މި އަހަރުގެ ރޯދަ މަހަށް ހަނދު ބެލުން މި މަހުގެ 21 ވަނަ ދުވަހު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށް، ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށާއި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސްދޭނީ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލު އިދާރާތަކާއި އަތޮޅު ކައުންސިލު އިދާރާތައް ހުޅުވާފައި ހުންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު