އައްޑޫގެ ޓޫރިޒަމަށް ދިރުމެއް އައުމުގެ ކުލަވަރު ދަނީ ފެންނަމުންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝަރީފް ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ދަށުން ފަތުރުވެރިކަމުގެ އެނދު އިތުރުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ބޭރު ބަޔަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި އައްޑޫގެ ފަތުރުވެރިކަމަށް އައު ދިރުމެއް އަންނަ މަންޒަރު ފެންނަމުންދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އައްޑޫގެ ޓޫރިޒަމަށް އާ ދިރުމެއް އައުމުގެ ކުލަވަރު ފެންނަން ފަށައިފި. އައްޑޫ ޓުރިޒަމް ހިންގުމަށް އައު ވިސްނުންތަކެެއް ގެންގުޅެންޖެހޭނެކަމަށް ސަރުކާރުން ގަބޫލުކުރޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހަންކެޑެ ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުން ވަނީ ހަމަޖައްސާފައިކަމަށާއި، ގެސްޓް ހައުސް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ އަމިއްލަ ފަރާތްތަކަށް ހޯދައިދިނުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެއިތުރުން ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާކުކުރެވިފައިވާކަންވެސް ޝަރީފް ފާހަގަކުރެއްވިއެެވެ.

"ގަން އެއަރޕޯޓް އިތުރަށް ތަރައްގީކުރުމާއެކު ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ ޕްރޮޖެކްޓްތައް ނިމުމުން އައްޑޫ ޓޫރިޒަމް ހަގީގީ މާނައިގައި އިރާދަކުރެއްވިއްޔާ ހިނގައިގަނެ، ރައްޔިތުންެގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހެން ފަށާނެ." ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒުވެސް މި ސަރުކާރުން އައްޑޫގައި ހިންގާ އުމްރާނީ މަޝްރޫޢުތަކާއެކު ތަރައްޤީގެ ރޮނގުން އެތައް ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢާއެކު 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ގަން އެއަރޕޯޓާއެކީ ފަތުރުވެރިކަމުގެ އެނދުތައް މާކެޓަށް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، ހަންކެޑެ ތަރައްޤީކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި، އައްޑޫ ސިޓީ ވިލިނގިލީގައި ޤާއިމްކޮށްފައިވާ ރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ބިން ހިއަކުމުގެ މަޝްރޫޢުގެ ތެރެއިން ރިސޯޓުތައް ތަރައްޤީ ކުރުމާއި މުޅިން އަލަަށް 5 ރަށެއް ހިއްކަމުން އެބަދޭ. ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީ ކުރުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ފައިނޭންސް ހޯދުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ޕްރޮގްރާމެއް ރާވައިގެން މިހާރު މިދަނީ ގެސްޓް ހައުސްތަކުގެ ވެރިފަރާތްތަކާއެކު ވާހަކަ ދައްކަމުން." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެއަރޕޯޓުގެ މަޝްރޫޢުއާއެކު ފަތުރުވެރިކަމުގެ އިތުރުން އައްޑޫގެ މަސްވެރިކަމަށްވެސް ވަރަށްބޮޑު ދޮރެއް ހުޅުވިގެންދާނެކަމަށެވެ. އެގޮތުން ކަންނެލި މަސްވެރިކަންކުރާ މީހުން ބާނާ މަސް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައްވެސް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު