ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ މި ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. އެ ނިންމުން ތަންފީޒުކުރުމަށް މިހާތަނަށް އައިރު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ގުޅީފަޅަށް ޕޯޓް ބަދަލުކުރުމަށް ބޭނުންވާ ބިމުގެ ބައެއް މިހާރު ވަނީ ހިއްކާފައެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ ގޮތުން ގުޅީފަޅުން ބިން ހިއްކަން ފަށަން ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މީގެކުރިން ބޭނުންވާ ބިމުގެ އެއްބައި ހިއްކާފައިވާއިރު، އަނެއް ބައި ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަނެއްބައި ހިއްކުމުގެ މަސައްކަތްތަކުގެ ދަށުން މިހާރު ޑްރެޖަރ އޮތީ އައިއްސަ. ދެން އެބިން ހިއްކާ ނިމެންވާއިރަށް ކޮންޓްރެކްޓަރަަކާއި ހަވާލުކުރެވޭނެ.މިހާރު 4 ކޮންޓްރެކްޓަރުން ޕްރީ ކޮލިފައިކޮށްފައި." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް 2 އަހަރު ދުވަސް ތެރޭގައި މާލެ ވިޔަފާރި ބަނަދަރު ގުޅީފަޅަށް ބަދަލުކުރެވި، ބޭނުންކުރަން ފެށޭނެކަމަށެވެ. ގުޅީފަޅު ހިއްކުމަށާއި، ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ވަނީ ހިިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު