ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު ކަމަށް ޕީޕިއެމްގެ ޓިކެޓް ހޯއްދެވުމަށް އެދާއިރާގެ މެމްބަރުކަން ކުރެއްވި މަރުހޫމް އިބްރާހިމް ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާ ކުރިމަތިލައްވައިފިއެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންދަނިކޮށް މެލޭޝިޔާގައި އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ވަނީ ހުސްވެފައެވެ. ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލުމުން ޕީޕިއެމްގެ ޓިކެޓްގައި ވާދަކުރުމަށް މަރުހޫމް އިބްރާހިމް ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާ ވަނީ ކުރިމަތިލައްވާފައެވެ.

ޕީޕިއެމްގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވިއިރު އެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަައަޅުއްވާފައިވަނީ ހުސައިން ރިޒާ އެކަންޏެވެެ. އެހެންކަމުން ޕްރައިމަރީ އަކާއި ނުލައި ހުސައިން ރިޒާއަށް މިހާރު ވަނީ ޕީޕިއެމްގެ ޓިކެޓް ލިބިވަޑައިގެންފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެހެންކަމުން މި މަހުގެ 11 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްއެންޕީގެ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް އެ ޕާޓީންވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމްއެންޕީން ބުނީ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ މި މަހުގެ 10 ވަނަ ދުވަހު ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު