްނުން ވެސް ބަދަލުކޮށް އަންހެނުންނަށް ޖާގަ ދޭންޖެހޭ ކަމަށް ނަހުލާ ވިދާޅުވިއެވެ.



"އަޅުގަނޑުމެންގެ (އަންހެނުންގެ) ވިސްނުމާއި އަޅުގަނޑުމެންގެ ބަސް، ކަންތައްތައް ނިންމުމުގައި، ޕޮލިސީ މޭކް ކުރުމުގައި ހިމަނަން އެބަޖެހޭ،" ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަހުލާ ވިދާޅުވީ ގައުމުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން މުހިންމު ކަމަށެވެ. އޭގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ގޭގައާއި އޮފީސް މާހައުލުގައި ދިމާވާ މައްސަލަތަކުގައި އަޑު އުފުލަން ނުކެރި ނުވަތަ އެހެން މީހަކާ އެ ވާހަކަތައް ހިއްސާ ކުރަން ނުކެރޭ ހާލަތުތައް އަންހެނުންނަށް ވަރަށް ގިނައިން ކުރިމަތިވާ ކަމަށެވެ. ނަހުލާ ވަނީ އަންހެނުން އަމިއްލައަށް ކަންކަމާ ކުރިމަތިލައި އަމިއްލަ ނަފުސު ކޮޅަށް ޖެހުމަށް ގޮވާލައްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ އަބަދުވެސް އަންހެނުންނަށް ވިސްނައިދީފައި އޮންނަނީ އެފަދަ ހަފުލާތައް އެ މީހުންނަށް ނުބޭއްވޭނެކަން ކަމަށެވެ. އެކަމަކު، އެކި ފިކުރާއި އެކި ވަޒީފާތަކުގައި އުޅޭ މީހުން ރޭގެ ޖަލްސާގައި އެއީ ދޮގެއްކަން ސާބިތު ކޮށްދީފި ކަމަށް ވިދާޅުވެ ނަހުލާ ވަނީ ޖަލްސާއަށް ހާޒިރުވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަށްވާފައެވެ. ރޭގެ ޖަލްސާގައި ނަހުލާ ވަނީ ސިޔާސީ ދާއިރާއަށް ނިކުމެވަޑަައިގަތުމުން އެކަމަނާއަށް ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ ނަހުލާގެ އިތުރުން، މިޖަލްސާގައި ތަފާތު އެކި ދާއިރާތަކުން ތަޖުރިބާކާރު ބޭފުޅުންތަކެއް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އަންހެނުންނަށް ދިމާވާ އެކިއެކި ސިއްހީ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތުދީ، ހޭލުންތެރިކުރުވުމާއި އަދި ޖަލްސާއަށް ހާޒިރުވި ކަނބަލުންގެ ސުވާލުތަކަށް ޑރ ނަޒްމާ ހަމީދު ޖަވާބުދެއްވިއެވެ.

މިޖަލްސާގައި ކަނބަލުންގެ ބޮޑުބެރު ޓީމެއް ކަމަށްވާ ފަތްމިނި ގުރޫޕްގެ ފޯރިގަދަ ހުށައެޅުން ތަކެއް ވެސް ވަނީ ހުށަައަޅައިދީފައެވެ.

އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 8 ވަނަ ދުވަހެވެ. އެދުވަހަކީ އިގްތިސާދީ، ސިޔާސި އަދި އިޖްތިމާއި ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު