ދަރިވަރުންގެ ހުނަރުތައް ކުރިއެރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަަތަށް އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ޝުކުރު އަދާކުރައްވައިފިއެވެ.

ޝާހު މިކަމަށް ޝުކުރު އަދާކުރެއްވީ ޖަމާލުއްދީން ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަށްޓަކައި ޖަމާލުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހުއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމުން ދަސްވި ކަންކަން އަމަލީ މައިދާނުގައި ހިފުމަށް އެދިލެއްވިއެވެ. އަދި ސްކޫލު ވަށައިގެންވާ ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީ ދަތުރު ކުރަމުން ދާއިރު ސްކޫލުތައް ކައިރީ ދަރިވަރުން ހަރަކާތްތެެރިވާ ތަން ފެނުމުން އުފާވާކަމާއި ޖަމާލުއްދީން ސްކޫލު ކައިރިން ދަރިވަރުންފެނި ކުދިންނަށް ސެލިއުޓް ކޮށްލާފައި ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ މިފަދަ ހުނަރުތައް ކުރިއެރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާއި މުއާމަލާތު ކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

އޭގެ އިތުރުން، ސެލްފް ޑީފެންސް ކްލާސްތަކާއި ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ފެބުރުވަރީ 25 އިން މާރިޗު 3 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ޖަމާލުއްދީން ސްކޫލްގެ 29 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސްކޫލުތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު