ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެއްބުރުން ކާމިޔާބުކުރާނެކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤް، މޯޑްު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަޒުބާތުން ފުރިގެންވާ ރައްދެއް ދެއްވައިފިއެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސެއްގައި ވާހަކަފުޅުދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ކޯލިޝަން ދަމަހައްްޓާ ބޭފުޅެއްކަމަށެވެ. އަދި ކޯލިޝަންގެ ބައިވެރިންނަކީ ރައީސް ސާލިހަށް އިތުބާރުކުރާ ފަރާތްތަކެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝަފީގު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ކޯލިޝަނާއެކު ވެރިކަމަށް ވާދަކުރައްވާނެކަމުގެ އުއްމީދު ރައީސް ސާލިހު ރައްޔިތުންނަށް ދެއްވަމުންދާކަމަށެވެ.

"މިހާރުވެސް ރާއްޖޭގައި މިއޮތް އަމާންކަމާއި އޮމާންކަމާއެކު އެއްބުރުން އިންތިހާބު ކާމިޔާބުކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު އެ ގެންދަވަނީ ދެއްވަމުން." ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤް ވިދާޅުވިއެވެ.

މޯޑު ވިދާޅުވީ ރައީސް ސާލިހު ވިދާޅުވި ގޮތަށް އެއްބުރުން އިންތިހާބު ކާމިޔާބުކުރަން އޭނާވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

މޯޑުގެ ވާހަކަތައް ނިމުމާއެކު ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ނަޝީދު ކުރުކޮށް ވިދާޅުވީ ކަންކަމަށް މީހުން އުއްމީދުކުރާ ވަރާއި، ލިބޭ ވަރު ތަފާތުކަމަށެވެ.

"ހިތް އެދޭ މިންވަރާއި ލިބޭ މިންވަރުގެ ތަފާތު ފެންނަނީ އަބަދުވެސް." މޯޑުގެ ވާހަކަތަކަށް ރައްދުދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤަކީ ކުރިން ރައީސް ނަޝީދާއެކު ހުންނެވި މެމްބަރެކެވެ. ނަމަވެސް ޝަފީގު މިއަދު ފާހަގަވެފައިވަނީ ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު