ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޝަރުއީ ނިޒާމް އިސްލާހުކުރަން ވެރިކަމަށް އައިމީހުން އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލު ކުރުން ނޫން ކަމެއް ނުކުރާ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައީ ޝަރުއީ ނިޒާމް އިސްލާހުކުރާނެ ކަމުގެ ވައުދާ އެކުކަމަށެވެ. އެގޮތުން ޖޭއެސްސީ އިސްލާހުކުރުމުގެ ވައުދާއެކު ވެރިކަމަށް އަައި ފަރާތްތަކުން އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލު ކުރުން ނޫން ކަމެއް މިހާތަނަށް ކޮށްފައިނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ޝަރުއީ ނިޒާމް އިސްލާހުކުރަން ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އޮތް ބާރުތަކެއް ޖޭއެސްސީ އަށް ދަމައިގަތުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އެއީ ޑީޖޭއޭގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތުތަކާއި އެކަންކަން، އެމަސްއޫލިއްޔަތުތައް ރިޕޯޓްކުރަން މިޖެހެނީ ޖޭއެސްސީއަށް މިހާރު އޮންނަގޮތުން ވެއްޖެއްޔާ އެހެންވީމަ އަނެއްހެން ބުނާކަމަށް ވަނީވިއްޔާ ގެނެވުނު އިސްލާހެއް ވެއްޖެއްޔާ ގެނެސްފައި މިހިރީ ބާރުތަށް އަތަށް މަހާލަން، އިތުރުކަމެއް ނެތް ކުރެވިފައެއް،" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ޓީމުން ޖޭއެސްސީ އާއި ދާދިފަހުން ބައްދަލުކުރި ކަމަށާއި، ރައީސް ޔާމިން 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ހައިކޯޓުގައި މިހާރު އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލަ މިހާތަނަށް ކޯޓަށް ބަލައިގެންފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމިން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ގާޒީ ހައިކޯޓަށް އައްޔަން ކުރަން ނިންމުމުން އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީ ރައީސް ސާލިހުގެ ސަރުކާރުގެ ރިޔާސީ ވައުދެކެެވެ. އެހެންނަމަވެސް މި ސަރުކާރުގެ ރިޔާސީ ދައުރު ހަމަވުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކޮށްފައިނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު