ވިޔަފާރިތަކުން ބޮޑު އަގުގައި ޑޮލަރު ގަނެގެން ވިޔަފާރި ހިންގަންޖެހޭނަމަ، ޑޮލަރު ގަންނަން ކުރާ ހޭދަ ޓެކްސް ފައިލްކުރާއިރު ހިމެނުމަށް ހުރަހެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ވިޔަފާރިތަކުން ބޮޑު އަގުގައި ޑޮލަރު ގަނެގެން ވިޔަފާރިކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.

މެންބަރު ރަޝީދު ކުރެއްވި ސުވާލުގައި ވިދާޅުވީ ޓެކްސް ސަބްމިޝަންގެ ގޮތުގައި މީރާއިން ބަލާ މިންގަނޑަކީ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓު ކަމަށާއި ނަމަވެސް ބްލެކް މާކެޓްގައި ޑޮލަރެއް ލިބެނީ 17 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑުކޮށް ކަމަށެވެ. އެހެންކަމުން ވިޔަފާރިތަކުން އަސްލު ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް ޕްރޮފިޓް ޓެކްސް ދައްކަންޖެހި، ގެއްލުން ވަމުން އަންނަ ކަމަށާއި، މިކަން ހައްލުކުރުމަށް މިނިސްޓްރީން އަޅުއްވާ ފިޔަވަޅަކީ ކޮބައިތޯ ސާފުކުރުމަށް މެންރު އެދިވަޑައިގެންފައި ވެއެވެ.

މެމްބަރުގެ ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރ އަމީރު ވިދާޅުވީ ޑޮލަރު ގަތުމުގެ ޚަރަދުތައް ލިޔެކިޔުމުން ބަލަހައްޓާފައިވާނަމަ، އެ ޚަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމަށް ހުރަހެއް ނެތް ކަމަށެވެ.

"ރަސްމީ ބޭންޑަށްވުރެ މަތީ ރޭޓަކުން ވިޔަފާރިތަކުން ބޭރު ފައިސާ ގަނެ ކޮސްޓް އޮފް ސޭލްސްގެ ތެރޭގައި މި ހަރަދު ހިމެނޭކަން ޔަގީންކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހައްޓާފައިވާނަމަ މި ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމުގައި ހުރަހެއް ނެތް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްްޓަރ ވިދާޅުވީ ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެމްއެމްއޭއާއިއެކު ޑީ ޑޮލަރައިޒޭޝަން ސްޓްރެޓަޖީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގައި ޑޮލަރު ނުލިބުމާއި ޑޮލަރު އަގުބޮޑުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިކަމަށް މިހާތަނަށް އައިއިރު އެއްވެސް ހައްލެއް ލިބިފައިނުވާއިރު، މިކަމުގެ ސަބަބުން ވިޔަފާރިވެރިންނާއި އާއްމުން އުފުލަންޖެހޭ ތަކުލީފު ވަނީ ވަރަށް ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު