ޕާޓީން ވަކިވާ ހިތްވާ ބަޔަކު ވަކިވާންވީނުންތޯއޭ ވިދާޅުވެ، އެމްޑީޕީން ވަކިވާން ބޭނުންވެގެން އެވާހަކަ ދެއްކެވި މެމްބަރުންނަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރައްދުދެއްވައިފިއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި މައްޗަން ގޮޅި މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ޕާޓީން ވަކިވާން ބޭނުންވާކަމަށް ބުނެ އެ ވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކާފައެވެ.

އެ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެމްބަރު ޝަރީފް ވިދާޅުވީ ޕާޓީން ވަކިވާ ހިތްވާ ބަޔަކު ވަކިވާންވީކަމަށެވެ. އަދި ވަކިވިޔަސް، ނުވިޔަސް ވާނީ މިހާރުވެސް މިވާ ގޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.



އަފީފް މިއަދު ވިދާޅުވީ އޭނާ ތާއީދު ނުކުރަށްވާ ބިލަކަށް ތާއީދުކުރަށްވަން އޭނާ ނިސްބަތްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ވިޕް އެންގިޔަސް އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކޮންމެ ފިޔަވަޅެއް އެޅިނަމަވެސް މައްސަލައެއް ނެތްކަމަށް އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށްޓަކާ، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް. އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލަމެންޓްރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދީފިއްޔާ." އަފީފް ވިދާޅުވިއެވެ.

މަޖިލީހުގައި މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވެސް މިއަދު ވަނީ ޕާޓީން ވަކިވާން ބޭނުންވާކަމަށް ވިދާޅުވެ، އެކަމާއި މެދު ރައީސް ނަޝީދާއެކު މަޝްވަރާކުރަށްވަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު