ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ފަރާތުންނެވެ.

ކުރީގެ ރައީސް ޔާމީނަށް އާރަށުގެ މައްސަލައިގައި 11 އަހަރުގެ ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޝަކީލު ކްރިމިނަލް ކޯޓަށް އައްޔަންކުރަން ނިންމި ހިސާބުން އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ވަނީ މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީނަށް ހުކުމް ކުރުމުގައި ކޮރަޕްޝަންގެ ކަންކަން ހިމެނޭކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

މީގެ ކުރިން ވެސް، ޔާމީން ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާއިރު، ފަހުން ޝަކީލަށް ވެސް ކުރިއެރުން ދޭން ނިންމާފައިވާތީ ޔާމީންގެ މައްސަލަތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް އިއްވި ގާޒީ އަހުމަދު ޝަކީލް ހައި ކޯޓުގެ މަގާމަކަށް އައްޔަންކުރުމަކީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސް އަޅައި، އެ މައްސަލައަށް ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ފޯރުވުމަށް ކުރާކަމެއްކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ޕީޕީއެމުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު