އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވިޕް ލައިނާއި ހިލާފުވެގެން ފިޔަވަޅު އެޅިޔަސް މައްސަލައެއް ނެތްކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން އަފީފް ވިދާޅުވީ ސަރުކާރުން މިހާރު މަޖިލިހަށް ފޮނުއްވާ ގިނަ އިސްލާހުތަކަކީ މާ އޮއްޓަރު ހުރި އިސްލާހުތަކެއް ނޫންކަމަށެވެ. އެގޮތުން ގިނަ ފަހަރު ބިލުތައް އަންނަނީ ކޮންމެވެސް މުއްދަތެއް އިތުރުކުރަންކަމަށާއި، ރައްޔިތުންނަށް ފައިދާއެއްވާނެ ބިލެއް ނާންނަކަމަށެވެ.

އަފީފް ވިދާޅުވީ ރައްޔިތުންނާއި ފައިދާވާ ކަންކަމަށް އޭނާ މަޖިލީހުގައި އަބަދުވެސް ތާއީދުކުރައްވާނެކަމަށެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައިކަމަށާއި، ރައްޔިތުންނަށް ފައިދާއެއް ނެތްކަމެއްގައި އޭނާ ބައިވެރިވެވަޑައި ނުގަންނަވާނެކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އޭނާ ތާއީދު ނުކުރަށްވާ ބިލަކަށް ތާއީދުކުރަން އޭނާ ނިސްބަތްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ވިޕް އެންގިޔަސް އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކޮންމެ ފިޔަވަޅެއް އެޅިނަމަވެސް މައްސަލައެއް ނެތްކަމަށް އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށްޓަކާ، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް. އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލަމެންޓްރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދީފިއްޔާ." އަފީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެންމެ ސީނިއާރ މެމްބަރުންގެ ތެރޭގައި ހިމެނޭ ހަސަން އަފީފަކީ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރެކެވެ. ނަމަވެސް މިހާރު ހިނގަމުންދާ މަޖިލީހަށް އިންތިހާބުވިއިރު ރައީސް ސާލިހުގެ ފަރާތުން މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހުށަހެޅީ އަފީފްގެ ނަންފުޅެވެ. ރައީސް ނަޝީދު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަންފުޅެވެ. ނަމަވެސް މިއަދު އަސްލަމް ހުންނެވީ ރައީސް ސާލީހުއާއެކުއެވެ. އަފީފް ހުންނެވީ ރައީސް ނަޝީދާއެކުއެވެ.



ކިޔުންތެރިންގެ ހިޔާލު