ކުރިން ވެއްޓުނު އަނދަވަޅަށް ވެއްޓެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ބޭނުންފުޅު ނުވާނެކަމަށް ކޮމަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަފާނެކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

މެމްބަރު ރާޝިދު ވިދާޅުވީ ދިވެހިން ދުވަހަކު ނުދެކޭފަދަ އަނިޔާވެރި އަނދިރި ދުވަސްތަކަކުން މި ޤައުމު ސަލާމަތް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށެވެ. އަދި އެކަމުގައި ޤާސިމްގެ ދައުރު ވަރަށް ބޮޑުކަމަށް ރާޝިދު ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ ރަނގަޅު ގޮތްތަކެއް ވާން އޮތީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދީގެންކަމަށެވެ. އަދި ކުރިން ވެއްޓުނު އަނދަވަޅަށް ދިވެހި ޤައުމު ވެއްޓޭން ޤާސިމް ބޭނުންފުޅު ނުވާނެކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.

"ދިވެހިން ދުވަހަކު ނުދެކޭފަދަ އަނިޔާވެރި އަނދިރި ދުވަސްތަކަކުން މި ޤައުމު ސަލާމަތް ކޮށްދެއްވީ އިބޫ! މިކަމުގައި ޤާސިމްގެ ދައުރު ބޮޑު. ޤައުމަށް މޮޅެއް ހެވެއް އޮތީ އިބޫ އަށް 2 ވަނަ ދައުރެއް ދީގެން. ކުރިން ވެއްޓުނު އަނދަވަޅަށް ދިވެހި ޤައުމު ވެއްޓޭކަށް ލ ޤާސިމް ބޭނުންފުޅެއްް ނުވާނެ." ރާޝިދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަފާނެކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓެއް ނެރެން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރުމަށާއި، ކޯލިޝަނެއް ހަދަންޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި، އިހްްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ބޮޑަށް ރައްކާތެރި ކުރެވޭނެ ގޮތް ކަމަށް ނިންމާފައެވެ.

ޖޭޕީގެ ކައުންސިލުން މި ގަރާރު ގަރާރު ފާސްވީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ޖޭޕީން މަޢުލޫމާތުދެއެވެ.

މި ޤަރާރު ފާސްވުމާއެކު ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ލިބިވަޑައިގެންފައެވެ.

ޤާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.

މިސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިވަގުތު އޮތް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާމެދު ނިންމަވާ ނިންމުމަކާއެކު ސިޔާސީ މަންޒަރުވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް މަސްރަޙު ދިރާސާކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ.

2008 ވަނަ އަހަރުންފެށިގެން މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބު ކޮށްފައިވަނީ ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތާޢީދު ކުރެއްވި ކެންޑިޑޭޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު