6 މަސް ފަހުން ޕީޕީއެމް އޮންނާނީ ވެރިކަމުގައިކަމަށާއި އޭރުން ނިކަން ރަނގަޅަށް ޖުޑީޝަރީ އިސްލާހުކޮށްލައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ހިންގެވުމާއި ހަވާލު ހުންނެވި ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ހައި ކޯޓަށް ހުށަހަޅާފައިވާ ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލަ ކޯޓުން ބަލައިގަތުން ލަސްވުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިއަދު ވަނީ ހައިކޯޓަށްވެސް ވަޑައިގެންފައެވެ.

އަދުރޭ ވިދާޅުވީ ހައިކޯޓަށް ވަޑައިގެންނެވީ ރަޖިސްޓްރާއާ ބައްދަލުކުރައްވަންކަމަށާއި، ނަމަވެސް އޭނާއާ ބައްދަލުނުވިކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްސަލަ ހައިކޯޓަށް ބަލައިގަންނަންދެން ކޮންމެ ދުވަހަކު ކޯޓަށް ދާނެކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.

ޖުޑިޝަރީއަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ 6 މަސް ފަހުން ޕީޕީއެމް އޮންނާނީ ވެރިކަމުގައިކަމަށާއި އޭރުން ނިކަން ރަނގަޅަށް ޖުޑީޝަރީ އިސްލާހުކޮށްލައްވާނެކަމަށެވެ.

"އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެ ދުނިޔެ އުމުރަށް މިހެން މިކަން އޮންނާނެއޭ. 6 މަސްދުވަސް އޮތީ އިރާދަކުރެއްވިއްޔާ. 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރު ބަދަލުވާނެ. އަޅުގަނޑުމެން މި އަންނަނީ ވެރިކަމަށް. ޖުޑީޝަރީ އިސްލާހުކުރަން މި އަންނަނީ މިފަހަރު. މިފަހަރު އަޅުގަނޑުމެން ޖުޑީޝަރީ އިސްލާހުކުރާނީ ނިކަން ރަނގަޅަށް." އަދުރޭ ވިދާޅުވިއެވެ.

ވ. އާރަށު މައްސަލައިގައި 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ރައީސް ޔާމީން ޖޫރިމަނާކޮށް ހުކުމް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އަދިވެސް ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު