މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް, އެމްއާރުއީއައިސީން 2007 ވަނަ އަހަރު ބަޔަކަށް ދީފައިވާ 5 ލައްކަ ޑޮލަރު އަނބުރާ ހޯދަން އޭސީސީން އަންގައިފިއެވެ.

ހުޅުމާލޭގައި 690 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތާއި ގުޅިގެން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007ވަނަ އަހަރު ދީފައިވާ 550000 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު ދަޢުލަތަށް އަނބުރާ ހޯދުމަށް އެމް.ޓީ.ސީ.ސީއަށާއި އެމްއާރުއީއައިސީއަށް ވަނީ އަންގައިފައެވެ.

އޭސީސީން މިގޮތަށް އަންގާފައިވަނީ އެމް.އާރު.އީ.އައި.ސީން "އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައި.އެފް.ސީ.އޭ) ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭގޮތަށް 550,000.00 އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށްފަހުގައެވެ.

އޭސީސީން ބުނީ އައި.އެފް.ސީ.އޭއަށް ދީފައިވާ 550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައި.އެފް.ސީ.އޭއިން ހޯދުމަށްފަހު އެމް.އާރު.އީ.އައި.ސީއަށް އަނބުރާ ޙަވާލުކުރަންޖެހޭ ފައިސާކަމަށެވެ. އަދި އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމް.ޓީ.ސީ.ސީން އެމް.އާރު.އީ.އައި.ސީއަށް ދީފައިވާ ފައިސާކަން އެނގޭއިރު، އައި.އެފް.ސީ.އޭއިން މިއަދާ ހަމައަށްވެސް އެ ފައިސާ އަނބުރާ އެމް.އާރު.އީ.އައި.ސީއަށް ދީފައިނުވާކަމަށްވެސް އޭސީސީން ބުނެއެވެ.

އެހެންކަމުން މި މައްސަލާގައި ހިމެނޭ 550,000.00 (ފަސްސަތޭކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާތީ، އެފައިސާ ދަޢުލަތަށް އަނބުރާ ހޯދުމަށް އެމް.ޓީ.ސީ.ސީއަށާއި އެމް.އާރު.އީ.އައި.ސީއަށް އޭސީސީން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު