ޕްރައިވެޓައިޒް ކުރެވޭނެ ސަރުކާރުގެ ކުންފުނިތަކުގެ ލިސްޓެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޕްރައިވެޓައިޒް ކުރެވޭނެ ކުންފުނިތަކުގެ ލިސްޓެއް ރައީސް އޮފީހަށް ފޮނުވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީންނެވެ.

ޕްރައިވެޓައިޒް ކުރެވޭނެ ކުންފުނިތަކުގެ ލިސްޓެއް ރައީސް އޮފީހަށް ފޮނުވާފައިވާއިރު، ސަރުކާރުން ވަނީ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން އާމްދަނީ ހޯދުމަށް ބަޖެޓް ވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީސީބީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ޔާމީން ވިދާޅުވީ ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕްރައިވެޓައިޒް ކުރެވިދާނެ ކުންފުނިތަކެއްގެ ލިސްޓް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާކަމަށެވެ. އަދި ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ހަދަންޖެހޭ ގަވާއިދުތައްވެސް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.



ޕްރައިވެޓައިޒް ކުރެވޭނެ ކުންފުނިތަކުގެ ލިސްޓެއް ރައީސް އޮފީހަށް ފޮނުވިޔަސް، އެ ލިސްޓުގައިވާ ކުންފުނިތަކުގެ މައުލޫމާތު ޕީސީބީން ހާމައެއް ނުކުރެއެވެ.

ޔާމީން ވިދާޅުވީ ޤާނޫނުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓްކުރުމުގެ މަސައްކަތްކަމަށާއި ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި އަދި ކުރިއަށް ނުދާކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި ނެތް ކަމެއް. އެހެންނަމަވެސް، ހަދަންޖެހޭ ޤަވާއިދުތަކާއި އެއްޗެހި ހަދާފައި އަޅުގަނޑުމެން ވާނީ ރައީސް އޮފީހަށް ފޮނުވާފައި." ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު ޕަރައިވެޓައިޒޭޝަން ޕްރޮގްރާމްއެއް އެކުލަވާލައި، ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 2 ބިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު